ކ. މާލެ
|
19 ޑިސެންބަރ 2021 | އާދީއްތަ 22:51
އެމްއެންޕީ އުފެއްދުމުގެ ޖަލްސާގައި އެޕާޓީގެ އިންތިގާލީ ނާއިބު ރައީސް އަބްދުﷲ ރިޔާޒް ވާހަކަފުޅުދައްކަވަނީ
އެމްއެންޕީ އުފެއްދުމުގެ ޖަލްސާގައި އެޕާޓީގެ އިންތިގާލީ ނާއިބު ރައީސް އަބްދުﷲ ރިޔާޒް ވާހަކަފުޅުދައްކަވަނީ
އެމްއެންޕީ
އިންޑިޔާއެކު ކުރީ ސަރުކާރުން ސޮއިކުރި އެއްބަސްވުން
ޔޫޓީއެފް އެގްރިމެންޓްގެ ފެށުމަކީ 2016 ވަނަ އަހަރު، އޭރުގެ ސަރުކާރުން އިންޑިޔާއެކު ސޮއިކުރި އެއްބަސްވުން: އަބްދުﷲ ރިޔާޒު
ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ޖަރީމާއަކީ، ޔޫޓީއެފްއާއި އިންޑިޔާ ސިފައިން ރާއްޖޭގައި ބޭތިއްބުންކަމަށް ސައީދު ވިދާޅުވި
ޔޫޓީއެފް އެގްރީމެންޓްގައި ޕީޕީއެމް/ޕީއެންސީ ސަރުކާރުގެ ދައުރެއް އޮތްކަން ވަރަށް ސާފުކަމަށް ރިޔާޒު ވިދާޅުވި

އުތުރުތިލަފަޅު (ޔޫޓީއެފް) އެގްރިމެންޓްގެ ފެށުމަކީ 2016 ވަނަ އަހަރު އިންޑިޔާއާއެކު ސޮއިކުރެވުނު "ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން" ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިމޭރުމުން ވާހަކަދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ޕީއެންސީ މެމްބަރ މުހައްމަދު ސައީދު ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ. އެމްއެންޕީން ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ހިންގާ "އިންޑިޔާ އައުޓް" ކެމްޕެއިނާ ދެކޮޅުކަން ހާމަކުރުމުން، އެކަމާގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ މަގުބޫލުކަން ހޯދާނީ ފިނޑިކޮށް ނޫންކަމަށެވެ. ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ޖަރީމާއަކީ، ޔޫޓީއެފްއާއި އިންޑިޔާ ސިފައިން ރާއްޖޭގައި ބޭތިއްބުންކަމަށް ސައީދު ވިދާޅުވިއެވެ. "އެއީ އަމިއްލަ ނަފުސު ހިމެނޭ ކޯލިޝަނުން ހެދި އެންމެ މުޑުދާރު ގޯސް" ސައީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެ ޓްވީޓަށް ރައްދުދެއްވަމުން ރިޔާޒު ވިދާޅުވީ، ޔޫޓީއެފް އެގްރިމެންޓްގައި ޕީޕީއެމް/ޕީއެންސީ ސަރުކާރުގެ ދައުރެއް އޮތްކަން ވަރަށް ސާފުކަމަށެވެ. "ކޮންމެ ކަމެއްގައި އޮޅުވާލަން ނޫޅުއްވާ!" ރިޔާޒުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އާދިއްތަ ދުވަހު އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ރައީސް ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވިދާޅުވީ، މިއީ ރާއްޖޭގެ މުޅި އިގުތިސާދު ފުނޑާލުމަށްޓަކައި ބަޔަކު ސިޔާސީ ބޭނުމެއްގައި ކުރާ މަސައްކަތެއް ކަމަށެވެ. ލީޑަރެއްގެ އަމިއްލަ ބޭނުމަކަށްޓަކައި ގައުމު ފުނޑާނުލުމަށް ނާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އިންޑިއާ އައުޓް ކެމްޕެއިނަކީ ގައުމީ ކެމްޕެއިނެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައި ހުރި ކޮރަޕްޝަންގެ ކަންކަމުގައި މަތި ޖެހުމުގެ ނިޔަތުގައި ހިންގާ ޖަރީމާއެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި ރައްޔިތުން ނޭދޭ ބަޔަކަށް މި ގައުމުގައި ތިބުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް ހުރިހާ ގައުމެއްގެ ބަޔަކާ އެކުވެސް މަސައްކަތްކުރުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. ޚާރިޖީ ސިޔާސަތު އޮންނަންވާނީ ވަކި ބަޔަކަށް ބަރޯސާވެގެން ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން ސިޔާސީ ލީޑަރުންގެ މަންފާއަށް ރައްޔިތުން ނިކަމެތި ނުކުރުމަށް ނާޒިމް އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުން ވެސް އެކަންކަމަށް އެއްބާރުލުން ނުދިނުމަށް ނާޒިމް ގޮވައިލެއްވިއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން، އިންޑިޔާ އައުޓް ކެމްޕެއިން ކުރިޔަށްވުރެ ފުޅާކޮށް އަންނަނީ ހިންގަމުންނެވެ. އެމަނިކުފާނު އިސްވެ ހުންނަވައި، އަތޮޅުތެރެއަށް ވެސް ދަތުރުކުރައްވާފައިވާއިރު، އަތޮޅުތެރޭގައި މި ކެމްޕެއިން ފުޅާކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދެއެވެ. އަދި މާލޭގައިވެސް މި ކެމްޕެއިންތައް ދަނީ ކުރިއަށެވެ.

ޔޫޓީއެފް އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ނެތްކަމަށް، ދާދިފަހުން، ރައްޔިތުންގެ މަޖިލީހުން ވަނީ އެ އެއްބަސްވުން ދިރާސާކުރުމަށްފަހު ފާސްކޮށްފައެވެ.


Advertisement
- ކޮމެންޓް