ރައީސް ޔާމީން ޖަލު ހުކުމުން ސަލާމަތްވެ، ޕީޕީއެމުން މުޅިން އައު ހަރުފަތަކަށް ސިޔާސީ ހަރަކާތްތައް ގެންދިޔުމަށް ފުލުފުލުގައި ޖަލްސާތައް ބާއްވާއިރު އިވެނީ އެއްވާހަކަތަކެކެވެ. ހުކުމުގެ ކުރިން ޖަލްސާތަކުގައި ދެއްކެވި ވާހަކަފުޅުތަކުގެ ފަށްކުރުމެއް އަޑު އިވޭހެން ހީވެއެވެ. އެއްވެސް ވަރަކަށް އައު ފެށުމެއްގެ އިހުސާސެއް ނުކުރެވެއެވެ. މުޅިންވެސް ދައްކަވަނީ، އެމަނިކުފާނުގެ ވެރިކަން ނިމި ދިޔަ ގޮތުގެ ވާހަކަތަކެވެ. 2018ގެ ރިޔާސީ އިންތިޚާބުގެ ވާހަކައެވެ.
އެންމެފަހުން ބޭއްވި ކޮތަރުކޮށި ޖަލްސާ އަދި މަރުހަބާގެ ޖަލްސާގައިވެސް ރިޔާސީ އިންތިޚާބު އިންސާފުވެރި ނޫންކަމުގެ ޝަކުވާތައް އާކުރެއްވިއެވެ. އެންމެ ބޮޑު ޚާއިނެއްގެ ލަގަބު އޭރު އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފަށް ދެއްވިއެވެ. އަސަރާއެކުގައި އެ ވާހަކަތައް ތަކުރާރު ކުރެއްވިއެވެ.
ރައީސް ޔާމީންގެ މިވާހަކަފުޅާއެކު ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ފުލުހުން ފާހަގަ ކޮށްފައިވާކަމަށް ބުނެ ފޭކް ރިޕޯޓެއްވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވިއެވެ. މިއީ ސައްހަ ރިޕޯޓެއް ނޫންކަން ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ވަނީ އޭގައި ބޭނުންކޮށްފައިވާ ސިއްކައަކީ 2018ގައި ފުލުހުން ބޭނުންކުރި ސިއްކައާއި މުޅިން ތަފާތު ސިއްކައެއް ކަމަށް ވެސް ބުނެފައެވެ. ސަރުކާރު ބަދުނާމުކުރުމުގެ ނިޔަތުގައި ފޭކް ރިޕޯޓް ތައްޔާރުކުރި މީހުންވެސް މިފަހަރު ޕީޕީއެމަށް ދިނީ ދޯކާއެވެ. މާކުރިން ފުލުހުން ބޭނުންކުރި ސިއްކައެއް އޭގައި ޖަހާ މަސައްކަތް ހަވާލުކުރި މީހުންވެސް ސާހިބު މީހާއަށް އޮޅުވާލީއެވެ.
2018ގެ ވެރިކަން ބަދަލުވެގެން އޭރު އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި އަހުމަދު ޝަރީފަށް ރައީސް ޔާމިން ޚާއިނަށް ގޮވުމުން، 2018ގެ ޖަޒުބާތުގައި ޖެހި، އެކި މީހުން އުދާސްތައް ބަންޑުން ކުރަން ފަށައިފިއެވެ. އޭރުވެސް ސްޕީކަރުތަކުގެ ފޫ ދާވަރަށް އީސީ ޝަރީފަށް ގޮވިއެވެ. އަނެއްކާވެސް އެ ގޮވެލިފަތި ތަކުރާރުކުރަން ފެށީއެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމުނުތާވެސް 3 އަހަރުވީއެވެ. އަދިވެސް އިންތިޚާބު އޮޅުވާލި ވާހަކައަކު އަރައެއް ނުގަތެވެ. އޭރުވެސް އީސީ ޝަރީފަށް ގޮވަމުން ފާހަގަ ފުންމައިގެން އެއް ވޯޓު ކަރުދާހުން އަނެއް ވޯޓު ކަރުދާސްކޮޅަށް ދުވި ވާހަކައަށް ނިމުމެއް ނާދެއެވެ. ކުޑަ ބްރޭކަކަށްފަހު އަލުން އެ ވާހަކަތައް ފެށުނީއެވެ.
ޔަގީންކުރި އިންތިޚާބަކުން ފެއިލްވުމުން މިހެން ވެދާނެއެވެ. ނާކާމިޔާބުވާ ފަރާތަށް އެކަން ބަލައިނުގަނެވި އަދިވެސް އެ ޖަޒުބާތުގައެވެ. ޖަޒުބާތުތަކުން ބޭރުވެ، ކުރިޔަށް އޮތް 2023 ގެ އިންތިޚާބު ކާމިޔާބުވޭތޯ މަސައްކަތް ފަށަންވެއްޖެ ނޫންތޯއެވެ. ދަންނަވަންތޯއެވެ. 2018އަކީ މާޒީއެވެ.