ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގުން ބޮއްސުންލައި، އެ އެސޯސިއޭޝަނުގައި މަސައްކަތްކުރި ގިނަ އަދަދެއްގެ ދުވަސްވީ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފިއެވެ.
"ރާއްޖެ.އެމްވީ" އަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބުން ގޮތުގައި އެފްއޭއެމުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނުވަ މުވައްޒަފަކު ވަކިކޮށްފައެވެ. އޭގެ ތެރޭގައި ވަޒީފާގައި 10 އަހަރަށްވުރެ ގިނަ ދުވަސްވީ މުވައްޒަފުންވެސް ހިމެނެއެވެ. އެފްއޭއެމުން ގިނަ މުވައްޒަފުންތަކެއް ވަކިކޮށްފައިވާއިރު، މުވައްޒަފުންނަށް މަހުން މަހަށް މުސާރަ ދިނުމުގައި ލަސްތަކެއް ހުރިކަންވެސް ވަނީ ކަށަވަރުވެފައެވެ.
އެފްއޭމުން މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 1.3 މިލިޔަން ރުފިޔާ ޚަރަދުކުރާ ކަމަށް އެ އެސޯސިއޭޝަނުގެ މުސާރައިގެ ތަފްސީލުތަކުން ދައްކައެވެ.
މުސާރަދޭ މަގާމުތަކުގައި 46 މުއްޒަފުން އެފްއޭއެމުގައި ތިބިއިރު އެންމެ ބޮޑު މުސާރައެއް ދެނީ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒަށެވެ. އޭނާއަށް މުސާރައިގެ ގޮތުގައި 33،840 ރުފިޔާ ދޭއިރު، އެލަވަންސްގެ ގޮތުގައި 13،160 ރުފިޔާ ދެއެވެ. ދެން އެންމެ ބޮޑު މުސާރައެއް ދެނީ ރެފުރީ ޑިރެކްޓަރަށެވެ. އެގޮތުން މުސާރައިގެ ގޮތުގައި 33،307 ރުފިޔާ އާއި އެލަވަންސްގެ ގޮތުގައި 12،952 ރުފިޔާ އޭނާއަށް ޚަރަދުކުރެއެވެ.
އަދި ދަށް މަގާމުތަކުގެ މުސާރައިގެ ގޮތުގައި 7،680 ރުފިޔާ އާއި އެލަވަންސްގެ ގޮތުގައި 1،820 ރުފިޔާ ދޭ ކަމަށް އާންމުވެފައިވާ މައުލޫމާތުތަކުން އެނގެއެވެ. ގިނަ އަދަދެއްގެ މުއްޒަފުންނާއެކު މުސާރައަށް ބޮޑު ހޭދައެއް އެފްއޭއެމުން ކުރަމުންދާއިރު، އެ އިދާރާގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެފައިވާ ކަމަށް ފުޓްބޯޅައިގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.
އެފްއޭއެމުގެ ރައީސްކަމުގައި ބައްސާމް އަދީލް ޖަލީލްގެ ދެވަނަ ދައުރު ފުރިހަމަ ކުރައްވަމުންދާއިރު، ފުޓްބޯޅައަށް ދުވަހަކުވެސް ޚަރަދުނުކުރާ ވަރަށް ވަނީ ޚަރަދުކޮށްފައެވެ. ސްޕޮންސަރުންގެ ގޮތުގަޔާއި ސަރުކާރުންވެސް އެތައް މިލިޔަން ރުފިޔާއެއް ހޭދަކޮށްފައިވާއިރު، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ހިންގުން ހަރުދަނާކުރުމަށް އެކަށީގެންވާ މަސައްކަތަކެއް ނުކުރެވި، އިދާރާގެ ހިންގުން ބޮއްސުންލާފައިވާ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެއެވެ.
އަދި ފުޓްބޯޅައިގެ ކުރިއެރުމަށް އެފްއޭއެމުން މިލިޔަނުން ޚަރަދު ކުރަމުންދާއިރު، ގިނަ ފައިސާއަކީ ފުޓްބޯޅައަށް އޭގެ ހަގީގީ މަންފާކުރުމެއް ނެތި އިސްރާފުވެގެންދާ ފައިސާ ކަމަށްވެސް ފުޓްބޯޅަ ތަޖުރުބާކާރުން ބުނެއެވެ.