ސްރީލަންކާއަށް މިހާރު މާލީ ގޮތުން ދިމާވެފައިވާ ކަންކަމުން އަރައިގަތުމަށް އިންޑިޔާއަށް މިހާރުން މިހާރަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާއި ގުޅޭ މަސައްކަތްތައް އިންޑިޔާއިން ފަށައިފިއެވެ.
އިކޮނޮމިކް ޓައިމްސްއިން އިންޑިޔާގެ އޮފިޝަލަކާއި ހަވާލާދީ އިންޑިޔާއިން އެމަސައްކަތް ފަށާފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އިކޮނޮމިކް ޕެކޭޖްގެ ދަށުން އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ކާނާ އާއި ހެލްތު ސެކިޔުރިޓީ، އެނަރޖީ ސެކިޔުރިޓީ އާއި ކަރަންސީ ސްވެޕް ހިމެނޭކަމަށް އޮފިޝަލާ ހަވާލާދީ އެނޫހުން ވަނީ ބުނެފައެވެ.
އިންޑިޔާއިން ލަންކާއަށް މާލީ އެހީތެރިކަން މިފޯރުކޮށްދެނީ ދާދިފަހުން ސްރީލަންކާގެ ފިނޭންސް މިނިސްޓަރ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެންނެވެ. އެގޮތުން އިންޑިޔާއިން ލަންކާއަށް ދޫކޮށްފައިވާ ކްރެޑިޓް ލައިން އިތުރުކޮށް އިންޑިޔާއިން ލަންކާއަށް ކާނާ އާއި ބޭހާއި ތެލުގެ އިތުރުން އެހެނިހެން މުހިންމު ބާވަތްތައް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
ސްރީލަންކާއަށް މިވަގުތު ވަނީ މާލީ ގޮތުން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައެވެ. އެގޮތުން ބޭރުގެ ދަރަނި ބޮޑުވެ ފޮރިން އެކްސްޗޭންޖް ރިޒަރވް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ކޮވިޑް-19 އާއެކު ސްރީލަންކާގެ ހުއްޓިފައިވާ ޓުއަރިޒަމް އަލުން ފެއްޓުމަށް މަސައްކަތް ކުރަމުންދާއިރު ބޭރު ފައިސާ ގައުމަށް ވަންނަ އަދަދު ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރުވާނެކަމަށް އެގައުމުގެ ސަރުކާރުން އުންމީދުކުރެއެވެ.
ސްރީލަންކާގެ ސަރުކާރުގެ ބަޔާނަކާއި ހަވާލާދީ އިކޮނޮމިކް ޓައިމްސްއިން ބުނެފައިވަނީ ދެގައުމުގެ ގުޅިގެން އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ކަނޑައަޅާފައިވާކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އެގުޅުން ކުރިޔަށް ގެންދާނެކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.