ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ނ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް ވައިޓް އެލަރޓު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އާދިއްތަ ދުވަހުގެ ފަތިހު 5:30ން ފެށިގެން ހެނދުނު 10:30 އާ ހަމައަށް އެސަރަހައްދަށް ވައިޓް އެލަރޓު ނެރޭބކަމަށެވެ. މިގަޑި ތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓު އޮފީހުން ބުނެއެވެ.
މީގެއިތުރުން މެޓު އޮފީހުން ބުނީ އާދިއްތަ ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ބުނެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.
ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 2 ފޫޓާއި 5 ފޫޓާ ދެމެދުއެވެ. މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހޭނެކަމަށް ބެލެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.