ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތާއެކު ދިރާގު ޓީވީގެ ޚިދުމަތް ނ. ކެނދިކުޅުދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
ދިރާގުން ބުނީ މި ދެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ކެނދިކުޅުދޫގެ ރައްޔިތުންނަށް ޚާއްސަ އޮފަރތަކާއެކުއެވެ. އެގޮތުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރއަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސް ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް މި ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް ވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ. އެގޮތުން ކެނދިކުޅުދޫ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެއެވެ.
ދިރާގުގެ މެނޭޖަރ ސްޓްރެޓެޖީ، އޮޕަރޭޝަންސް، އެނަލެޓިކްސް އެންޑް ރިސާރޗް ނިޒްމީން ލަތީފް، ވިދާޅުވީ ދިރާގުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް އެއް ފެންވަރެއްގައި އަދި އެންމެ ހެޔޮއަގުގައި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ ވީހާވެސް ބޮޑު ބަޔަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދީ، ޑިޖިޓަލް މުޖުތަމައެއް ބާރުވެރިކުރުވުމަށް މަސައްކަތް ކުރާނެ ކަމަށް ނިޒްމީން ވިދާޅުވިއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 70 ރަށެއް ހިމެނެއެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77 އިންސައްތަ ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ފޯރުކޮށްދީފައެވެ.
މީގެ އިތުރުން ދިރާގުން ބުނީ ކަސްޓަމަރުންނަށް ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް ދިރާގުން ބުނެއެވެ.