ސުނާމީ އުފެދިއްޖެނަމަ، ސުނާމީ ދަތުރުކުރާނެ ގޮތާއި ސުނާމީގެ ހަރަކާތްތައް ހުންނަގޮތް ބެލުމުގެ ގާބިލްކަން ރާއްޖޭގައި އެބަހުރިކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ޑެޕިޔުޓީ ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު އެކަަމަށް ރާއްޖެ ތައްޔާރުވެފައިވާ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ސުނާމީއަށްފަހު ރާއްޖެއިން އެންމެ ފުރަތަމަ ކަމަކަށް ކުރި ކަމަކީ ބިން ހެލުން ބެލޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްކަމަށެވެ. އަދި 2004 ވަނަ އަހަރު ރާއްޖެއަށް ސުނާމީ ކުރިމަތިވިއިރު އެކަން ބެލޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުވެފައިނުވާކަމަށެވެ. އެއީ ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އެފަދަ ހާދިސާތައް ހިނގާފައިނެތުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ރާއްޖޭގެ އިންޓަރނެޓް މެދުވެރިކޮށް ދުނިޔޭގެ ވިއުގައިން ލިބޭ މައުލޫމާތު ވަގުތުން ލިބޭނެ ގޮތް ހަމަޖައްސާފައިވާކަމަށާއި، އޭގެފަހުން ރާއްޖޭގެ ދެ ސަރަަހައްދެއްގައި ބިން ހެލުން އަންނަކަން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރިކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.
އެއީ ހދ ހަނިމާދޫ އަދި ގދ ކާޑެއްދޫގައި. އެއީ ހަމަ ބްރޯޑްބޭންޑް ސިސްފޯމީޓަރ މިހާރުވެސް ބޭނުންކުރާ ނިޒާމު. މިއާއެކީގައި މި ރީޖަންގައިވެސް ވަރަށް ބޮޑަށް ތައްޔާރުވަމުން އައީ ބޮޑު ވިއުގައަކުން ދުނިޔޭގެ ނިޒާމު ގުޅާލުމަށް. އެހެންވީމާ ރާއްޖޭގެ ބްރޯޑްބޭންޑް މީޓަރވެސް ވަނީ މިހާރު ނެޓްވޯރކަށް ލެވި ގަވާއިދުން ކިތަންމެ ކުޑަ ބިންހެލުމެއް އަޔަސް އޭގެ މައުލޫމާތު ވަގުތުން ލިބޭނެ. އަދި ސުނާމީ އުފެދިއްޖެނަމަ ސުނާމީ ދަތުރުކުރާނެ ގޮތާއި ސުނާމީގެ ހަރަކާތްތައް ހުންނަގޮތް ބެލުމުގައި ގާބިލްކަން ރާއްޖޭގައި އެބަހުރި. އެދުވަސްވަރު ބެހެއްޓިފައި ހުރި ދިޔަވަރު ބަލާ ނިޒާމު ތަރައްގީކުރެވި މިހާރު އެވެސް ހުރީ މިކަހަލަ ރާޅުތަކާ އެއްޗެހި ދެނެގަނެވޭ މިންވަރަށް ބަދަލުކުރެވިފައި.އަލީ ޝަރީފް/ މެޓް އޮފީހުގެ ޑެޕިޔުޓީ ޑިރެކްޓަރ
ޝަރީފް ވިދާޅުވީ ރާއްޖޭގައި ހުންނަ ނިޒާމުގެ ސަބަބުން ހުޅަނގަށް ނުވަތަ އިރަށް އެމައުލޫމާތު ބޮޑަށް ހިއްސާކުރެވޭކަމަށެވެ. އަދި މި ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން 24 ގަޑިއިރު މިކަންކަން ބަލައި، 2004ގެ ފަހުން އައި ކޮންމެ ބިންހެލުމެއް ދިޔައީ މޮނިޓަރކުރަމުން ކަމަށެވެ.
އަދި އެ ބިންހެލުމަކާއެކު އަޅަންޖެހޭ ފިޔަވަޅު އަޅާ އަންގަންޖެހޭ ފަރާތްތަކަށް އެމައުލޫމާތު ފޯރުކޮށްދެމުން ގެންގޮސްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. މިހާރު އެފަދަ ހާދިސާއެއް ހިނގައިގެން ދުރާލައި ނޭންގި ނުހުންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.