ކ. މާލެ
|
31 ޑިސެންބަރ 2021 | ހުކުރު 12:54
އެޗްޑީސީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު،
އެޗްޑީސީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު،
ރާއްޖެއެމްވީ
ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތް
ހިޔާ ފްލެޓްގެ ފިނިޝިންގއަށް ދިން އިތުރު ތިން މަސް ތެރޭގައި މަސައްކަތް ނުނިމޭނަމަ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ: ސުހައިލް
ލަސްވަންދެން ރޭގަނޑު މަސައްކަތް ކުރާތީ ބައެއް މީހުންގެ ޝަކުވާ ލިބެމުންދޭ
ފައިނޭންސް ގޮތުން ވެސް ބައެއް ދަތިތައް ކުރިމަތިވާނެ
ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ފޯރުކޮށްދޭނެ

ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތްކުރުމަށް ދިން އިތުރު ތިން މަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ ކަމަށާއި، މަސައްކަތް ނުނިމި ދިގުލައިގެންދާނަމަ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލުކުރުމުގެ ގޮތުން ފްލެޓްތައް ނިންމުމަށް، ކުލި ނުނަގައި އިތުރު ތިން މަސްދުވަސް، ފްލެޓްތަކުގެ ވެރިންނަށް ދޭން ސަރުކާރުން ނިންމާފައިވާކަން އިއުލާން ކޮށްފައިވަނީ 26 ޑިސެންބަރު 2021 ގައި ބޭއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ. އަދި އެމަނިކުފާނު ވިދާޅުވީ 2022 ވަނަ އަހަރުގެ މާރިޗު މަސް ނިމޭއިރު، ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމައި އެތަނުގައި ފްލެޓް ލިބުނު ފަރާތްތަކަށް ދިރިއުޅެން ފެށޭވަރު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިކަމަށް އިޝާރާތް ކުރައްވައި ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ސުހައިލް ވިދާޅުވީ ފެލްޓްތަކުގެ ފިނިޝިންގެ މަސައްކަތް ކުރުމަށް އެގްރިމެންޓް ކުރިވިގެން ދިޔައިރު ވެސް ގާތްގަނޑަކަށް ހަތަރު މަސް ދެވިފައިވާ ކަމަށެވެ. ނަމަވެސް ބައެއް މީހުންނަށް ދިމާވި އެކިއެކި ސަބަބުތަކާ ގުޅިގެން ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާއެކު، ގިނަ ބައެއްގެ ޝަކުވާ ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ފައިސާގެ ދަތިކާމާއި، ފިނިޝިންގެ މަސައްކަތަށް ބޭނުންވާ އާލަތްތައް ބޭރުން ގެނައުމުގައި ލަސްތަކެއް ކުރިމަތިވުމުގެ އިތުރުން ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ވެސް މަސައްކަތް ނިންމާ ނުލެވުނު މީހުން ތިބި ކަމަށް ސުހައިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މަސައްކަތް ނިންމާނުލެވުމާއެކު، ނުވަތަ މަސައްކަތް ނުނިންމޭނެކަން ޔަގީންވުމާއެކު ފްލެޓްތަކުގެ ވެރިން އެޗްޑީސީއަށް ވެސް މުއްދަތު އިތުރު ކޮށްދިނުމަށް އެދުނު ކަމަށެވެ. އަދި ގިނަ ރައްޔިތުންތަކެއް އެދުނު ގޮތަށް އެކަން ހަމަޖެހިގެން ދިއުމަކީ އުންމީދު ކުރި ކަމެއް ކަމަށް ސުހައިލް ވިދާޅުވިއެވެ.

މީގެ އިތުރުން ސުހައިލް ވިދާޅުވީ އިތުރު ތިން މަސް ދިނުމާއެކު ވެސް ބައެއް މައްސަލަތައް ފެންމަތިވަމުންދާ ކަމަށެވެ. އެގޮތުން ލަސްވަންދެން ރޭގަނޑު މަސައްކަތް ކުރާތީ ބައެއް މީހުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެމައްސަލަ ހައްލުކުރުމުގެ ގޮތުން ރޭގަނޑު މަސައްކަތް ނިންމަން ޖެހޭ ވަކި ވަގުތެއް ކަނޑައަޅައި އިއުލާން ކުރާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

އަޅުގަނޑުމެން ސަރވޭއެއް ކުރީ ދިރިއުޅޭ ފަރާތްތަކުގެ ހިޔާ ފްލެޓަށް ދެކޭ ގޮތާ ބެހޭ ގޮތުން. ވަރަށް ގިނަ މީހުންގެ ކޮންޕްލޭނެއް މިހާރު ވެސް ރޭގަނޑު ވަރަށް ދަންވަންދެން މީހުން މަސައްކަތް ކުރާ ވާހަކަ. މިހާރު އުދަނގޫވާނެ އެހެން ދިރިއުޅެމުންދާއިރު، ޖެހިގެން ހުންނަ ގޭގައި ޓައިލް ޖަހާ ޓައިލް ކަފާ މިހަދަނީ. މިހެން ހެދީމަ ކުނޑިއަރާ ކަންތައްތައް ވަންޏާ އުދަނގޫވާނެ. އެއީ އަޅުގަނޑުމެން ވަކި މުއްދަތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރި އެއް ސަބަބު. އުދަނގޫ މަދު ކުރުމަށް. މިތިން މަހުގައި ތެރޭގައި މަސައްކަތް ނިންމުމަށް ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކުރަންވާނެ. އެހެން ނޫނީ ވަރަށް ގިނަ ދަތިތައް ކުރިމަތިވާނެ. ދެން އަޅުގަނޑުމެންވާނެ ޖެނުއަރީ އެކަކުން ފެށިގެން ރޭގަނޑު މަސައްކަތް ހުއްޓާލަން ޖެހޭނެ ގަޑިއެއް ވެސް ކަނޑައަޅާފައި.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު

ސުހައިލް ވިދާޅުވީ ފައިނޭންސް ގޮތުން ވެސް ބައެއް ދަތިތައް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަސައްކަތް ހަވާލު ކުރެވުނު ކޮންޓްރެކްޓަރާ އެކު އެތަނުގެ ފިނިޝިންގ މަސައްކަތް ކުރުމަށް އެއްބަސްވެވިފައެއް ނުވެއެވެ. އެހެންކަމުން، މި ތަންތަން އާންމުންނާ ހަވާލު ކުރެވިފައިވަނީ ފިނިޝިންގ މަސައްކަތް ނުނިންމައެވެ. އެހެންކަމުން ފްލެޓްތަކުގައި މުށިޖެހުމާއި، ކުލަލުމާއި، ބަދިގެ ކަބަޑުސެޓު ޖެހުމާއި، ފަންކާއާއި ބޮކި ވެސް ހަރުކުރަންޖެހޭނީ ފްލެޓްތަކުގެ ވެރިންގެ ޚަރަދުގައި އަމިއްލައަށެވެ. އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ފުރަތަމަ ތިން މަސް ދިނީ ފިނިޝިންގ މަސައްކަތްތައް ކުރުމަށެވެ. މި މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާގޮތަށް ސަރުކާރުންވަނީ ލުއި ދީފައެވެ.

ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާއެވެ. އަދި ފްލެޓްގެ މެނޭޖްމެންޓް ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ.

- ކޮމެންޓް