ކ. މާލެ
|
29 މެއި 2017 | ހޯމަ 17:04
ޓާޓާ ކުންފުނިން ކުރީގެ އަރަބީއްޔާ ހުރި ބިމުގައި އަޅާފައިވާ ފްލެޓްތައް
ޓާޓާ ކުންފުނިން ކުރީގެ އަރަބީއްޔާ ހުރި ބިމުގައި އަޅާފައިވާ ފްލެޓްތައް
އަޒުމޫން އަހުމަދު
ޓާޓާ ފްލެޓް
ރައްޔިތުން "ވާނުވާގައި"
ބައެއް ރައްޔިތުން ފްލެޓަށް ފައިސާ ދައްކައިފި
ފައިސާ ދެއްކި މީހުންނަށް ވެސް ފްލެޓަކަށް ނުވަދެވޭ
ފްލެޓް ލިބުނު މީހުންނަށް އެޗްޑީސީން އެކަށީގެންވާ މައުލޫމާތެއް ނުދޭ

މިފަހަކަށް އައިސް ސަރުކާރުން ބާއްވާ އެކި ހަފްލާތަކާއި ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އިދިކޮޅު ފަރާތްތަކަށް ބަހުގެ ހޫނު ހަމަލާތަކެއް ދެމުންދެ އެވެ. ޚާއްސަކޮށް ރާއްޖޭގެ އެންމެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ގެންދައެވެ. އެމަނިކުފާނު ރާއްޖޭގެ ވެރިކަން ކުރި ގޮތާބެހޭ ގޮތުންނެވެ. އެ ވެރިކަމުގައި ކުރިއަށް ގެންގޮސްފައިވާ ކަންތައްތަކާ ބެހޭ ގޮތުންނެވެ.

ރައީސް ޔާމީން ވިދާޅުވަނީ ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށެވެ. މަގު މައްޗަށް ނުކުމެ މުޒާހަރާ ކުރަން ރައްޔިތުން ބޭނުންނުވާ ކަމަށެވެ.

ރައީސް ޔާމީން މިފަދަ ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދަށް ދެއްވަމުން ގެންދަވާއިރު، މިއަދު ޕީޕީއެމްގެ މެމްބަރުން ވެސް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ރައްޔިތުން އެވަނީ ސަރުކާރަށް ކުރަމުން އައި ތާއީދު ހުއްޓާލާފައެވެ. މިކަން މިހެންވީ ކީއްވެގެންތޯއެވެ. މިއީ ޓީވީ ބެލުންތެރިން އެނގެން ބޭނުންވެފައި ތިބި ­ކަމެކެވެ. އެހެންކަމުން އެކަމުގެ ތަފްސީލަށް ޖެހިލާނަމެވެ. ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމާއި ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ހައްގުވެރިންނަށް އެފްލެޓުތައް ލިބޭނީ ފަސް އަހަރުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކުމުން ކަމަށް ހައުސިން މިނިސްޓްރީން ވަނީ އަންގާފައެވެ.

ފަސް އަހަރުތެރޭގައި ދެ މިލިއަން ރުފިޔާ ދައްކާނަމަ މަހެއްގެ މައްޗަށް 33،333 ރުފިޔާ ދައްކަންޖެހެއެވެ. އެ އަދަދަށް ފައިސާ ދައްކަންޖެހޭއިރު، އެ ފްލެޓުތައް ލިބިފައިވާ މީހުންގެ ތެރެއިން ގިނައީ އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް 15،000 ރުފިޔާ ވެސް ނުލިބޭ މީހުންނެވެ. އެހެންވުމުން އެމީހުން ފްލެޓަށް ދައްކަން ކޮންމެހަކު 33،333 ރުފިޔާ ހޯދަނީ ކޮންގޮތަކުންތޯއެވެ.

ކޮންމެއަަކަސް ފްލެޓް ލިބިފައިވާ މީހުންގެ އަތުން މި ފައިސާ ހޯދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހަވާލުކުރީ ހައުސިން ޑިވޮލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އާއެވެ. އެޗްޑީސީން ކަނޑައެޅި ގޮތަށް ފްލެޓް ލިބުނު ބައެއް ފަރާތަކުން ވަނީ ފްލެޓަށް ދައްކަން ޖެހޭ ޑައުން ޕޭމެންޓް އެޗްޑީސީ އަށް ދައްކާފައެވެ. ނަމަވެސް އެ ފައިސާ ދެއްކި މީހުންނަށް ފްލެޓްގެ ތަޅުދަނޑި ލިބިފައެއް ނުވެއެވެ. އަދި ފްލެޓް ލިބުނު ގިނަ މީހުން މިހާރު ތިބީ ވާނުވާ އެއްގެ ތެރޭގައެވެ.

ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށި ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އަޅާފައިވާ ފްލެޓުތަކަކީ ރައީސް ނަޝީދުގެ ތަސައްވުރެކެވެ. އެފްލެޓު އެޅުމަށް ޓާޓާ ކުންފުންޏާ ހަވާލުކުރެއްވީ ވެސް އެމަނިކުފާނުގެ ސަރުކާރުންނެވެ. އެ މަސައްކަތް މިހާތަނަށް ހުއްޓިފައި ވަނީ ރައީސް ޔާމީން ވެސް ހިމެނޭ ގޮތަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ނުކުމެ ސަރުކާރަށް ކަމެއް ވިޔަ ނުދޭން ކުރި މަސައްކަތުގެ ތެރެއިން ކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ.

އެ ފްލެޓުގެ މަޝްރޫއު ފެށުމުގެ ކުރިންނާއި އޭގެފަހުން ވެސް ތަކުރާރުކޮށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދިޔައީ އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބެންޖެހޭނެ ކަމަށެވެ. އެމަނިކުފާނުގެ ސިޔާސަތަކީ ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުން އަތްފޯރާ އަގެއްގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިގެން ދިޔުން ކަމުގައި އެމަނިކުފާނު ގެންދެވީ އެތައް ފަހަރަކު ވިދާޅުވަމުންނެވެ.

ރައީސް ނަޝީދުގެ ސަރުކާރުން އުފެއްދި ވެށިފަހި މާލެ އޮފީހުން އެ ފްލެޓުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމާއެކު ރައީސް ނަޝީދު ވިދާޅުވަމުން ގެންދިޔައީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓަށްވުރެ ބޮޑު ނުވާވަރުގެ ކުއްޔެއް މަހަކު ދައްކަމުން ގޮސް އެ ފްލެޓުތައް ލިބޭ ފަރާތްތަކަށް ފްލެޓު މިލްކު ކުރެވޭ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމުގައެވެ.

ރައީސް ނަޝީދުގެ އެ ނިންމެވުން ތަންފީޒު ކުރުމުގެ ގޮތުން ވެށިފަހި މާލެ އޮފީހުން ވަނީ 25 އަހަރުގެ ތެރޭގައި ފްލެޓުގެ އަގު އަދާކުރާ ގޮތަށް ހަމަޖައްސަވާފައެވެ. ކޮންމެ ފްލެޓަކަށް ރައީސް ނަޝީދުގެ ސަރުކާރުން ކަނޑައަޅާފައި އޮތް 1.2 މިލިއަން ރުފިޔާ 25 އަހަރުގެ ތެރޭގައި ދެއްކުމަށް ކޮންމެ މަހަކު 6،568 ރުފިޔާ ދައްކަންޖެހޭ ގޮތަށް އެ އޮފީހުން ހަމަޖެއްސިއެވެ.

ނަމަވެސް ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ފްލެޓުގެ އަގަކީ ދެ މިލިއަން ރުފިޔާ ކަމުގައި ކަނޑައަޅައި ފަސް އަހަރުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދައްކަން ފްލެޓުތަކުގެ ހައްގުވެރިންނަށް އެންގީއެވެ.

އަމީނީމަގުގައި އިމާރާތްކޮށްފައިވާ ރެހެންދި ފްލެޓުތަކަކީ ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށި ހުރި ބިމުގައި އެޅި ފްލެޓުތަކަށްވުރެ ފެންވަރު ރަނގަޅުކޮށް އެޅި ފްލެޓުތަކެއް ކަމުން އެ ފްލެޓުތަކުގެ އަގުވެސް ބޮޑުވާނެ އެވެ. އެހެންކަމުން ބޮޑު އަގުގައި އެ ފްލެޓުތައް ގަނެފައި ވަނީ މުއްސަދިންނެވެ. އެ ފްލެޓުތައް ފަރުމާކުރީ ވެސް މާލީ ގޮތުން ވަރަށް ބޮޑަށް ތަނަވަސް މީހުންނަށެވެ.

ނަމަވެސް ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށި ހުރި ބިމުގައި އެޅި ފްލެޓުތަކަކީ އާދައިގެ ރައްޔިތުންނަށް ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާސްކޮށްގެން މިލްކު ކުރެވޭގޮތަށް ދިނުމަށް އެޅި ފްލެޓުތަކެކެވެ. ރައީސް ނަޝީދުގެ ސަރުކާރުން އެ ފްލެޓުތައް އެޅި މަގުސަދު ރައީސް ޔާމީން އެވަނީ ގެއްލުވާލާފައެވެ.

އެންމެފަހުން އެ ފްލެޓުތައް ވެސް ހަމައެކަނި މުއްސަނދިންނަށް އެކަނި ލިބޭނެގޮތަށް އުސޫލު ހަމަޖެއްސީއެވެ. މިކަމާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ ފަސް އަހަރު ވެގެންދިޔައިރު ވެސް ފްލެޓްގެ މަސައްކަތް ނިމިފައިނުވާތީ އާއި ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކުރިތާ ތިން އަހަރު ވީއިރުވެސް އެ މަސައްކަތް ނިމިފައިނުވާތީ އާއި ހުއްޓިފައި އޮތުމަށްފަހު އަލުން އެ މަސައްކަތް ފެށި އިރު ކޮންޓްރެކްޓަރު ކުރި ޚަރަދުތައް ބޮޑުވުމުން ކަމުގައެވެ.

ސަރުކާރުގައި ޖެހޭ މައްސަލައަކުން ފްލެޓުތަކުގެ މަސައްކަތް ލަސްވުމަކީ އޭގެ ހައްގުވެރި ރައްޔިތުންގެ ކިބައިން އެ ހައްގު ނިގުޅައިގަންނަންޖެހޭ ސަބަބެއްތޯއެވެ. އެ ރައްޔިތުން ފްލެޓަށް ދޭންޖެހޭ ފައިސާގެ އަގު ބޮޑުކުރަންޖެހޭ ސަބަބެއްތޯއެވެ.

ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށި ހުރި ބިމުގައި އެޅި ފްލެޓްތަކުގެ ހައްގުވެރިންނަށް އެކަމުގެ ލިޔުން މީގެ ތިން އަހަރު ކުރިން ދީފައިވުމުން އެމީހުން ތިބީ ފްލެޓް ލިބޭނެކަން ޔަގީންކޮށްގެނެވެ. އެމީހުން ތިބީ ބޯހިޔާވަހިކަން ޔަގީންކޮށްގެނެވެ. ނަމަވެސް އޭރު ރައީސް ޔާމީންގެ ސަރުކާރުން ދިން ޔަގީން ކަމަކީ އޮޅުވާލުމެއް ކަމަށް އެ ރައްޔިތުން އަންނަނީ ބުނަމުންނެވެ. ފާއިތުވި ތިން އަހަރު ދިރިއުޅޭނެ އިތުރު ތަނެއް ހޯދުމަށް މަސައްކަތް ނުކޮށް އެ ރައްޔިތުން ތިބީ ރައީސް ޔާމީންގެ ސަރުކާރުން ދިން ޔަގީން ކަމެއްގެ ސަބަބުންނެވެ. ނަމަވެސް މިއަދު އެރައްޔިތުން އެވަނީ ހާލުގައި ޖެހިފައެވެ. އެ ރައްޔިތުންގެ އާދޭސް އަޑު އައްސަވައި އެކަން ޔަގީންކޮށްދޭނެ ވެރިއެއް ނެތެވެ. އެ ރައްޔިތުންގެ އާދޭސް އަޑު އަހާނެ ސަރުކާރެއް ނެތެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް