ކުރީގެ ރައީސް އަބްދުﷲ ޔާމީން ކ. ގުރައިދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި އެރަށުގެ އާއްމު ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މިއީ އެމަނިކުފާނު ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެއެވެ.
ބުރާސްފަތި ދުވަހު ގުރައިދޫ ކައުންސިލް އިދާރާގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ ރަށުގެ ތަރައްގީއަށް ހިންގަމުންދާ މަޝްރޫއުތަކާއި، މިހާރު ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި، މާލީ ގޮތުން ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވާފައެވެ.
މީގެ އިތުރުން ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް އިލްތިމާސްކޮށް، ރައީސް ޔާމީން ވިދާޅުވީ ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އިންޑިއާ ސިފައިން މިގައުމުން ބާލަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އަންނަ ދައުރުގައި ވެރިކަން ލިބުނު ކަމުގައި ވީ ނަމަވެސް ބަދަލު ހިފުމުގެ ރޫހެއް ނެތް ކަމަށާއި ގައުމު ތަރައްގީކުރުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.
އިންޑިއާ ސިފައިން ރާއްޖޭން ފޭބުމަށް ގޮވާލައި ކުރިއަށްދިޔަ ހިނގާލުމުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ޔާމީން ކ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގުރައިދޫގެ އިތުރުން މާފުއްޓަށް ވަޑައިގެން އެރަށުގެ ކައުންސިލްއާ ބައްދަލުކުރައްވައި ވަނީ މަޝްވަރާ ކުރައްވާފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ތުލުސްދޫއަށް ހުކުރު ދުވަހު ވަޑައިގަންނަވާނެއެވެ. އަދި ތުލުސްދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލް އަދި ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުންތަކުގައި އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާނެއެވެ.