ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ތާވަލުގެ ދެވަނައިގައި އޮތް ސެވިއްޔާ އާއި ބާސެލޯނާ އެއްވަރުވެއްޖެއެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ސެވިއްޔާއިންނެވެ. މެޗުގެ 32 ވަނަ މިނެޓުގައި ކޯނަރެއްގައި އިވާން ރަކިޓިޗް ހުރަށްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަޕޫ ގޯމޭޒެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އޮސްމާނޭ ޑެމްބެލޭ ނަގައިދިން ކޯނަރަކުން ރޮނާލްޑް އަރައުހޯ ވަނީ ލަނޑެއް ޖަހައި، ބާސާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 64 ވަނަ މިނެޓުގައު ސެވިއްޔާގެ ޖޫލްސް ކުންޑޭއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރެފުރީ ރަތް ކާޑު ދެއްކީ ބާސާގެ ޖޯޑީ އަލްބާގެ މޫނު މަތީގައި ބޯޅައިން ޖެހުމާ ގުޅިގެންނެވެ.
އެއާއެކު ސެވިއްޔާގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި މި މެޗުގައި ލީޑު ނަގަން ބާސާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް އޭރިއާ ތެރެއިން އެ ޓީމުގެ ގަވީއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޑެމްބެލޭ ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށްވެސް އަމާޒުވެފައެވެ.
މި ނަތީޖާއާއެކު ތާވަލުގެ ހަތްވަނައިގައި ބާސާ އޮތީ ކުޅުނު 18 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ. މި މެޗުން ސެވިއްޔާ އެއްވަރުވުމުން ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ ފަސް ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. އެގޮތުން ރެއާލަށް 18 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ސެވިއްޔާ އޮތީ 18 މެޗުން 38 ޕޮއިންޓާއެކުއެވެ.