ކ. މާލެ
|
16 ޑިސެންބަރ 2021 | ބުރާސްފަތި 13:21
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް އުޅޭ ގިނަ ބޯޓުފަހަރު އަތުލައިގަނޭ،
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް އުޅޭ ގިނަ ބޯޓުފަހަރު އަތުލައިގަނޭ،
ރާއްޖެއެމްވީ
ބޭރުގެ ބޯޓުތަކުގެ މައްސަލަތައް
މަސްދޯނިފަހަރަށްވުރެ ޑްރަގްބޯޓްފަހަރު ގިނަވެއްޖެނަމަ؟
 
މަސްތުވާތަކެތި އެތެރެކުރާ ދޮރުތައް ބަންދުކޮށްގެން މެނުވީ ދާއިމީ ހައްލެއް ނުލިބޭނެ
 
ސެކިއުރިޓީ ވަރުގަދަކޮށް ކަނޑުގެ ސަރަހައްދު މިހާރަށްވުރެ ބޮޑަށް މޮނިޓަރ ކުރަން ޖެހޭ

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅޭ އުޅަނދުތައް ހިފަހައްޓާ ވާހަކަތަކަކީ އައު ވާހަކަތަކަކަށް ނުވާނެއެވެ. މިހެން ގިނައިން ހިފަހައްޓަނީ ވެސް ބޭރުގެ މަސްބޯޓުތަކޭ ވެސް ބުނެވިދާނެއެވެ. އެކަން ގިނަ ފަހަރަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެންނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭ ދިވެހި މަސްވެރިންނެވެ. ދިވެހި މަސްވެރިންނަށް އެ އުޅަނދުފަހަރު ނުފެންނަމަ އެކަން ނޭނގި ދިއުމަކީ ވެސް ދުރުގައިވާ ކަމެއް ނޫނެވެ. ނަމަވެސް މިހާރު ފެންމަތިވަމުން މިދަނީ ހަމައެކަނި ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭ މަސް ބޯޓުތަކުގެ މައްސަލައެއް ނޫނެވެ. ޓެރަރިސްޓުންނަށް ފައިސާ ހޯދައި ދިނުމަށް ރާއްޖެ އާއި ސްރީލަންކާ މެދުވެރިކޮށް ޕާކިސްތާނުން އިންޑިއާއަށް ޑްރަގްސް ފޮނުވާ ކަމަށް އިންޑިއާގެ ސަލާމަތީ އެޖެންސީތަކުން މިވަނީ ތުހުމަތުކޮށްފައެވެ.

ހަގީގަތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިގޮތަށް ބޭނުންކުރާނަމަ މިއީ ރާއްޖެއަށް ވެސް ބޮޑު ނުރައްކަލެކެވެ. މިކަންވާނީ ޖަޒީރާފަދަ ގައުމެއްގައި ޑްރަގްގެ ބޮޑެތި ނެޓްވޯކްތަކުގެ މަސައްކަތް ފުޅާ ކުރުމަށް ލިބޭ އިތުރު ފުރުސަތަކަށެވެ. އަދި ހައްލު ނުކުރެވޭ ކަމަށްވާނަމަ، އިޖްތިމާއީ އެތައް މައްސަލަތަކެއް ފެންމަތިވެގެންދާނެއެވެ. އަމާންވެށި ނާމާން ވެއްޓަކަށް ބަދަލުވެގެންދިއުމަކީ ދުރުގައިވާ ކަމެއް ނޫނެއެވެ. މިހާރު ވެސް ރާއްޖެއަށް ޓެރަރިސްޓުންގެ ބިރު ހީވެފައިވާއިރު، އެތައް ބަޔަކު ދަނީ މަސްތުވާތަކެއްޗަށް އަޅުދާސްވަމުންނެވެ. މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުން ހިންގާ ތަފާތު އެކި އޮޕަރޭޝަންތައް ހިންގި ނަމަވެސް ދާއިމީ ހައްލެއް ލިބުމަކީ ދުރުގައިވާ ކަމެކެވެ. ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެންނަން ބޭނުންވާނަމަ މަސްތުވާތަކެތި އެތެރެ ކުރާ މަގުތައް ބަންދުކުރަން ޖެހެއެވެ. ސެކިއުރިޓީ ވަރުގަދަކޮށް ކަނޑުގެ ސަރަހައްދު މިހާރަށްވުރެ ބޮޑަށް މޮނިޓަރ ކުރަން ޖެހެއެވެ.

އިންޑިއާގެ ސަލާމަތީ އެެޖެންސީތަކާ ހަވާލާދީ ހިންދުސްތާން ޓައިމްސް ނޫހުން ދާދި ފަހުން ބުނެފައިވަނީ ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޕާކިސްތާނުގެ ބޯޓުފަހަރު ދަތުރުކުރާ ކަމަށާއި، އެހެން އަތުލައިގަނެވޭ ބޯޓުފަހަރު އިތުރުވަމުންދާ ކަމަށެވެ. އެ ބޯޓުތަކަކީ ޕާކިސްތާނުން އިންޑިއާއަށް ޑްރަގް އެތެރެކުރަން ނުވަތަ ސްރީލަންކާއަށް ޑްރަގް އެތެރެ ކުރުމަށް ދަތުރު ކުރާ ބޯޓުތައް ކަމަށް ވެސް ބުނެފައިވެއެވެ. އަދި ބޭރުގެ ޑްރަގް ނެޓްވޯކްތަކާއި ރާއްޖެއާ ގުޅުން އޮންނަ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

މިއީ ރާއްޖެއަށް ވެސް ނުރައްކާތެރިކަން ބޮޑު މައްސަލައެއް ކަމަށްވާއިރު، މިމައްސަލައާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ދިވެހި ރާއްޖެއަކީ, އިންޑިއާ ކަނޑުގައި އޮތް ކަނޑުގެ ސަރަހައްދު ބޮޑު ޖަޒީރާ ގައުމެއް ކަމަށާއި, ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާއި، ކާރޫބާރޫގެ ތެރޭން އުފެދެމުންދާ ނުރައްކާތެރި އުދަބާނި، ރާއްޖޭގެ ހުރަހަށާއި ދިގަށް އެބަ ހިނގާ ކަމަށެވެ. ބައިނަލްއަގްވާމީ ބޮޑެތި ޑްރަގް ނެޓްވޯރކް ތަކުން، އަބަދާ އަބަދު ހަރަކާތް ތެރިވާ ކަމަށާއި, ޓެރަރިޒަމާއި އެހެނިހެން ވަގު ވިޔަފާރިއާއި ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތްތަކަށް މިބިޔަ ކަނޑުގައި ޖާގަ އޮންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ, ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި، އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހި ކުރުމަކީ މިފަދަ ކުށްތައް ކުރާ މީހުން ރުހޭނެ ކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ ސަރަހައްދު، އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި ދައުލަތުގެ ދަށުގައިވާ އެއްގަމާއި ކަނޑާއި ވައިގެ ސަރަހައްދު އެފަދަ ނޭދެވޭ ބޭނުންތަކަށް ދުލެއް ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ދެއްވި ޔަގީންކަމާއެކު، އެމްއެންޑީއެފުން ވެސް ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޑްރަގްބޯޓް ފަހަރު ގިނަވާން ދޫކޮށް ނުލާނެ ކަމަށާއި އެކަމަށް ޖާގަ ވެސް ނުދޭނެ ކަމަށެވެ. އެހެންކަމުން އިތުރަށް ވަސީލަތްތައް ގާއިމްކޮށް، މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ރެޔާއި ދުވާލު ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނިޓަރ ކުރަމުންދާ ކަމަށާއި، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ބޭރުގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަން އެމްއެންޑީއެފުން ފާހަގަކޮށްފައިވެއެވެ.

އަބަދުވެސް ދިވެހި ސިފައިންނާއި ފުލުހުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންދާއިރު، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރާ ބޯޓުފަހަރު އަތުލައިގަނެވޭނީ ކިހާ މިންވަރަކަށްތޯ ރައްޔިތުން ބަލަން ބޭނުންވާނެއެވެ. އަދި ލިބުނު ކުރިއެރުމާއެކު، އެމަގު ބަންދުކުރުމަށް ރައްޔިތުން އެދޭނެއެވެ. މަސްދޯނި ފަހަރަށްވުރެ ޑްރަގްބޯޓްފަހަރު ގިނަވެއްޖެނަމަ އެއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އޮތް ބޮޑު ބިރަކަށް މެނުވީ ނުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް