ބަނގްލަދޭޝްގެ މަރުކަޒީ ބޭންކް ނުވަތަ ބަނގްލަދޭޝް ބޭންކުން ސްރީލަންކާއަށް މިއަހަރު ދޫކުރި 200 މިލިޔަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން ފެށުން ތިން މަހަށް އެ ބޭންކުން ފަސްކޮށްދީފިއެވެ. މުއްދަތު ފަސްކޮށްދިނީ ސްރީލަންކާއިން އެކަމަށް އެދިގެންނެވެ.
ކޮވިޑުގެ ސަބަބުން ސްރީލަންކާގެ ފަތުރުވެރިކަން ހުއްޓި އިގްތިސާދު ހީނަރުވެފައިވާތީ އެކަމުން އަރައިގަތުމަށް ނަގާފައިވަނީ ތިން ބަޔަކަށް ބަހާލައިގެން ޖުމްލަ 200 މިލިއަން ޑޮލަރުގެ ލޯނެކެވެ. މިއީ ބަންގްލަދޭޝް އާއި ސްރީލަންކާއާ ދެމެދު ވެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން ދޫކުރެވުނު ބިޔަ ލޯނެކެވެ. ލޯނުގެ ދަށުން ފުރަތަމަ 50 މިލިޔަން ޑޮލަރު ދޫކުރީ މިއަހަރުގެ އޮގަސްޓް މަހު 19 ވަނަ ދުވަހުއެވެ. އޭހެފަހުން 100 މިލިޔަން ޑޮލަރު ދޫކުރީ އޮގަސްޓް 31 ގައެވެ. އެންމެފަހު 50 މިލިޔަން ޑޮލަރު ދޫކުރީ ސެޕްޓެމްބަރު 21 ގައެވެ.
ދެގައުމުގެ އެއްބަސްވުމުގެ ދަށުން ސްރީލަންކާއިން ބަންގްލަދޭޝްއަށް ދައްކާނީ ލޯނުގެ ދެ ޕަސަންޓްގެ އިންޓަރެސްޓާއި ދުނިޔޭގެ މާލީ ކަންކަމަށް ރިއާޔަތްކޮށްފައި އެވަގުތަކު ރޭޓަށް އިތުރުވާ ބައެކެވެ. ލޯނުގެ އިންސްޓޯލްމަންޓު އުސޫލުތަކުގެ ދަށުން ހަމަސް ދުވަހުގެ ތެރޭގައި ލޯނު އަނބުރާ ދައްކަން ނުފަށައިފިނަމަ އިންޓަރެސްޓް ރޭޓް 2.5ށް މަތިވާނެއެވެ. ބަންގްލަދޭޝްއިން ތިން މަސް އިތުރުކޮށްދިނީ ކުރިން ހަމަޖެހިފައި އޮތް ހަމަސްދުވަހުގެ މުއްދަތަށެވެ.
ސްރީލަންކާއިން 200 މިލިޔަން ޑޮލަރުގެ ބޮޑު ލޯނެއް ބަންގާޅުގެ މަރުކަޒީ ބޭންކުން ނެގިއިރު ސްރީލަންކާގައި މިއަހަރުގެ އުފެއްދުންތެރިކަމުގެ ގޮތުން ބޮލަކަށް ޖެހޭ ނިސްބަތަކީ 4100 ޑޮލަރެެވެ. ބަންގްލަދޭޝްގައި އެ ނިސްބަތަކީ 2100 ޑޮލަރެވެ. މި ސަރަހައްދުގައި އެ ނިސްބަތް އެންމެ މަތީ ގައުމު ކަމަށްވާ ދިވެހިރާއްޖޭގެ ނިސްބަތަކީ 8200 ޑޮލަރެވެ.