ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ފަހު ވަގުތު ޖެހި ލަނޑާއެކު އެލްޗޭ އަތުން ބާސެލޯނާ މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ އެލްޗޭ އަތުން 3-2 ގެ ނަތީޖާއަކުންނެވެ. މިއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ބާސާއަށް ލިބުނު ފުރަތަމަ މޮޅެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 16 ވަނަ މިނެޓުގައި އޮސްމާން ޑެމްބެލޭ ނަގައިދިން ކޯނަރަކުން ފެރާން ޖުގްލާ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ގަވީ ވަނީ ބާސާގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އުމުރުން 17 އަހަރުގެ ގަވީ ބާސާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، އެލްޗޭއިން ވަނީ ދެވަނަ ހާފުގެ ދެ މިނެޓު ތެރޭ ޖެހި ލަނޑުުތަކާއެކު މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ޓެޓޭ މޮރެންޓޭ އެލްޗޭއަށް ފަރަގު ކުޑަކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން މޮރެންޓޭ ނެގި ހުރަހަކުން ޕެރޭ މީއާ ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އެކަމަކު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހައި، މި މެޗުން މޮޅެއް ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނިކޯ ގޮންޒާލޭޒެވެ.
މި މޮޅާއެކު ތާވަލުގެ ހަތްވަނައަށް ބާސާ ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު 17 މެޗުން 27 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް 17 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ބާސާ އާއި ރެއާލާ ދެމެދު 15 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.