އައްޑޫ ސިޓީ
|
20 ޑިސެންބަރ 2021 | ހޯމަ 13:31
ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހު ބޭއްވި ކުރެހުމުގެ މައުރަޒް
ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހު ބޭއްވި ކުރެހުމުގެ މައުރަޒް
މޯލްޑިވްސް ޕޮލިސް ސާރވިސް
އާޓް އެގްޒިބިޝަން
ހިތްފަޅައިގެންދާ ފަދަ އެތައް ވާހަކައަކާއެކު ރާއްޖޭގެ ކުޑަކުދިން އެކުދިންގެ ޙާލަތުބަޔާންކޮށްދީފި
 
ކުރެހުންތަކުން ދައްކުވައިދިނީ ރާއްޖޭގެ ކުޑަކުދިން ތަޙައްމަލު ކުރަމުންދާ ހިތްދަތި ޙާލާއި އެހީބޭނުންވެފައިވާ މިންވަރު
 
މި މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 3000 އަށްވުރެ ގިނަ ޕޯސްޓަރ ބައިވެރިކޮށްފައިވޭ

"އަހަރެމެންނަށް އެހީތެރިވެ އަޅާލުންދޭށެވެ. ގޯނާ ނުކުރާށެވެ. ރައްކާތެރިކަމާއި ޙިމާޔަތް ދޭށެވެ. އަޅުވެތި ނުކުރާށެވެ. ތަފާތު ނުކުރާށެވެ. އަނިޔާ ނުކުރާށެވެ. ތަދުވެސް ނުކުރާށެވެ." އާދެ! މިއީ ރާއްޖޭގެ ކުޑަކުދިން ފާޅުކުރި އިޙްސާސްތަކުގެ ތެރެއިން ބައެކެވެ. މިވާހަކަ އެކުދިން ބުނެދިނީ، މިހާރު ފާހަގަކުރަމުންދާ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ޙަރަކާތުގެ ތެރެއިން ބޭއްވި ކުރެހުމުގެ މައުރަޒުގައެވެ. އައްޑޫސިޓީ ހުޅުމީދޫގައި ބޭއްވި މި މައުރަޒުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ދަރިވަރުންވަނީ ބައިވެރިވެފައެވެ.

ސްކޫލްތަކުގެ ދަރިވަރުން 5 ކީ ސްޓޭޖަކަށް ބަހާލައިގެން ބައިވެރިވުމަށް ހުޅުވާލި މި ފުރުސަތާއެކު ކުޑަކުދިންނަށް އެކުދިން ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށް އެދި އާދޭސްކޮށްފައިވާތަން ފެނުނެވެ. މިފުރުސަތު ވެގެންދިޔައީ އެކުދިންގެ އަމިއްލަ ޙަޔާތަށް އެޅިފައިވާ ކަޅު ހިޔަނި ދުރަށްލައި ފައްސާލުމަށް، އެކުދިންގެ ކުލަފިހީގެ ޒަރީއާއިން ކޮށްލި ހިތްވަރަކަށެވެ. މައުރަޒު އިންތިޒާމް ކުރެއްވި ފަރާތްތައް ވެސް ސިއްސުވާލި މި ކުރެހުންތަކުގައި ހަގީގަތް އެކުލެވުނު މިންވަރުގެ ބޮޑުކަމުން ބައެއް ކުރެހުންތައް ރައްކާކުރަން ޖެހުނީ ޚާއްސަ ފައިލްތަކެއްގައިކަން މިކަން އިންތިޒާމް ކުރެއްވި ފަރާތްތަކުން ހާމަކުރެއްވިއެވެ.

ކުދިންވަނީ އެކުދިންނަށް ކުރާ ޖިންސީ އަނިޔާއިން ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކޮށްފައެވެ. އެކުދިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށްޓަކައި ދޭންވާ ލޯތްބާއި އަޅާލުމަށް ފެންބޮވައިގެންފައިވާ މިންވަރު ބަޔާންކޮށްދީފައެވެ. ބުލީކުރުމާއި އިންޓަނެޓްގެ ވިހަގަދަ އަނދަވަޅުތަކުން އަރައިގަތުމަށް ރައްކާތެރި އަތެއްގެ ހިމާޔަތަށް އެދިފައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ކުޑަކުދީންގެ ޙައްގުތަކަށް ވަކާލާތު ކުރާ އދ.ގެ ޖަމްޢިއްޔާ، ޔުނިސެފާއި، މޯލްޑިވްސް ޕޮލިސް ސާވިސްއިން އިސްނަންގަވައިގެން އެހެން މުވައްސަސާތަކުގެ އެހީތެރިކަމާއެކު ބޭއްވި މިމައުރަޒަކީ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ ކުޑަކުދިންގެ މިއަދުގެ ހާލަތު ވަރަށް ސާފުކޮށް އެނގިގެންދިޔަ މައުރަޒެކެވެ.

ރާއްޖޭގެ މީޑިއާތަކުގެ ފަލަ ސުރުޚީތަކުގައި ކޮންމެ ހަފްތާއަކުހެން ދައުރުވާ ޚަބަރުތަކުގައި މިކުދިންނަށް ލިބެމުންދާ އަނިޔާތަކުގެ ވާހަކައަކީ ޢާއްމު ވާހަކަތަކެކެވެ. ގަބޫލުކުރަން ދަތިވި ނަމަވެސް ރާއްޖޭގެ ކުޑަކުދިންނަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ފަސްގަނޑު ލަދުވެތިވާންޖެހޭ މިންވަރަށް މިވަނީ ފެއިލްވެފައެވެ. ޢާއިލާތަކުގައި މިކަމުގެ ހޭލުންތެރިކަމެއް ނެތެވެ. ކަމާބެހޭ މުވައްސަސާތަކުން ދީފައިވަނީ ބީރުކަންފަތެކެވެ. މިކަންތައްތަކުގެ ޝިކާރައަކަށްވި ކުޑަކުދިން މިއަދު އެވަނީ އެކުދިންގެ ޙާލަތު ބަޔާންކޮށްދީފައެވެ. އަދިވެސް ބަޔަކު އަޑު އަހާތޯއެވެ.

ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހު ބޭއްވި ކުރެހުމުގެ މައުރަޒް - އައިޝަތު މުހައްމަދު

3000 އަށް ވުރެ ގިނަ ފޮޓޯ ހިމެނޭ މި މައުރަޒުގެ ފޮޓޯއަކުން ކުއްޖަކު ކިޔައިދެނީ، ހަމުގެ ކުލައާއި، އިސްތަށިގަނޑު އޮންނަ ގޮތާއި، ހަށިގަނޑުގެ ބައްޓަން ހުންނަ ހުރުމަކީ މުޖުތަމަޢުން ކުއްޖާއަށް ޖާގަނުދީ ބާކީ ކުރަންވީ ސަބަބެއް ނޫން ކަމެވެ.  ލިބިފައިވާ ސިފައަކުން ކުއްޖާ މިނެ ކިރައެއް ނުލެވޭނެ ކަމެވެ. އެ ކުޑަކުއްޖާ އެކުވެރިންނަށް ދޭ ނަސޭހަތަކީ "ލަދުނުގަންނާށެވެ. "ނޯބޮޑީ އިޒް ޕާފެކްޓް" އެވެ.

އަނެއް ކުއްޖަކު އެދެނީ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށެވެ. ޕާސްވޯޑުފަދަ މުހިއްމު މައުލޫމާތު މީހުންނާ ހިއްސާ ނުކުރުމަށެވެ. ތިމާގެ އިހުސާސްތައް އިތުބާރުހިފޭ މީހަކަށް ކިޔައިދިނުމަށެވެ.

ވ. ފެލިދޫ ސްކޫލްގެ ގްރޭޑް 7 ގެ ދަރިވަރަކު ހުށަހެޅި ތަސްވީރުން ފެންނަނީ ބޮޑުމީހެއްގެ އަތްތިލައިގެ މަތީ "އަތުބިޑި" އަޅާފައިއޮތް  ތުއްތު ކުއްޖެކެވެ. އެ ތަސްވީރުން ދައްކުވައިދެނީ ކުޑަކުދިންގެ އާރެއްބާރެއް ނެތްކަމާއި ނިކަމެތިކަމެވެ. އޯގާތެރި އަތަކަށް ބޭނުންޖެހިފައިވާ މިންވަރުގެ ބޮޑުކަމެވެ. އެއަތުގެ ހިމާޔަތުގައި ވަނިކޮށް ލިބޭ ގޯނާއިން ސަލާމަތްވެވޭނެ އެއްވެސް އިތުރު މަގެއް ނެތްކަމެވެ.

ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހު ބޭއްވި ކުރެހުމުގެ މައުރަޒް - އައިޝަތު މުހައްމަދު

އުމުރުން 13 އަހަރުގެ އައިޝަތު ލުއީންގެ ފޮޓޯގައިވަނީ ކަރުނައަޅާ ރޯން އިން އަންހެން ކުއްޖެކެވެ. "އިފް ޔޫ ޓެލް އެނީވަން" ޖަހާފައިވާ ޓޭޕަކުން އަނގަ ބަންދުކޮށްފައިވެއެވެ. ތަސްވީރުން ފެންނަ،  އަނިޔާގެ ޝިކާރައަކަށް ވި ކުއްޖާގެ ބަހަކީ "ޒަޚަމްވި ތަންތަން ފަސޭހަވެދާނެއެވެ. އެހެނަސް އެވީތަދު ދުވަހަކު ވެސް ފިލައިގެން ނުދާނެކަމެވެ."

ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހު ބޭއްވި ކުރެހުމުގެ މައުރަޒް - އައިޝަތު މުހައްމަދު

ލޮލުގައި އަޅައިގަތް އިތުރު ޕޯސްޓެކެވެ. ދިވެހި ސަގާފީ ހެދުމެއްގައި ނަލަހެދި ޒީނަތްތެރި ވެގެންހުރި ރީތި އަންހެން ކުއްޖެކެވެ. ޤުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ ހިތްގައިމު ކަމާމެދު ފަޚުރުވެރިވަމުން އެކުއްޖާ ހާމަކުރަނީ ރާއްޖޭގެ އެޑިއުކޭޝަން ސެކްޓަރުގައި ހުރި ކަންބޮޑުވުމެއްގެ ވާހަކައެވެ. ކުދިންގެ ފެންވަރު، އެކުދިންގެ ޓެސްޓު ޕޭޕަރުގެ ނަތީޖާއިން ކިރާ ވަޒަން ނުކުރާށެވެ. ކޮންމެ ކުއްޖަކު ވެސް ފޮނި ހުވަފެންތަކެއް ދެކޭ ކަމަށާއި އެކުދިންނަށް ހުނަރުތަކެއް ވެސް ލިބިފައިވާ ކަމަށެވެ. އެކުދިން އެދިއެދި ތިބީ  ހަމައެކަނި ލޯތްބާއި އަޅާލުމަށް ކަމަށެވެ.

ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހު ބޭއްވި ކުރެހުމުގެ މައުރަޒް - އައިޝަތު މުހައްމަދު

މިކުދިންގެ އާދޭހަކީ ކޮންމެ ކުއްޖަކީ އުނގެނުމުގެ ފުރުސަތު ލިބިފައިވާ ކުއްޖަކަށް ހަދައިދިނުމެވެ. މިކުދިން ބުނަނީ ކޮންމެ ކުއްޖަކަށް ވެސް ސައިންޓިސްޓަކަށް ވެވިދާނެކަމެވެ. ޝެފަކަށް ވެވިދާނެ ކަމެވެ. ހަމައެހެންމެ ދިމާވެފައިވާ ހުރަސްތަކާއި ކޮވިޑްގެ މި ދަތި ޙާލަތުގައި މާޔޫސްވެފައިވާ ސިކުނޑިތައް އެދިއެދި ތިބީ ނަފްސާނީ ދުޅަހެޔޮ ކަމަށެވެ. ގަނާކުރުމާއި ތަފާތުކުރުން ވެސް ނައްތާލައިގެންނެވެ. މިކުދިން ކުރާ އިލްތިމާސަކީ އެހެން ކުދިންގެ އިޙުސާސްތަކަށް އިޙުތިރާމް ލިބެންޖެހޭކަމެވެ. މައުރަޒުގައި ބައިވެރިވި ކުޑަކުދިންގެ އާދޭސްތައް ގުޅިފައިވަނީ ނަސްލީ ތަފާތުތައް ކުޑަ ކުރުމާއެވެ. މާޙައުލުގެ ހަމަޖެހުމާއި އުފާވެރިކަމާއެވެ. ލޯތްބާއި އަޅާލުމާއެވެ.

ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހު ބޭއްވި ކުރެހުމުގެ މައުރަޒް - އައިޝަތު މުހައްމަދު

އެކުދިން އަންގައިދޭން ބޭނުންވަނީ މައިންބަފައިންނަށްޓަކައި ކުއްޖާ ކުރާ ދުޢާގައި އެކުލެވޭ ބުރަދަނެވެ. އެފަދައިން ދުޢާކޮށްދޭނޭފަދަ ޞާލިހު ދަރިއަކަށް އެދޭނަމަ މައިންބަފައިންނާއި މުޖުތަމަޢުން އެކުދީން ބަލައިގަތުމަށެވެ. ހެޔޮނުބައި އުނގަންނައިދީ ތަރުބިއްޔަތުކޮށްދިނުމަށެވެ. ލޮލަށް ނުފެންނަ ކުއްޖާ ވެސް ލޯބި ބޭނުންވާނެ ކަމެވެ. ގޮނޑީގައި އިންނަން ޖެހުނަސް އުފާ ހޯދަން އެދޭކަމެވެ. ގެއަށް އަންނަ ބޭބެ މެންނާއި ދައްތަމެންގެ ފަރާތުން ވެސް ބޭނުންވަނީ ރައްކާތެރިކަންކަމެވެ. 

ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހު ބޭއްވި ކުރެހުމުގެ މައުރަޒް - އައިޝަތު މުހައްމަދު

ދިވެހި ކުޑަކުދިންގެ މި އާދޭސްތައް މިއަދު އެވަނީ ހާމަކޮށްދީފައެވެ. ދެންއޮތީ މުޖުތަމަޢުގެ ޒިންމާއެވެ. ބޮޑެތި މީހުންގެ ޒިންމާއެވެ.  މިހުރިހާ ކަމަކަށްވުރެ ވެސް ބޮޑަށް، އަޅުގަނޑުމެންގެ ލޮލުގެ ފިނިކަމާއި ހިތުގެ އަރާމާއި ގުޅިފައިވާ އެ މައުސޫމް ކުޑަކުދިންގެ ހިތުގެ އުދާހާއި އާދޭސްތަކުގައި ކޮޅުފައިން ނުޖެހުމަކީ އެކުދިންގެ އެންމެ ބޮޑު އާދޭހެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް