ކ. މާލެ
|
11 ޑިސެންބަރ 2021 | ހޮނިހިރު 19:46
ސިޓީ އާއި ވުލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން
ސިޓީ އާއި ވުލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ސްޓާލިންގެ ޕެނަލްޓީން ސިޓީއަށް މޮޅެއް
 
ވުލްވްސް އަތުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ 38 ޕޮއިންޓާއެކު

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ވުލްވްސް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވާއިރު، މި ހާފުގެ ކުރީކޮޅު ސިޓީގެ ރަހީމް ސްޓާލިންއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މި މެޗުގައި ވުލްވްސްއަށް މައްސަލަތަކެއް ކުރިމަތިވީ މި ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ރައުލް ހިމެނޭޒަށް ގާތް ގާތުގައި ދެއްކި ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.

އެއާއެކު މެޗުގެ ދެވަނަ ހާފުގައި ސިޓީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފުގެ ކުރީކޮޅު އެ ޓީމުގެ ކެޕްޓަން އިލްކާއި ގުންޑޮގާން ބޮލުން ފޮނުވާލި ހަމަލާއެއް ގޯލު ރޮނގުމަތިން ދިފާއުކުރީ ވުލްވްސްގެ ކެޕްޓަން ކޮނޯ ކޯޑިއެވެ. އެކަމަކު މެޗުގެ 66 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ސްޓާލިން ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ. މިއީ އޭރިއާ ތެރެއިން ވުލްވްސްގެ ޖޮއާއޯ މޯޓީނިއޯގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެވެ. މި މެޗުގައި ސްޓާލިން ލަނޑު ޖެހިއިރު، މިއީ އޭނާ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 100 ވަނަ ލަނޑެވެ.

އޭގެ ފަހުންވެސް މި މެޗުގައި ލީޑު ފުޅާކުރަން ސިޓީއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، މެޗުގެ 70 ވަނަ މިނެޓުގައި އެ ޓީމުގެ ޖެކް ގްރީލިޝްއަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ 10 މިނެޓު ފަހުން ސިޓީގެ ގަބްރިއެލް ޖެސޫސް ފޮނުވާލި ހަމަލާއެއް ވުލްވްސްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި ވުލްވްސްއަށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވި ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ މެކްސް ކިލްމަން ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ސިޓީގެ ގޯލްކީޕަރު އެޑަސަން ވަނީ ދިފާއުކޮށްފައެވެ.

މި މޮޅާއެކު ސިޓީން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުން 16 މެޗުން 38 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 15 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޗެލްސީއަށް ވަނީ 15 މެޗުން 33 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ލިވަޕޫލާއި ޗެލްސީން ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ސިޓީގެ ލީޑު ހަނިވުމުގެ ފުރުސަތު އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް