އައްޑޫ ސިޓީ
|
15 ޑިސެންބަރ 2021 | ބުދަ 08:07
އައްޑޫސިޓީ
އައްޑޫސިޓީ
ފޭސްބުކް
އައްޑޫސިޓީގެ ކޮވިޑްގެ ހާލަތު
ގިނަ ދުވަސްތަކަކަށްފަހު އައްޑޫގެ ކޮވިޑް ކޭސްތަކުގެ އަދަދު 100 އަށްވުރެ ތިރިވެއްޖެ
އަންގާރަ ދުވަހާ ހަމަޔަށް ބަލިޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 96
މިއީ ވޭތުވެދިޔަ 4 މަސް ދުވަހުގެ ތެރޭގައި ވެސް އަދަދުތައް މިހާ ދަށްވި ފުރަތަމަ ދުވަސް
އަދިވެސް އައްޑޫސިޓީއޮތީ މޮނިޓަރިންގައި

އޮގަސްޓް މަހުން ފެށިގެން މިހާތަނާ ޖެހެންދެން ކޮވިޑް 19 އަށް ގިނަ ބަޔަކު ފައްސިވަމުން އަންނަ އައްޑޫސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 100 އަށްވުރެ ތިރިވެއްޖެއެވެ. މިބަލިން ފަސޭހަނުވާ މީހުންގެ އަދަދު އަންގާރަ ދުވަހު 96 ގައި އޮތް އިރު މިއީ ވޭތުވެ ދިޔަ 4 މަސް ދުވަހުގެ ތެރޭގައި ވެސް  އަދަދު މިހާ މަދުވި ފުރަތަމަ ފަހަރެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމު ކުރި ތަފާސް ހިސާބުގައިވާގޮތުން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އައްޑޫން ފައްސިވީ އެންމެ މީހެކެވެ. އެމީހާ ފައްސިވެފައިވަނީ ހިތަދޫންނެވެ. މިވަގުތު އެންމެ ގިނަ ބަޔަކު ބަލިން ރަނގަޅުނުވެ ތިބީ ހިތަދޫގައެވެ. ހިތަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 75 އަށް އަރައެވެ. 2021 ގެ މެދެއްހާ ހިސާބުގައި އައްޑޫގައި ކޮވިޑް ކޭސްތައް އިތުރުވާން ފެށިފަހުން އެންމެ ގިނަ ބަޔަކު ފައްސިވި މަރަދޫގެ ޙާލަތު ވެސް ވަނީ ވަރަށް ބޮޑުތަން ރަނގަޅުވެފައެވެ. އެރަށުގައި މިވަގުތު ތިބީ ބަލިން ރަނގަޅުނުވާ 8 މީހުންނެވެ. ހުޅުދޫގައި ވެސް ކޮވިޑް ޖެހިފައިވާ 8 މީހުން ތިބިއިރު ފޭދޫގައި ތިބީ 2 މީހުންނެވެ. މިވަގުތު މީދޫއާއި މަރަދޫފޭދޫއިން ކޮވިޑްގެ ކޭސްއެއް ފެނިފައެއް ނުވެއެވެ. އަންގާރަ ދުވަހު އެކަނިވެސް އައްޑޫގައި 146 ސާމްޕަލެއް ނަގައި ޓެސްޓުކޮށްފައިވެއެވެ. މިހާތަނަށް 35367 ސާމްޕަލް ނަގައި ޓެސްޓު ކުރެވިފައިވާއިރު އޭގެ ތެރެއިން 2917 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިވަގުތު އައްޑޫގައި ކަރަންޓީންގައި ތިބީ 67 މީހުންނެވެ. ކޮވިޑަށް ފައްސިވެފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ އެންމެ މީހަކަށެވެ. މިހާތަނަށް އައްޑޫން ކޮވިޑް ޖެހިގެން 13 މީހަކު ވަނީ ނިޔާވެފައެވެ.

ޑިސެންބަރު މަސް ފެށުނުއިރު އައްޑޫން ކޮންމެ ދުވަހަކު އެވްރެޖްކޮށް 20 ނުވަތަ 25 މީހުން ކޮވިޑަށް ފައްސިވަމުން ދިއުމާގުޅިގެން ޑިސެންބަރ 6ގައި ވަނީ އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް އެއްކޮށް މަޑު ޖައްސާލާފައެވެ. އަދިވެސް އައްޑޫއޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. އެހެންނަމަވެސް  އައްޑޫ ސިޓީގެ 80 އިން ސައްތައަށް ވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާތީ ކުރިން އަމަލުކުރި ގަވާއިދަށް ބަދަލުގެނެސް، ފުރާމީހުންގެ ތެރެއިން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް މިހާރު، ޕީސީއާރު ޓެސްޓާ ނުލާ ދަތުރު ކުރެވެއެވެ.

އައްޑޫގައި ކޮވިޑުން ދިފާޢުވުމަށް ޖަހާ ވެކްސިން ޕްރޮގްރާމް ކުރިއަށްދާ ގޮތަށް ބަލާއިރު ބުރާސްފަތި ދުވަސް ފިޔަވައި ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ވެސް މި ޚިދުމަތް ފޯރުކޮށްދެއެވެ. އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ސިނޮފާރމްގެ ފުރަތަމަ ޑޯޒް އަދި 2 ވަނަ ޑޯޒް ޖެހުން ކުރިއަށްދަނީ ހެނދުނު 8.30 ން 09.30އަށެވެ. އަދި 10.00ން 11.30ށް އެސްޓްރާޒެނެކާގެ ފުރަތަމަ ޑޯޒް އަދި 2 ވަނަ ޑޯޒް ޖެހުން ކުރިއަށް ދާއިރު، މެންދުރު 12.00ން 01.30ށް ފައިޒާ ޖަހަންޖެހޭ ކެޓަގަރީތަކަށް ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް އަދި 2 ވަނަ ޑޯޒް ޖެހުމާއި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ފައިޒާގެ ބޫސްޓަރ ޑޯޒްޖެހުން ކުރިއަށް ދެއެވެ. އައްޑޫސިޓީން ޙައްޖާއި ޢުމްރާއަށް ފުރާ މީހުންނަށް ޓްރެވެލް ވެކްސިން ޖަހަން ހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 08.30ން 11.30 އަށެވެ. އޭއީއެޗުން ބުރާސްފަތި ދުވަސް ކަނޑައަޅާފައިވަނީ ކުޑަކުދިންނަށް ވެކްސިން ދޭ ދުވަހެއްގެ ގޮތުގައެވެ.

ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން އޭއީއެޗް އެކޭ އެއްގޮތަށް އައްޑޫ ސިޓީގެ އެހެން އަވަށްތަކުގެ ސިއްޙީ މަރުކަޒުތަކުގައި ވެސް ކުރިއަށް ދެއެވެ.

ޑިސެންބަރ 23 އަށްފަހު އަންނަ ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އައްޑޫއަށް އައިސްގޮސް ހަދާނެކަމަށް ބެލެވެއެވެ. މިދުވަސްވަރު ވެސް ކޮވިޑުން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވެ އެއްވެ އުޅުން މަދުކުރުމަކީ މިހާރު މިއޮތް ޙާލަތު ދެމެހެއްޓުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ.    

- ކޮމެންޓް