ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ޢަބްދުލް ޙަންނާން އިދުރީސް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.
އެކަމާ ގުޅިގެން އެމްއެންޕީން ބުނީ ހޯމަ ދުވަހު، ޢަބްދުލް ޙަންނާނު އީސީއަށް ފޯމު ހުށަހަޅާފައިވާކަމަށެވެ. އަދި އޭނާގެ ކެންޑިޑެންސީ އީސީން ބަލައިގަނެފައިވާކަމަށްވެސް އެންއެންޕީން ބުނެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މިބާއްވަނީ އެދާއިރާގައި ހުންނެވި މެމްބަރ ޙުސައިން ވަޙީދު، ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، ޑިސެމްބަރު 16ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30ން ފެށިގެން ޑިސެމްބަރު 30ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
އެމްއެންޕީގެ އިތުރުން ދެން މިދާއިރާއަށް ކުރިމަތިލަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްއެވެ. އެމްޑީޕީން ވާދަކުރަނީ ށ. ފޯކައިދޫ މުހައްމަދު ރާޝިދެވެ. އޭނާއަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުޙީ އާދަމެވެ.
އެދާއިރާއަށް ވާދަކުރުމަށް އެމްޓީޑީން ނިންމާފައިވީނަމަވެސް ފަހުން އެޕާޓީން ބުނެފައިވަނީ ކެންޑިޑޭޓަކު ނުނެރުމަށް ނިންމާފައިވާކަމަށެވެ.
ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުވަރީ 5ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ.