ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތާއެކު ދިރާގު ޓީވީގެ ޚިދުމަތް ށ. ފޯކައިދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
މި ދެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްވަނީ ފޯކައިދޫގެ ރައްޔިތުންނަށް ޚާއްސަ އޮފަރތަކަކާ އެއްކޮށެވެ. އެގޮތުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރއަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސް ހިލޭ ލިބިގެންދާނެއެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ، ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް (ޑީކޯޑަރ) ވެސް މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.
މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 68 ރަށެއް ހިމެނެއެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77 އިންސައްތަ ގޭބިސީއަށް މިހާރު ދިރާގުޓީވީގެ ޚިދުމަތް ފޯރުކޮށްދީފައެވެ.
ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިރާގުން ބުނެއެވެ.