ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 366،000ށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު, ބުދަ ދުވަހު ދެވަނަ ޑޯޒް ޖަހާފައިވަނީ 156 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 95 މީހުންނާއި އަތޮޅުތަކުން 61 މީހުންނެވެ. މިއާއެކު ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 366،038ށް އަރާފައެވެ.
ބުދަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 34 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 24 މީހުންނާއި އަތޮޅުތަކުން 10 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 396،322ށް އަރާފައެވެ.
ބުދަ ދުވަހު ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާފައިވަނީ 496 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 155 މީހުންނާއި އަތޮޅުތަކުން 341 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ބޫސްޓާ ޑޯޒް ހަމަކުރި މީހުންގެ އަދަދު ވަނީ 21،597ށް އަރާފައެވެ.
ބޫސްޑަރ ޑޯޒް މިހާރު ޖަހައިދެމުންދަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. ރާއްޖޭގައި މިވަގުތު ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ފައިޒަރ ވެކްސިނުން އެކަންޏެވެ. ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ދަމަނަވެށިންނެވެ. އެޗްޕީއޭއިން ބުނީ މި ސެންޓަރުތަކަށް ބޫސްޓަރ ޑޯޒް ޖަހަން ދިއުމުގެ ކުރިން އެޕޮއިންޓްމެންޓް ހައްދަން ޖެހޭނެ ކަމަށެވެ.https://book.hpa.gov.mvއިން އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިވަގުތު ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. ހުޅުމާލެ ހޮސްޕިޓަލުން ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ މެންދުރު 13:00އިން 15:00އަށެވެ. އައިޖީއެމްއެޗުން މި ޑޯޒް ޖަހައިދެނީ ހެނދުނު 10:00އިން މެންދުރު 14:00އަށެވެ. އަދި ދަމަނަވެށިން މި ޑޯޒް ޖަހައިދެމުންދަނީ މެންދުރު 13:00އިން 15:00އަށެވެ.
ބޫސްޓަރ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓް ހައްދަން ޖެހުނު ނަމަވެސް، އެޕޮއިންޓްމެންޓާ ނުލައި އެހެނިހެން ވެކްސިންތައް ބައެއް ސެންޓަރުތަކުން ޖަހައިދެމުންދާކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.