ކުޅުންތެރިންނަށް މުސާރަ ނުދޭތީ ފީފާއިން އަދަބުދިން ރާއްޖޭގެ އެންމެ ކާމިޔާބު ދެ ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބަށް ފީފާ ފުޓްބޯލް ފަންޑު މެދުވެރިކޮށް ފުރުސަތުތަކެއް ފަހިވެފައިވާކަން ހާމަވެއްޖެއެވެ.
ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައިވަނީ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އައި އެންމެ ޒަމާންވީ ކުލަބު ކަމަށްވާ ވިކްޓަރީ ސަސްޕެންޑް ކުރީ އެ ކުލަބުން ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދިނުމަށާއި، ކުލަބު ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަންކޮށްފައި ނުވާތީ ހަމަ އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ސަސްޕެންޝަނުތަކުގެ ސަބަބުން ނިއު އާއި ވިކްޓަރީ މިހާރު ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައެވެ.
ނިއު އާއި ވިކްޓަރީން ބިދޭސީ ކުޅުންތެރިނަށް މުސާރަ ނުދޭ މައްސަލައިގައި ފީފާއިންވެސް ވަނީ އެ ދެ ކުލަބަށް ފިޔަވަޅު އަޅާފައެވެ. އެހެންކަމުން ފީފާއިން އަދަބު ދީފައިވާތީ އެފްއޭއެމުން ވަނީ މިދިޔަ ތިން އަހަރު ނިއު އާއި ވިކްޓަރީގެ ސަސްޕެންޝަން ދަމަހައްޓަން ނިންމާފައެވެ. މި ނިންމުން އެފްއޭއެމުން ދެމެހެއްޓީ އެ އިދާރާގެ އަހަރީ ކޮންގްރެސްތަކުގައި ހުރިހާ ކުލަބެއްގެ މެދުގައި ނެގި ވޯޓުންނެވެ.
ފީފާއިން ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިފްޕްރޯއާ ގުޅިގެން މިދިޔަ އަހަރު "ފީފާ ފަންޑް" ގެ ނަމުގައި ޕްރޮގްރާމެއް ފަށާފައިވާއިރު، ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ފީފާ ފަންޑުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި ފީފާއިން މި ޕްރޮގްރާމްގެ ދަށުން ކުޅުންތެރިންގެ މުސާރައަށް 16 މިލިއަން ޑޮލަރު ޚަރަދުކުރަން ނިންމާފައިވެއެވެ.
މި ފަންޑު މެދުވެރިކޮށް ފީފާއިން އެހީވާން ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން މުސާރަ މައްސަލައިގައި ފީފާއިން އަދަބުދީފައިވާ ކުލަބެއް ނުވަތަ މާލީ ހާލަތު ދަށްވުމުގެ ސަބަބުން މުސާރަ ދޭން އުޒުރުވެރިވާ ކުލަބެއް ރަސްމީކޮށް އެ ކުލަބު ބަނގުރޫޓުވެފައިވާކަން އިއުލާން ކުރަންޖެހޭނެއެވެ. އަދި އެކަމުގެ މައުލޫމާތު ފީފާއާ ހިއްސާކޮށް، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްބަސްވާނަމަ ފީފާ ފަންޑުން އެ ކުލަބެއްގެ ކުޅުންތެރިންގެ މުސާރަ ހަމަޖައްސައިދޭނެއެވެ. އަދި އެ ކުލަބަކުން ފަހުން ފީފާއަށް އެ ފައިސާ އަދާކުރަން ޖެހޭނެއެވެ.
ފީފާ ފަންޑަށް ހުށަހަޅާފައިވާ ކުޅުންތެރިންގެ މުސާރައިގެ އެޕްލިކޭޝަންތަކެއްގެ މައްސަލައިގައި ރާއްޖޭގެ ނިއު އާއި ވިކްޓަރީގެ ކަންކަން އޮޅުން ފިލުވުމަށް އެފްއޭއެމަށް ހުށަހަޅާފައިވާ ކަމަށް ރާއްޖޭގެ އޮންލައިން ނޫސް "އަދަދު" އިން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ނިއު އާއި ވިކްޓަރީގެ ހާލަތު ދެނެގަންނަން ފީފާއިން އަންގައިފައިވާ ފުރަތަމަ މުއްދަތު މިދިޔަ މަހުގެ ފަސްވަނަ ދުވަހު ހަމަވެފައިވާއިރު، އެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ފީފާ ފަންޑްގެ ތެރެއިން ނިއު އާއި ވިކްޓަރީއަށް ފުރުސަތެއް އޮތީ ފީފާއިން މިހާރު ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ ކުލަބުތަކުގެ މާލީ ހާލަތު ބަޔާންކޮށް ރަސްމީކޮށް އެކަން ފީފާއަށް އެންގުމުންނެވެ. އަދި އެކަން ކަށަވަރުކުރަން މައުލޫމާތުގެ ސައްހަކަން ފޯރުކޮށްދެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސް މެދުވެރިކޮށެވެ. އެއީ ރާއްޖޭގައި މިހާރު އަަމަލުކުރަމުން އަންނަ ކުޅިވަރު ގާނޫނު ބުނާގޮތުން ކުލަބު ޖަމުއިއްޔާތަކުގެ ބެލެނިވެރި ފަރާތަކީ ކޮމިޝަނާ އޮފް ސްޕޯޓްސް ކަމަށްވާތީއެވެ.
ނިއު އާއި ވިކްޓްރީ ސަސްޕެންޝަނުގައި އޮތުމަކީ ދިވެހި ފުޓުބޯޅަ ކުރިއަރަން ބަލާއިރު ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ފުޓުބޯޅައިގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. އަދި ދިވެހި ފުޓުބޯޅަ ސަޕޯޓަރުންގެ މެދުގައި ފޯރި ގެއްލިފައިވާ އެއް ސަބަބަކީވެސް ނިއު އާއި ވިކްޓްރީ ފަދަ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ދެ ޓީމު ލީގުގައި މިހާރު ފެންނަން ނެތުން ކަމަށް ބެލެވެއެވެ.