އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން ޕެނަލްޓީގެ އެހީގައި ލިވަޕޫލާއި ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ އެސްޓަން ވިލާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
މިއީ ވިލާގެ ކޯޗުގެ މަގާމާ ހަވާލުވުމަށްފަހު ލިވަޕޫލާ ދެކޮޅަށް އެ ޓީމުގެ ލެޖެންޑް ސްޓީވެން ޖެރާޑް ނުކުތް ފުރަތަމަ މެޗެވެ. ޖެރާޑުގެ ކޯޗުކަމުގައި ފުރަތަމަ ފަހަރަށް ޓީމަކުން ލިވަޕޫލާ ދެކޮޅަށް ކުޅުނުއިރު، ލިވަޕޫލުގެ ދަނޑުގައި ކުޅުނު މެޗުގެ ކުރިން އެ ޓީމުގެ ސަޕޯޓަރުން ވަނީ އޭނާއަށް ބޮޑު ތަރުހީބެއް ދީފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ވިލާއިން ވަނީ ރަނގަޅަށް ޑިފެންސްކޮށް މެޗުގެ ބޮޑުބައި ލިވަޕޫލް ހުއްޓުވާފައެވެ. އެކަމަކު މެޗުގެ 67 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ނެގިއިރު، ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. މިއީ އޭރިއާ ތެރެއިން ސަލާހަށް ވިލާގެ ޓައިރޯން މިންގްސް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުގައި ސަލާހު ލަނޑު ޖެހިއިރު، މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. އަދި މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އޭނާ ވަނީ މިހާތަނަށް 21 ލަނޑު ހަމަކޮށްފައެވެ. ސަލާހުގެ ލަނޑުން ލިވަޕޫލުން ލީޑު ނެގިއިރު، އޭގެ ފަހުން ލީޑު ފުޅާކުރަން އެ ޓީމުގެ ޑިއޯގޯ ޖޮޓާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ. މި މެޗުގައި ޖޮޓާ ކުޅެން އަރާފައިވަނީ ދެވަނަ ހާފުގައެވެ.
މި މެޗުން ލިވަޕޫލް މޮޅުވިއިރު، ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ ލީޑްސް ޔުނައިޓެޑް އަތުން ފަހު ވަގުތު 3-2 ގެ ނަތީޖާއަކުންނެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ 28 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ރަފީނިއާ ވަނީ ލީޑްސްއަށް ލީޑު ނަގައިދީފައެވެ. މިއީ އޭރިއާ ތެރެއިން ލީޑްސްގެ ޑެނިއަލް ޖޭމްސްއަށް ޗެލްސީގެ މާކޮސް އެލޮންސޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މޭސަން މައުންޓް ވަނީ ލަނޑެއް ޖަހައި، ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ޗެލްސީން ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅު ޖޯޖީނިއޯ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އޭރިއާ ތެރެއިން ޗެލްސީގެ އެންޓޯނިއޯ ރުޑިގާއަށް ލީޑްސްގެ ރަފީނިއާ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އޭގެ ފަހުން މެޗުގެ 83 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޯ ގެލްހާޑްޓް ލީޑްސްއަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ލިބުނު އިތުރު ޕެނަލްޓީއަކުން ޖޯޖީނިއޯ ވަނީ ޗެލްސީ މި މެޗުން މޮޅުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ރޫޑިގާއަށް ލީޑްސްގެ މަޓެއުޒް ކްލިޗް ކުރި ފައުލަށް ދިން ޕެނަލްޓީއެކެވެ.
މި ނަތީޖާތަކާއެކު ތާވަލުގެ ދެވަނައިގައި އޮތް ލިވަޕޫލަށް ކުޅުނު 16 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ޗެލްސީ އޮތީ 16 މެޗުން 36 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތީ 16 މެޗުން 38 ޕޮއިންޓް ހޯދާފައިވާ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ.
މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ނޯވިޗް ސިޓީ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޔުނައިޓެޑް މޮޅުވިއިރު، އެ ޓީމުގެ ކޯޗުގެ މަގާމާ ރަލްފް ރަންގްނިކް ހަވާލުވި ފަހުން ލީގުގައި ކުޅުނު ދެ މެޗުންވެސް ޔުނައިޓެޑް ވަނީ މޮޅުވެފައެވެ.
ހޮނިހިރު ދުވަހުގެރޭ ނޯވިޗުގެ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭރިއާ ތެރެއިން ނޯވިޗުގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ފަސް ހަމަލާއެއް ޑެ ހެއާ ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 75 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އޭރިއާ ތެރެއިން ރޮނާލްޑޯއަށް ނޯވިޗުގެ މެކްސް އާރޮންސް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި މޮޅާއެކު ޔުނައިޓެޑް ވަނީ ތާވަލުގެ ހަތަރުވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. އެގޮތުން ވެސްޓް ހޭމަށް 15 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑުން 27 ޕޮއިންޓް ހަމަކޮށްފައިވަނީ 16 މެޗުންނެވެ.