އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް އާސެނަލް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ ވެސްޓް ހޭމް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗަށްވެސް އާސެނަލުން ނުކުތީ އެ ޓީމުގެ ފޯވާޑް ޕިއޭ-އެމެރިކް އޮބާމަޔަން ނުލައެވެ. އަޚުލާގީ މައްސަލައަކާ ގުޅިގެން އާސެނަލުގެ ކެޕްޓަން ބޭންޑް ދާދި ފަހުން ނަގާފައިވާއިރު، ވެސްޓް ހޭމް މެޗުގެ އިތުރުން ލީގުގައި ސައުތެމްޓަން އަތުން 3-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވި މެޗަށް ނެގި ސްކޮޑުގައިވެސް އޮބާމަޔަން ހިމަނާފައެއް ނުވެއެވެ. އެއާއެކު މި ދެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖަހަން އާސެނަލަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އާސެނަލުން ވަނީ ލީޑު ނަގާފައެވެ. ލަކަޒޭޓް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގަބްރިއެލް މާޓިނެލީއެވެ.
އޭގެ ފަހުން މެޗުގެ 69 ވަނަ މިނެޓުގައި ލީޑު ފުޅާކުރަން އާސެނަލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ލަކަޒޭޓް ފޮނުވާލި ޕެނަލްޓީ ޕެނަލްޓީ ވެސްޓް ހޭމުގެ ގޯލްކީޕަރު ލޫކަސް ފަބިއަންސްކީ ވަނީ މަތަކޮށްފައެވެ. މިއީ އޭރިއާ ތެރެއިން ލަކަޒޭޓަށް ވެސްޓް ހޭމުގެ ވްލަޑިމީރް ކޫފާލް ކުރި ފައުލަށް ދިން ޕެނަލްޓީއެކެވެ. އެއާއެކު ރެެފުރީ ވަނީ ކޫފާލަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.
ވެސްތް ހޭމުގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ އާސެނަލުން ނެގިއިރު، އެ ޓީމުން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. ބުކާޔޯ ސަކާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމީލް ސްމިތު ރޯވެވެ.
މި މޮޅާއެކު ތާވަލުގެ ހަތަރުވަނައަށް އާސެނަލް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު 17 މެޗުން 29 ޕޮއިންޓް ލިބިފައެވެ. އަދި މީގެ ކުރިން ހަތަރުވަނައިގައި އޮތް ވެސްޓް ހޭމް ފަސްވަނައަށް ވެއްޓުނުއިރު، އެ ޓީމަށް 17 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.