ފާއިތުވި 24 ގަޑިއިރަކީ 2011 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން ވާރޭވެހިގެން ރިކޯޑް ފަހަރު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ޑިސެމްބަރ 11 ވަނަ ދުވަހުގެ 8ން ފެށިގެން ޑިސެމްބަރ 12 ވަނަ ދުވަހުގެ 8 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް 415.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑްކޮށްފައިވަނީ މާލެ ހިމެނޭ ސަރަހައްދަށެވެ. އެއީ 134.7 މިލިމީޓަރުގެ ވާރެއެވެ. އެއަށްފަހު ދެން އެންމެގިނައިން ވާރޭ ވެހިގެން ރިކޯޑް ކޮށްފައިވަނީ ކ.ގުރައިދޫއަށެވެ. އެއީ 87.4 މިލިމީޓަރުގެ ވާރޭއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ ތޮއްޑޫއަށެވެ. އެއީ 48.2 މިލިމީޓަރުގެ ވާރޭއެވެ. ވ ރަކީދޫއަށް 33 މިލިމީޓަރުގެ ވާރޭ ވެހުނުއިރު ކ.ގާފަރަށް 30.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ގއ.ކޫއްޑޫ އަށް 15 މިލިމީޓަރުގެ ވާރޭ ވެހުނުއިރު ކ.ދިއްފުއްޓަށް 13.3 މިލިމީޓަރުގެ ވާރޭ އަދި ފުވައްމުލަކަށް 11.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ހދ. ހަނިމާދޫ އަށް 10.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
މީގެކުރިން އެންމެ ގިނައިން ވާރޭވެހިގެން ރިކޯޑް ކޮށްފައިވަނީ 2014 ވަނަ އަހަރާއި 2019 ވަނަ އަހަރުއެވެ.
ރާއްޖޭގެ އެކި ހިސާބަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އާންމުކޮށް ކޮންމެ އަހަރަކުވެސް ޑިސެމްބަރ މަހު ރާއްޖެއަށް ކުރަމުންދާ ވިއްސާރަކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ މިއީ ކޮޅި ގަނޑެއްގެ އަސަރު ނޫންކަމަށެވެ. ނަމަވެސް ސްރީލަންކާގެ ދެކުނު ސަރަހައްދުގައި ލޯ ޕްރެޝަރ ކޮޅިގަނޑެއް އުފެދިފައިވާކަމަށެވެ. އޭގެ އަސަރު ކޮންމެވެސް ވަރަކަށް ރާއްޖެއަށް ކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ. ކުރިޔަށް އޮތް ހަފުތާތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.