ށ. ގޮއިދޫގެ ޒުވާނުންގެ 70 އިންސައްތައަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތައް ކަމަށްވާތީ، ރަށާ ކައިރިން ރިސޯޓެއް ތަރައްގީކުރުމަށް ބޭނުންވާކަމަށް އެރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.
ގޮއިދޫ ކައުންސިލުން އެގޮތަށް އެދުނީ ރައީސުލްޖުމްހޫރިއްޔާއާއެކު ގޮއިދޫ ކައުންސިލަރުން ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ގޮއިދޫ ކައުންސިލަރުންވަނީ، މި ސަރުކާރުން ރިޔާސީ ކެމްޕެއިންގައި ވައުދުވީ ފަދައިން، ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ގޮއިދޫގައި ތަރައްގީކުރަމުންގެންދާތީ، ކައުންސިލާއި ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައިކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ގޮއިދޫ ކައުންސިލަރުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްގީއަށްޓަކައި ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ.
އެގޮތުން، ބަނދަރާއި ސްކޫލުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުގެ ފަރާތުންވަނީ ވަރަށް ތަފްސީލުކޮށް ފާހަގަކުރައްވާފައެވެ. އަދި ރަށުގައި އެކަށީގެންވާ އެމްބިއުލާންސެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، އައު ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުންތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ރަށުގައި މަދިރި ގިނަވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައްވެސް ކައުންސިލަރުންވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން ރަށުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ޢިމާރާތްކުރުމަށް ބޭނުންވާކަމުގައިވެސް އެބޭފުޅުން ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގޮއިދޫ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫއުތަކާއި ކަންކަމުގެ އެންމެފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާއި ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި، ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވައި އެކަންކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ކައުންސިލަރުން ވަނީ، މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި އުންމީދީ ޖަވާބުތަކެއްކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުދަންނަވާފައެވެ.