ކ. މާލެ
|
16 ޑިސެންބަރ 2021 | ބުރާސްފަތި 16:26
ކުރީގެ ރައީސް ޔާމީން އިންޑިޔާގެ ބޮޑުވަޒިރުގެ އަރިހުގައި: ވަކި ބަޔަކު ރުޅިނާރުވައި އެކުވެރިކަން އިސްކުރުމަކީ ދިވެހީންގެ ޒަމާންވީ ސިޔާސަތު
ކުރީގެ ރައީސް ޔާމީން އިންޑިޔާގެ ބޮޑުވަޒިރުގެ އަރިހުގައި: ވަކި ބަޔަކު ރުޅިނާރުވައި އެކުވެރިކަން އިސްކުރުމަކީ ދިވެހީންގެ ޒަމާންވީ ސިޔާސަތު
ޕީއެމްއިންޑިއާ
މަގޭ ރިޕޯޓް
ސޯޅަ ޑިސެމްބަރުން ދިވެހީން ލިބިގަންނަންވީ ފިލާވަޅުތައް
 
އެއްވެސް ބަޔަކު ރުޅިނާރުވައި އެކުވެރިކަން އިސްކުރުމަކީ ދިވެހީންގެ ޒަމާންވީ ސިޔާސަތު
 
ދިވެހީންގެ މިނިވަންކަން ގެއްލުނީ ވަކިއަތަކަށް ނުޖެހުމުގެ ޒަމާންވީ އާދަ ދޫކޮށްލުމުން

ދިވެހިރާއްޖޭގެ މިނިވަންކަން އިނގިރޭސިން ނިގުޅައިގަތް އެއްބަސްވުމުގެ ވާހަކަ ނުވަތަ ހިމާޔަތުގެ އެގްރީމަންޓުގެ ވާހަކަ އެންމެންވެސް ދައްކައެވެ. އިނގިރޭސީންގެ ހިމާޔަތުގެ އުނގަށް ވެއްޓި 77 އަހަރުގެ ދިގު މުއްދަތެއްގެ ތެރޭގައި ދެން ހިނގައިދިޔަ ކަންކަމުގެ ވާހަކަ ލިޔުންތެރިން ލިޔުއްވައެވެ. ކުޅަދާނަ ވާހަކަ ދެއްކުންތެރިން އެކި ޖަލްސާތަކުގައި އެވާހަކަ ދައްކަވައެވެ، މިދެންނެވި އެއްބަސްވުމުގައި ސޮއިކުރެވުނުތާ މިއަދަށް 134 އަހަރު ފުރުނީއެވެ. އެ އެގްރީމަންޓުގައި ސޮއިކުރެވުނީ 16 ޑިސެމްބަރު 1887 ގައި މާލޭގައެވެ. ރާއްޖޭގެ ރަސްކަމުގައި އެއިރު އިންނެވީ ސުލްތާނު މުހައްމަދު މުއީނުއްދީނު ދެވަނައެވެ. ބޮޑުވަޒީރުކަން އޮތީ ކަކާގޭ ފަރާތަށެވެ. މި އެއްބަސްވުމާއެކު ވެރިކަންވެސް ރަސްކަންވެސް ފުރޮޅިގެންގޮސް އަތިރީގޭ ފަރާތަށް ހުރިހާ ކަމެއް އެނބުރިއްޖެއެވެ. ރަސްކަމަށް ދެން އިސްކުރެވުނީ ކުރިން ރަސްކަމުން ވަކިކުރެވިފައި ހުންނެވި ބޭފުޅެކެވެ. ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނީވެސް އެމަގާމުން ކުރިން ވަކިކުރެވިފައި ހުންނެވި ބޭފުޅެކެވެ.

ކޮންމެއަކަސް މިދެންނެވި އެއްބަސްވުން އުވިގޮސް މިނިވަންކަމުގެ އެގްރީމަންޓުގައި ސޮއިކުރެވުނު ގޮތާއި ސޮއިކުރި ތާރީޚާއި ސޮއިކުރިތަން އެންމެނަށްވެސް އެނގެއެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަ ކުރަނީ އެދުވަހެވެ. ޖުލައިމަހުގެ ސައްބީސްވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ސައްބީސް ޖުލައި 1965 މިދުވަހު ހެނދުނު ދިހައެއް ޖެހިއިރު ސިލޯނުގެ ވެރިރަށް ކޮޅުނބުގައެވެ. ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ ހައިކޮމިޝަނަރ މައިކަލް ވޯކަރެވެ. މިއެއްބަސްވުމުގައި ސޮއިކުރެވުމާއެކު ސޯޅަ ޑިސެމްބަރު 1887ން ފެށިގެން އިނގިރޭސީންގެ ހިމާޔަތުގެދަށުގައި ރާއްޖެއޮތް އޮތުން 77 އަހަރަށްވުރެ ގިނަ ދުވަސްވުމަށްފަހު ނިމުމަކަށް އައީއެވެ.

ތާރީޚަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑޭ ބުނެވެއެވެ. އެގޮތުން އިނގިރޭސީންގެ ހިމާޔަތުގެ އުނގަށް ދިވެހިރާއްޖެ ވަނަނާން ޖެހުނީ ކީއްވެގެންތޯ ބުނެދީ ކިޔައިދީ ހެދުމަށް ސޯޅަ ޑިސެމްބަރަށްވުރެ އެކަށީގެންވާ ދުވަހެއް ނޯންނާނެއެވެ. މާލޭގައި ތިބި ވޯރާއިން މިކަމުގައި އަދާކުރި ދައުރާއި ވެރިކަމުގެ އެދުމުގައި ވަކި އާއިލާއަކުން ގައުމުގެ މަސްލަހަތު ގުރުބާންކޮށްފައި އަމިއްލަ މަސްލަހަތު އިސްކުރިގޮތާއި އެކަމަށް ބޭނުންކުރި އުކުޅުތައް މިޒަމާނުގެ ސިކުނޑިތަކަށް ވެއްދޭވަރަށް ތިލަކޮށް ރީއްޗަށް ކިޔައިދޭންވެސް މިއަށްވުރެ ވަކި އެކަށީގެންވާ ދުވަހެއް ނާންނާނެއެވެ. އިންޑިޔާކަނޑުގެ އުދަބާނިތަކުގެ އަސަރު ރާއްޖެއަށް ފޯރާގޮތާއި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އެބާރުތަކުގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ގައުމުގެ ނަވުގެ މިސްރާބު ހިފުމުގެ ހެޔޮކަމާއި އެކަން އެމަގުން ނުކުރެވިއްޖެނަމަ ދެން އަތުވެދާނޭ ނުރައްކަލުގެ ވާހަކަތައް ކިޔައިދޭންވެސް ސޯޅަ ޑިސެމްބަރަށް ވުރެ އެކަށީގެންވާ ދުވަހެއް ނާންނާނެއެވެ.

ގައުމަށް ހެވާއި ލާބަ އެދިގެން ރޭގަނޑުގެ ނިދިވެސް ގުރުބާންކުރާކަމަށް ދިވެހީން ގަބޫލުކުރާ ބައެއް މީހުންނަކީ ވެރިކަމަށް އާދެވޭން އޮތް މަގުކޮށުމަށްޓަކައި ނިކަމެތި ދިވެހީންގެ ގެދޮރުގައި ހުޅުޖަހައި ރަށުތެރެ ނާމާންކޮށް މީހުން މަރައި މީސްތަކުންގެ މޭފަޅައި އެއިން ތެޔޮހާނައި ކުފުރާއި ޝިރުކުގެ އުކުޅުތަކަށްވެސް އީމާންވާން ފަސްނުޖެހޭ ބައެއްކަން މިޒަމާނުގެ ސިކުނޑިތަކަށް ވިސްނައިދީ ކިޔައިދޭންވެސް އެންމެ އެކަށީގެންވާ ދުވަހަކީ ސޯޅަ ޑިސެމްބަރެވެ. މީހާ ދައްކާ ވާހަކަޔާއި ބޭރުފުށުން ފެންނަ ދަޅަތަކަށް ނުބަލައި އެމީހާގެ އަސްލާއި ހަގީގަތް ބަލައި ހޯދައި އެމީހަކީ ކާކުކަން އެނގިތިބެގެން ގައުމުގެ ހުންގާނު ހަވާލުކުރުމުގެ އާދަ ނެތިއްޖެނަމަ ދެން އަދާކުރާންޖެހޭ އަގު ވަރަށްވެސް ބޮޑުވާނޭކަން ކިޔައިދޭން މިއީ އެންމެ މުނާސަބު ދުވަހެވެ. ސަބަބަކީ ކުރިންވެސް ބަޔާން ކުރެވުނު ފަދައިން މިދުވަހަކީ ދިވެހީންގެ މިނިވަންކަން އިނގިރޭސީންނާ ހަވާލު ކުރެވުނު ދުވަހަކީ މިދުވަސް ކަމަށްވާތީއެވެ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި ޖުލައި ސައްބީސްވަނަ ދުވަހު ދިވެހީން މިނިވަންދުވަސް ފާހަގަކޮށް މިނިވަންކަމަށް ކުރި ދިގު ދަތުރުގެ މަތިން ހަނދާންކޮށް ދިވެހީން ކަޑައްތުކުރި އެކި މަރުހަލާތަކުގެ ވާހަކަޔާއި ވެލާނާގޭ އިބްރާހިމް ނާސިރުގެ ހިކުމަތު އަމަލީގެ ވާހަކަ ދައްކާ ބީދައިން ޑިސެމްބަރު ސޯޅައިގެ ބިރުވެރިކަމާއި އަނދިރިކަމާއި ނާމާންކަމުގެ ވާހަކަވެސް ދައްކާން ޖެހޭނެއެވެ. ހަނގުރާމަމަތީ މަނަވަރުތަކެއްގެ ބޮޑުބަޑިތައް މާލެއާ ދިމާލަށް އަނބުރައި މާލެ ފުނޑުފުނޑުކޮށްލެވިދާނޭކަމުގެ އިންޒާރުދީ ރަދުންނާއި މާލޭގެ ރައްޔިތުން ބިރުގެންނެވި ބިރުގެންނެވުމުގެ މަތިން ހަނދުމަކުރަން ޖެހޭނެއެވެ. އެހިސާބަށް ކަންކަން ފުރޮޅިގެން ދިޔުމުގައި ދިވެހީންގެ ތެރެއިން ބައެއް މީހުން ކުޅުނު ދައުރުގެ މަތިންވެސް ހަނދުމަ ކުރާން ޖެހޭނެއެވެ. އެކަން އެހެން ނުކުރާނަމަ ތާރީޚުން ފިލާވަޅު ލިބުނު ކަމަކަށެއް ނުވާނެއެވެ. އިހަށް ހެދުނު ގޯސްތައް އަލުން ތަކުރާރު ނުކުރުމަށް ބާރަކަށްވެސް ނުވާނެއެވެ.

މިކަންކަން މިހެން ހުރީމާ މިއަދު މިވާހަކަ ހަނދާންކުރާނަމޭ ހިތަށް އެރީއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ސިޔާސީ އޮއިވަރުގެ ގޮތާއި ބާވަތް މިޒަމާނުގައި ހިސާބަކަށް ތަފާތުވެފައިވިޔަސް ކޮންމެ ބަޔަކުވެސް ކަންކުރަނީ އެބައެއްގެ މަސްލަހަތު ނިޔާކުރާ ގޮތެއްގެ މަތީންނެވެ. އެހެންބަޔަކަށް ހަމްދަރުދީވުމާއި އަޅާލުމާއި ކުލުނަކީ އޭރުވެސް އަދި މިހާރުވެސް އޮންނަ ކަމެއް ނޫނެވެ. އެހެންވީމާ ގައުމުތަކުގެ ސިޔާސަތު ބައްޓަންކޮށް ތަރުތީބު ކުރަންވާނީ ވަކިއަތަކަށް ނުޖެހި އެންމެނަށްވެސް އިހުތިރާމްކުރުމާއި ގާތްކަން ބޭއްވުމުގެ އުސޫލުންނެވެ. ވަކި ބަޔަކާދެކޮޅަށް ނަފްރަތު އުފައްދައި ނޭއްގާނިހާ ވާހަކަ ދައްކައި ވަކި ކޮޅަކަށްގޮސް ހުސްވެ އަނެއްބަޔަކު ރުޅިއެރުވުމަކީ ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ދަންނަ ކަމެއް ނޫނެވެ. އަދި އެއީ ރާއްޖެފަދަ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ހެޔޮ ފަރުވާއެއްވެސް ނޫނެވެ. އަދި ކިޔެއްތަ އެއީ މިކަހަލަ ގައުމުތަކަށް އޮންނަ އެންމެ ނުރައްކާތެރި އެންމެ ބިރުވެރި ސިޔާސަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
15%
15%
0%
38%
15%
15%
ކޮމެންޓް