ކ. މާލެ
|
15 ޑިސެންބަރ 2021 | ބުދަ 18:53
ތިލަފުށީގެ ކުނިގޮނޑު
ތިލަފުށީގެ ކުނިގޮނޑު
ހަނީ އާމިރް 2019
ތިމާވެށި ހިމާޔަތްކުރުން
އަނދަމުންދާ ކުނި ގޮނޑަކުން ފެހި މާހައުލަކަށް
 
ރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ބޮޑު މަޝްރޫއެއް ފަށާފައި
 
މި މަޝްރޫއަށް 304 މިލިއަން ޑޮލަރު ޚަރަދުވާނެ

މީގެ 30 އަހަރު ކުރިން އެއީ ގުދުރަތީ ގޮތުން އުފެދިފައި އޮތް ރީތި, ތިލަ ފަޅެކެވެ. ނަމަވެސް މާލެ ސަރަހައްދުގެ ގެތަކުންނާއި, ސިއްހީ މަރުކަޒުތަކުންނާއި, ރިސޯޓުތަކުން އަދި ފައިބަރު ދޯނީގެ ބޯޓު ޔާޑުތަކުންނާއި, އުޅަނދުތަކާއި, ކެމިކަލް އާއި, ބެޓަރީ އަދި އިމާރާތްތައް ތަޅާލުމުން އުފެދޭ ކުނިތައް 1991 ވަނަ އަހަރުން ފެށިގެން މި ތިލަ ފަޅަށް ޖަމާކުރަން ފެށުމާއެކު މިހާރު މިތަން ވަނީ އަނދަމުންދާ ކުނިގޮނޑަކަށް ވެފައެވެ. އަދި މިކަމުގެ ސަބަބުން މިއީ 'ކުނި ރަށުގެ' ގޮތުގައި ހުރިހާ އެންމެނަށް ބަލައިގަނެވި މިހާރު އެތަން އޮތީ ތިލަފަޅުން، ކުނިއަޅާ ތިލަފުށްޓަށް ބަދަލުވެފައެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވާއިރު، މިކަމުގެ އެންމެ ނުރައްކާ ބޮޑު އެއް ގައުމަކީވެސް ދިވެހިރާއްޖެއެވެ. ތިލަފުށީގައި އަންދާ ކުނީގެ ސަބަބުން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ މައްސަލަ ހައްލު ކުރުމަކީ ހުރިހާ ސަރުކާރަކުންވެސް އަމާޒުހިފި ކަމެކެވެ. ނަމަވެސް މިކަމަށް އެދެވޭ ހައްލެއް މިހާތަނަށް ލިބިފައެއް ނެތެވެ. ރާއްޖޭގައި ކުނި މެނޭޖުކޮށް، ކުނިން ހަކަތަ އުފެއްދުމާއި، ހަކަތަ މެނޭޖުކުރުމުގެ މަސައްކަތް މިސަރުކާރުން ބުދަ ދުވަހު އިފްތިތާހުކުރުން ވެގެންދިޔައީ މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެޅިގެންދިޔަ އެންމެ ބޮޑު މަސައްކަތަށެވެ.

މި ޕްރޮޖެކްޓާއެކު ކުނި މެނޭޖް ނުކޮށް, އެއްވެސް ހަމައެއް ލަމައެއް ނެތި ތިލަފުށްޓަށް ކުނި އޮއްސަމުންދިޔަ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރެއިން ކ, އއ, އދ އަދި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށި ގާއިމުކޮށް މަރާމާތު ކުރެވޭނެއެވެ. އަދި ކުނި މެނޭޖްކުރުމަށް އުޅަނދާއި އިކުއިޕްމަންޓް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން މާލެއާއި, ވިލިމާލެ, އަދި ހުޅުމަލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޤާއިމުކުރެވޭނެއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓްގައި މިހާރު ސޮއިކޮށްފައި ވާއިރު، މާލެ ސަރަޙައްދުގެ ކުނި ތިލަފުއްޓަށް ގެންދިއުމަށް އުޅަނދުތައް ގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެންވާރްމެންޓް މިނިސްޓަރ ވިދާޅުވިއެވެ.

ތިލަފުށީގައި މި ފެންނަ ބޮޑު ގޮނޑު އެއްފަރާތްކޮށް އެތަނުގެ ހާބަރު ހަދައި, މުސްތަޤްބަލުގައި ކުނި ގެނެސް ބާލާނެ ސަރަޙައްދު މި ވަނީ ތަރައްޤީކޮށް ނިމިފައި. ކުނި ގެނެސް, ކިރައި, ބައިބައި ވަކިކޮށް, ޝްރެޑް ކުރުމަށްފަހު އިންސިނެރޭޓް ކުރުމަށް ބޭލް ކުރެވޭނެ. ހަމަމިއާކު ޒަމާންތަކެއްވަންދެން އެ ގޮނޑުގައި ރޯވެފައިވާ އަލިފާންގަނޑު މިވަނީ ނިއްވާލާފައި. މި ކަމަށްޓަކައި ވެމްކޯގެ މުވައްޒަފުންނަށާއި މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މިނިސްޓަރ އޮފް އެންވާރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ

މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަކީ ވޭސްޓު އެނާޖީ ޕްލާންޓް ޤާއިމުކުރުމެވެ. ވޭސްޓު އެނާޖީ ޕްލާންޓު ޤާއިމުކުރުމަށް މިހާރުވަނީ ސްޕޭންގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ އުރްބާސާއާ އެކު ޑިޒައިން, ބިލްޑް އެންޑް އޮޕަރޭޓު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ މިއަދު ތިލަފުށި އެއޮތީ، މީގެކުރިން އެ ތަނުން ލިބުނު އުނދަގޫތައް މިހާރު ނުލިބޭނެ ގޮތަށް އިންތިޒާމު ކުރެވިފައި ކަމަށެވެ. މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ސަރުކާރުން އެކަމަށް ޙައްލެއް ހޯދައިފި ކަމަށާއި، މިހާރު ތިލަފުށިން ދުމެއް ނާރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްކާތެރިކަމާއެކު ކުނި މެނޭޖް ކުރުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމެއް. މިއަދު މި އިފްތިތާޙް ކުރާ "ވޭސްޓް ޓު އެނަރޖީ" މަޝްރޫޢަކީ، މާލެއަތޮޅާއި، އަރިއަތޮޅާއި ވާވު އަތޮޅުގެ ހުރިހާ ރަށްރަށާއި، ރިޒޯޓުތަކުގައި އުފެދޭ ކުނި، ރައްކާތެރި ގޮތުގައި ނައްތައިލުމަށް ފަށާ، ވަރަށް މުހިންމު މަޝްރޫޢެއް. މިއީ ކުނި ނައްތައިލުމާއި، ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން ރާއްޖޭގައި ފަށާ އެންމެ ބޮޑު މަޝްރޫޢު. މި މަޝްރޫޢާބެހޭ ވަރަށްގިނަ ތަފްޞީލުތަކެއް، މިނިސްޓަރ ޝައުނާއާއި އަދި އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި ބޭފުޅުން ހާމަކުރައްވައިފި. އާދެ، ދިވެހި ސަރުކާރާއި، ބޭރުގެ އެހީ ދޭ ހަ ފަރާތެއްގެ މާލީ އެހީތެރިކަމާއެކު ހިންގާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ، ކުރިން ވެސް ދެންނެވި ފަދައިން، 304 މިލިއަން ޑޮލަރު. މި މަޝްރޫޢުގެ އެންމެ މުހިންމު ބޭނުމަކީ، މިއީ ކުނި ނައްތައިލާ މަޝްރޫޢަކަށް ވާކަން. ޙަޤީޤަތުގައި ވެސް ހަމަ ކުނި ނައްތައިލަނީ. މި މަޝްރޫޢުގެ ދަށުން ތިލަފުށީގައި ޤާއިމުކުރާ ޒަމާނީ ވަސީލަތްތަކުން ކުނި ނައްތައިލާއިރު، ކުނީގެ މާނައިގައި ހިމެނިގެން، އެއްލައިލަންޖެހޭ މާބޮޑު އެއްޗެއް ނޯންނާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް

ކުނި މެނޭޖުކޮށް ތިމާވެށި ރައްކާތެރި ކުރުމަކީ، ހަމައެކަނި މާލެ ސަރަހައްދަށް އިސްކަންދީގެން މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއް ނޫނެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރު ވަނީ އަތުކުރި އޮޅާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް