ކޮވިޑް-19ގެ އައު ވޭރިއެންޓް އޮމިކްރޯންއާ ގުޅިގެން ތައިލެންޑްގައި އިތުރު ފިޔަވަޅުތައް އަޅަމުންދާތީ، އެގައުމަށް ދަތުރުކުރާ އަދި އެގައުމުގައި ދިރިއުޅެމުންދާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ތައިލެންޑްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 22 ޑިސެމްބަރު 2021 ވަނަ ދުވަހުން ފެށިގެން ބައެއް ފިޔަވަޅުތައް އަޅަން ވަނީ ނިންމާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ "ޓެސް އެންޑް ގޯ" ސްކީމްގެ ދަށުން 10 ޖެނުއަރީ 2022 ގެ ކުރިން ތައިލެންޑަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން 22 ޑިސެމްބަރ 2021 ގެ ކުރިން ތައިލެންޑް ޕާސް QR ކޯޑް ލިބިފައިވާ ފަރާތްތަކަށް "ޓެސްޓް އެންޑް ގޯ" ސްކީމްގެ ދަށުން ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށެވެ. 22 ޑިސެމްބަރ 2021 ގެ ކުރިން ތައިލެންޑް ޕާސްއަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް ވެސް ތައިލެންޑް ޕާސް އެޕްރޫވަލް QR ކޯޑް ލިބުމުން "ޓެސްޓް އެންޑް ގޯ" ސްކީމް ގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެ ކަމަށެވެ.
ތައިލެންޑްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަމުންދާއިރު، 22 ޑިސެމްބަރ 2021 އިން ފެށިގެން ތައިލެންޑް ޕާސް އަށް އަލަށް އެޕްލިކޭޝަން ހުށަހަޅާ މީހުންނަށް ތައިލެންޑަށް ދަތުރުކުރެވޭނީ އޯލްޓަނޭޓިވް ކަރަންޓީނު ނުވަތަ ޕުކެޓް ސޭންޑް ބޮކްސް ސްކީމްގެ ދަށުންނެވެ. އަދި "ޓެސްޓް އެންޑް ގޯ" ސްކީމްގެ ދަށުން ތައިލެންޑަށް އެތެރެވެފައިވާ ހުރިހާ މީހުންނަށް ވެސް އޮން އަރައިވަލް ޕީސީއާރު ކޮވިޑް ޓެސްޓްގެ އިތުރުން ތައިލެންޑް ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއަކުން ދެވަނަ ޕީސީއާރު ކޮވިޑް ޓެސްޓެއް ހަދަންޖެހޭނެއެވެ. މިޓެސްޓަކީ ތައި ސަރުކާރުގެ ޚަރަދުގައި ހިލޭ ހެދޭ ޓެސްޓެކެވެ.
ތައިލެންޑަށް ދަތުރުކުރުމަށް މިވަގުތު އައިސްފައިވާ ބަދަލާގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑްގައި ދިރިއުޅޭ އަދި ތައިލެންޑަށް ދަތުރުކުރާ ދިވެހިން އެކަންކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރަން ޖެހޭ ކަމަށެވެ.
މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށް ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވާން ޖެހޭ ކަަމަށެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ވަނީ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށް އެދިފައެވެ. އެގޮތުން، ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ކޮވިޑް-19 ކަވަރުކުރާ ޓްރެވަލް އިންޝުއަރެންސް ހޯދުމަކީ ޚާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.