ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ފަސޭހަކަމާއެކު ކުލަބު ވެލެންސިއާ ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޝީލްޑް އުފުލާލައިފިއެވެ.
މި ސީޒަނުގެ ޗެރިޓީ ޝީލްޑް މާޒިޔާއިން ކާމިޔާބުކުރީ ބުދަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ވެލެންސިއާ އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ މާޒިޔާއިން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. އެއާއެކު މާޒިޔާ ވެފައިވަނީ މިހާތަނަށް އެންމެ ގިނައިން ޗެރީޓީ ޝީލްޑް ކާމިޔާބުކުރި ޓީމަށެވެ.
ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު މާޒިޔާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ މި ސީޒަނަށް އަލަށް އެ ޓީމާ ގުޅުނު ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އެވެ.
މި ލަނޑަށްފަހުވެސް މާޒިޔާއިން ވަނީ ވެލެންސިއާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި އިބުރާހީމް ވަހީދު ހަސަން (އިއްބެ) ވަނީ މާޒިޔާއަށް ލަނޑެއް ޖަހައިދީ، އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ގެ އެހީތެރިކަމާއެއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއިން ތިންވަނަ ލަނޑެއް ޖެހިއިރު، ވެލެންސިއާގެ ގޯލްކީޕަރު މުޙައްމަދު ފައިސަލަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯނޭއެވެ.
މި މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން މެޗު ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، މެޗުގެ 55 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. މިއީ އޭރިއާ ތެރެއިން މާޒިޔާގެ ކޯނޭއަށް ވެލެންސިއާގެ ޑިފެންޑަރަކު ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. އަދި އޭގެ ތިން މިނެޓު ފަހުން ވެލެންސިއާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހުސެއިން ނިހާން (ނިހާޓް) ވަނީ މާޒިޔާގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ.
މި މެޗަށްފަހު މެޗުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސި ޓައިނީ ހާޓްސް މޯލްޑިވްސް އަދި ބްލައިންޑް އެސޯސިއޭޝަނަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައުންޑޭޝަނުގެ ފަރާތުން ވަނީ ޗެރިޓީ ހަދިޔާކޮށްފައެވެ. އެގޮތުން އެ ދެ ޖަމުޢިއްޔާއަށް ވަނީ 50،000 ރުފިޔާ ހަދިޔާކޮށްފައެވެ.
މި ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗަށްފަހު ދެން ކުޅޭ ޕްރެޒިޑެންޓްސް ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހެވެ. އަދި އޭގެ ފަހުން ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާޒިޔާއަކީ އެންމެ ފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ.