ސުނާމީ ކާރިސާއާއި ދިވެހިންގެ އެއްބައިވަންތަކަން

މިއަދަކީ ދިވެހިރާއްޖޭގައި ފާހަގަ ކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހެވެ. ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 26 ވަނަ ދުވަސް މީގެ 17 އަހަރު ކުރިން ފެށިގެން ދިވެހިރާއްޖޭގައި ފާހަގަ ކުރަމުން އަންނަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. މިގޮތުން އެންމެ ފުރަތަމަ މިދުވަސް ފާހަގަ ކުރެވުނީ ރައީސް މައުމޫނުގެ ދައުރުގައި 26 ޑިސެންބަރު 2005 ގައެވެ. ދުވަސް ނިސްބަތްވަނީ 26 ޑިސެންބަރު 2004ގައި ރާއްޖެއަށް ކުރިމަތިވި ގުދުރަތީ އެންމެބޮޑު ކާރިސާއަށެވެ. ސުނާމީ ކާރިސާއަށެވެ. ދުވަސް ފާހަގަ ކުރެވެނީ ހިތާމަޔާއި ބިރުވެރިކަމުގެ އެދުވަހު އެންމެހައި ދިވެހިން ގުޅިގެން ދެއްކި އެއްބައިވަންތަކަމުން ފިލާވަޅު ލިބިގަނެ ގައުމީ ޖޯޝާއި އެއްބައިވަންތަަކަން އިތުރުކޮށް ދެމެހެއްޓުމަށް ބާރުއަޅައި ހިތްވަރު ދިނުމެވެ. ‫

ދުވަހުގެ މައިގަނޑު ބޭނުމަކީ ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އިތުރުކުރުމުގެ ރޫހާާއި އަޒުމު ވަރުގަދަކުރުމެވެ. އެ ތާރީޚުން ފެށިގެން ރައީސް ޔާމީނުގެ ދައުރުގެ މެދަކާ ހަމަޔަށް ނުވަތަ 2015 ވަނަ އަހަރާ ހަމަޔަށް އެއީ ގައުމީ ރަސްމީ ބަންދު ދުވަހެކެވެ. ރައީސް ޔާމީނުގެ ދައުރުގައި 2015ން ފެށިގެން މިދުވަސް ކޮންމެވެސް ވަރަކަށް ހީނަރުވެ ސަރުކާރުގެ މައިގަނޑު ޕްރޮގްރާމުތަކާއި ވިސްނުންތަކުން ވަރަށް ބޮޑަށް ކެހި އެއްފަރާތް ވެގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މިއީ ވަރަށް އާދައިގެ ދުވަހެއްގެ ގޮތުގައި ގުނަން ފެށުނެވެ. ދުވަހުގެ ޚާއްސަކަން ގެއްލި މިއީ ރަސްމީ ބަންދު ދުވަހެއްވެސް ނޫންކަމަށް އެ ދައުރުގައި އޮތީ ކަނޑައަޅައި ނިންމާފައެވެ.

އެހެންގޮތަކަށް ދަންނަވަންޏާ މާޟީގެ އެކި ކަންކަމުން ފިލާވަޅު ލިބިގަނެ ދިވެހީންގެ އެއްބައިވަންތަކަން ހަނދާންކޮށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގައި ނަމޫނާ ދެއްކުމުގެ މުހިއްމުކަން ސަރުކާރުގެ ކަލަންޑަރުން އޮތީ ފުހެވިގެން ގެއްލިގެން ގޮސްފައެވެ. ސިޔާސީގޮތުން އިސްކަންދެވޭ ކަމަކަށް އޮތީ ނުވެފައެވެ. އެހެންނަމަވެސް މިސަރުކާރު ވެރިކަމަށް އައުމަށްފަހު އެ ވިސްނުމަށް ވަނީ ވަރަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އަދިވެސް ދަނީ ގެންނަމުންނެވެ. ސުނާމީއަކީ މޫސުމަށް އަންނަ ބަދަލާ ގުޅިފައިވާ އެއްޗެއް ނޫނެވެ. އެހެންނަމަވެސް އެއީވެސް ގުދުރަތީ ކާރިސާއަކަށްވެފައި ރާއްޖެއަށް ކުރިމަތިވާ ގިނަ ކާރިސާތަކަކީ މޫސުމާ ގުޅިފައިވާ އަދި މޫސުމީ ބަދަލުތަކުގެ ސީދާ އަސަރުތަކެއް ކަމުގައިވާތީ މޫސުމީ ބަދަލުތަކުގެ ކަންކަމަށް ސިޔާސީގޮތުން އިތުރު ސަމާލުކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ ދެއްވާފައެވެ.

ކުރީގެ އެއްވެސް ސަރުކާރަކުން ނުކުރާ ދެކަމެއް މިސަރުކާރުން މިއަހަރުގެ މިހާތަނަށް ވެސް ވަނީ ކޮށްފައެވެ. މިގޮތުން އެއްކަމަކީ 05 މެއި 2021 ގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ކްލައިމެޓް ޗޭންޖުގެ ނަމުގައި އައު މިނިސްޓްރީއެއް އުފެއްދުމެވެ. މިނިސްޓްރީ އޮފް އެންވައިރުމަންޓް، ކްލައިމެޓް ޗޭންޖް އަދި ޓެކްނޮލޮޖީގެ ނަމުގައެވެ. ކުރިން އެންވައިރުމަންޓް މިނިސްޓްރީއެއް ހުއްޓަސް ސީދާ ކްލައިމެޓް ޗޭންޖުގެ ކަންކަމަށް އެހާބޮޑު ސަމާލުކަމެއް ދެވިފައި ނުވެއެވެ. މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި އެންމެ އިސްކަންދެވޭ އެންމެ މުހިއްމު ކަންކަމުގެ ތެރޭގައި ކްލައިމެޓް ޗޭންޖުގެ ނުރައްކާތައް ނުހިމެނެއެވެ. އެކަންކުރީ މި ސަރުކާރުންނެވެ. އައު ވުޒާރާއެއް އުފެއްދުމުގެ އިތުރަށް ކްލައިމެޓް ޗޭންޖުގެ ކަންކަމަށް ޚާއްސަ މަންދޫބެއް ރިޔާސީގޮތުން މިސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ސްޕެޝަލް އެންވޯއި ފޯރ ކްލައިމެޓް ޗޭންޖްގެ ނަމުގައެވެ.

ދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު ސުނާމީ ކާރިސާގެ ބިރުވެރިކަން ދިވެހީންގެ ހިތްތަކުން ފިލައިގެން ނުދާނެއެވެ. އިންޑޮނީޝިޔާގެ ސުމަޓްރާ ޖަޒީރާގެ ހުޅަނގުބިތުގެ އައްސޭރިން ކަނޑުގެ އަޑިޔަށް އައި ބާރުގަދަ ބިންހެލުމުގައި އުފެދުނު ބިޔަ ބޮޑެތި ރާޅުތައް ދިވެހިރާއްޖެއާ ހަމައަށްވެސް ފޯރައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށް ވަނީ ދޮވެލާފައެވެ. ދިވެހީންގެ ތެރެއިން ސަތޭކައަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އެތައްހާސް އާއިލާއެއް ވަނީ ހާލުގައި ޖެހި ބިކަވެފައެވެ. އެތައްހާސް ގެޔެއްވަނީ ހަލާކުވެ ވީރާނާވެފައެވެ. އެތައް ރަށެއް ވަނީ ފަޅުވެފައެވެ. އަލުން އާބާދުވުމެއް ނެތްގޮތުގައެވެ. އެގޮތަށް ފަޅުވި ރަށްރަށުގެ ތެރޭގައި ރ.ކަނދޮޅުދޫ އާއި ދ.ވާނި ވެސް ހިމެނެއެވެ. ފަޅުވި ބައެއް ރަށްރަށް އަލުން އާބާދުވެސް ކުރެވިފައި އެބަހުއްޓެވެ. ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވަނީ މުލަކަތޮޅާއި ކޮޅުމަޑުލަށެވެ.

މިދެންނެވި ދުވަހު ހާލުގައި ޖެހި ބިކަވެގެންދިޔަ ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދީ އެމީހުންގެ ދިރިއުޅުން އަލުން އާރާސްތުކޮށްދިނުމަށް އެންމެހައި ދިވެހީން ވެފައިވާ ގުރުބާނީއަކީ ގަލަމަކުން ދުލަކުން ބަޔާން ކުރުމަށް ފަސޭހަ ގުރުބާނީއެއް ނޫނެވެ. ފައިސާއާއި ތަކެތިންނެވެ. އެފަދަ ތަނަވަސްކަމެއް ނެތް މީހުން އަމިއްލަ ދެއަތުން މަސައްކަތުގައި ބައިވެރިވެގެންނެވެ. މިހެންގޮސް އެތައް އެތައް ކަމަކުންނެވެ. އެދުވަހު ދިވެހީން ދެއްކި އެެއްބައިވަންތަކަމާއި ކުރިއަށް ނެރުނު އިންސާނިއްޔަތުގެ ކުލުނަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެކެވެ. އެކަން ބޭރުގެ ބައެއް ލީޑަރުންވެސް ފާހަގަ ކުރެއްވިއެވެ. ދިވެހިރާއްޖޭގެ ރިކަވަރީގެ ކަންކަން ބެއްލެވުމަށް ޚާއްސަ މަންދޫބުންގެ ގޮތުގައި ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެމެރިކާގެ ކުރީގެ ރައީސުން ކަމުގައިވާ ޖޯޖް ބުޝްއާއި ބިލް ކްލިންޓަންވެސް އެކަން ފާހަގަ ކުރެެއްވިއެވެ.

0%
25%
75%
0%
0%
0%