ކ. މާލެ
|
22 ޑިސެންބަރ 2021 | ބުދަ 16:59
ކުރީގެ ރައީސް ޔާމީން ކ. ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން،
ކުރީގެ ރައީސް ޔާމީން ކ. ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން،
ޕީޕީއެމް
ރައީސް ޔާމީންގެ ސެކިޔުރިޓީ ވަރުގަދަ ކުރުން
ފުލުހުންނަށް ބާރު ދެއްކުމަށް އަންގަވައި، ރައީސް ޔާމީންގެ ސެކިޔުރިޓީ ވަރުގަދަކޮށްފި
ފުލުހުންނާ ކުރިމަތިލުމަށް ޕީޕީއެމްގެ ޒުވާނުން ނުކުތުމަށް ވަނީ އަންގާފައި
އިންޑިއާ އައުޓް ހަރަކާތް އިތުރަށް ފުޅާކޮށް ހަމަނުޖެހުން އުފެއްދުމަށް ވަނީ ރާވާފައި
ފަހަތަށް ނުޖެހި ގަދަބާރު ނެރެ ކަންކަން ނިންމުމުގެ ވިސްނުން އިސްކުރުމަށް ވަނީ އިރުޝާދު ދީފައި

އިންޑިއާ އައުޓް ކެމްޕޭނުގެ ތެރެއިން ޕީޕީއެމް-ޕީއެންސީން ކުރިއަށް ގެންދާ ހަރަކާތް އިތުރަށް ވަރުގަދަކޮށް ފުލުހުންނަށް ޒުވާނުންގެ ބާރު ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިފިއެވެ.

ޕީޕީއެމް-ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ރާއްޖެއެމްވީއަށް ވިދާޅުވީ، އަންގާރަ ދުވަހު އެމްޑީޕީން ކުރިޔަށްގެންދިޔަ މާލެ ސިޓީ ކޯކަސް ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، އިންޑިޔާ އައުޓޭ ނުގޮވޭނެކަމަށް ވިދާޅުވުމުން، ރައީސް ޔާމީން ޕީޕީއެމް-ޕީއެންސީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަށެވެ. އަދި ޕީޕީއެމް ޔޫތު މޫވްމެންޓްގައި ހަރަކާތްތެރިވާ ޒުވާނުންނާއި ބައްދަލުކޮށް އެ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

Advertisement

އެގޮތުން އިންޑިއާ އައުޓް ހަރަކާތް އިތުރަށް ފުޅާކޮށް، އެ ހަރަކާތް ހުއްޓުވަން ފުލުހުން ނުކުމެއްޖެނަމަ ހަރުކަށިވެ، ޒުވާނުންގެ ބާރު ދެއްކުމަށާއި ފަހަތަށް ނުޖެހުމަށް އިލްތިމާސްކުރެއްވިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން އެބޭފުޅާ ވިދާޅުވީ، ރައީސް ޔާމީންގެ ސެކިޔުރިޓީ އިތުރަށް ވަރުގަދަ ކޮށްފައިވާ ކަަމަށެވެ. އަދި ރައީސް ޔާމީން މަސައްކަތް ކުރައްވަނީ އެބޭފުޅާގެ ސެކިޔުރިޓީ ވަރުގަދަ ކުރެއްވުމަށްފަހު، އާއްމުން ނެރި އިތުރަށް ގައުމު ހަލަބޮލި ކުރަން ކަމަށެވެ.

ރައީސް ޔާމީންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެމްއެންޑީއެފްގެ 4 އެސްޕީޖީގެ ސިފައިންގެ ބޭފުޅުންގެ އިތުރުން، ރައީސް ޔާމީންއަށް ވަފާތެރިކަމަށް ބުނާ 8 ޕަރސަނަލް އެސްޕީޖީ އައްޔަންކޮށް، ފޮޓޯޖެހި ފާސްދީ، މާލެއާއި އަތޮޅުތެރޭގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ލީޑަރ ޝިޕަށާއި ކޮމެޓީތަކަށް ވަނީ އަންގަވާފަ.
ޕީޕީއެމް-ޕީއެންސީގެ އިސްބޭފުޅެއް

އެމްޑީޕީން ކުރިޔަށްގެންދިޔަ މާލެ ސިޓީ ކޯކަސް ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޓީޝާޓްގައި "އިންޑިޔާ އައުޓް" ޖައްސަވައިގެން ރައީސް ޔާމީނަށް ބޭރަށް ނިކުމެވަޑައިގެން އެގޮތަށް ނުހިންގެވޭނެ ކަމަށެވެ. ތަހުޒީބު ޑިމޮކްރަސީއެއްގައި އެކަން އެގޮތަށް ނުހިނގާނެކަމަށާއި، ރާއްޖޭގެ ފުލުހުން އެކަން ހުއްޓުވަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން "އިންޑިޔާ އައުޓް"ގެ ނަމުގައި ކުރިޔަށްގެންދާ ކެމްޕެއިން ވަނީ އެމަނިކުފާނު ޖަލުން މިނިވަންވެ ވަޑައިގެންނެވިފަހުން ކުރިޔަށްވުރެ ފުޅާކޮށް ކުރިޔަށް ގެންދަން ފަށާފައެވެ. އެގޮތުން އެމަނިކުފާނު އިސްވެ ހުންނަވައިގެން އަތޮޅުތަކުގައިވެސް ގެންދަވަނީ އިންޑިޔާ އައުޓްގެ ނަމުގައި ކެމްޕެއިން ކުރިޔަށް ގެންދަވަމުންނެވެ.

އެކަމާގުޅިގެން ދިވެހި ސަރުކާރުން ވަނީ، ރާއްޖޭގެ ހުރިހާ ފަރާތްތަކާއި ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ލީޑަރުންނަށްވެސް، ޒިންމާދާރުކަމާއެކު ހަަރަކާތްތެރިވުމަށް ގޮވާލައި، ރާއްޖެއާ ދޭދޭ ގައުމުތަކާ ބައިނަލްއަގުވާމީ މަސްރަހުގައި އޮންނަ ގާތް ގުޅުންތަކަށް ބުރޫއަރާހެން ދޮގު މައުލޫމާތު ނުފެތުރުމަށް ގޮވާލައި އެކަމަށް އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް