އަހަރެންގެ ނަމަކީ ޖިމް ކޭޓް އެވެ. އަހަރެން ބޮޑުވީ ކްރިސްޓިއަނެއްގެ ގޮތުގައެވެ. ބައިބަލް ސްކޫލާއި ޗާޗްއަކީ އެއިރު އަހަރެންގެ ދިރިއުޅުމުގެ އެންމެ މުހިންމު ތަންތަނެވެ. އަދި އެއީ އެންމެ ސަމާލުކަން ދީގެން އަހަރެން ކުރި ކަމެވެ. ކޮންމެ ދުވަހަކު ހެން ސަމާލުކަން ދީގެން އިނދެ އަހަރެން ބައިބަލް ކިޔަވަމެވެ. އަދި ބައިބަލް ގައި ހުންނަ ކަންކަން ދިރާސާ ވެސް ކުރީމެވެ. އެއިރު އަހަންނަށް ގަބޫލުކުރެވިފައި އޮތީ އަހަރެން އަމަލު ކުރަމުންދިޔައީ އެންމެ ހެޔޮ ދީނަށް ކަމަށެވެ.
އެހެން އުޅެނިކޮށް އެމެރިކާގެ މެރިންސް އާއި އަހަރެން ގުޅުނީމެވެ. އެހެން ސިފައިންނާއެކު ހުސްވަގުތު ތަކުގައި އަބަދުވެސް ބައިބަލްގެ ވާހަކަ ދައްކައި އެ ކިޔެވުމުގައި އަހަރެން އުޅުނީމެވެ. އަދި އަހަރެންގެ އަވަށުގައި ޗާޗްއެއްވެސް އިތުރު ބަޔަކާއި ގުޅިގެން ހުޅުވީމެވެ. އޭރު އަހަންނަކީ ކްރިސްތިއަން ދީނަށް ވަރަށް ލޯބި ކުރި މީހެކެވެ.
ދުވަސްތައް އެގޮތުގެ މަތިން ފާއިތުވަމުން ދަނިކޮށް އަހަރެން ސިފައިންގެ ނޭވީ އަށް ބަދަލުވީމެވެ. ނޭވީ އަށް ބަދަލުވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އޮޕަރޭޝަން ޑެޒާޓް ސްޓޯމްގެ ނަމުގައި ހިންގި އޮޕަރޭޝަނަކަށް ސައުދީ އަރަބިއާ އަށް އަހަރެން ދާން ޖެހުނެވެ. އެއީ ފުރަތަމަ އިސްލާމްދީން އަހަންނަށް އެނގުނު ހިސާބެވެ. އަރަބިން ފަސް އިރު ނަމާދު ކުރާ ތަނާއި ސަހަރާތަކުގައި ހުންނަ ސްޕީކަރުތަކުން ފަސް އިރު ބަންގި ގޮވާ ހަނދާން އަދިވެސް އަހަރެން ހުރެއެވެ. އަދި އެމީހުން ނަމާދު ކުރާއިރު އަޅާ ކަހަލަ މުސައްލަ ތަކެއްވެސް އަހަރެން ގަތް ހަނދާންވެ އެވެ. ކިޔާ އެއްޗެއްގެ މާނަ ނޭނގުނު ނަމަވެސް ބަންގީގެ އަޑަށް އަބަދުވެސް އަހަރެން ސަމާލުކަން ދީގެން ހުންނަމެވެ. އެއިރުވެސް އަހަންނަށް ބަންގި ވެގެން ދިޔައީ ވަރަށް އަޖައިބު ކުރުވަނިވި އެއްޗަކަށެވެ.
އެ އޮޕަރޭޝަން ނިންމުމަށް ފަހު އެނބުރި ގައުމަށް އައިސް ވެސް ކްރިސްޓިއަން ދީނުގެ ކަންކަމާއިގެން އަހަރެން އުޅުނީމެވެ. ނަމަވެސް ކޮންމެވެސް ކަމެއް ބަދަލުވެއްޖެ ކަމުގެ އިހުސާސް އަހަރެންގެ ހިތުގެ ތެރޭގައި ހުއްޓެވެ. އަދި މަޑު މަޑުން ކްރިސްތިއަން ދީނާއި ދުރުވެވެން ފެށުނެވެ. ބައިބަލް އިތުރަށް ދިރާސާކޮށް އޭގެ އެކި ވާޝަންތައް ހޯދީމެވެ. އަހަންނަށް އެކި ވާޝަންތަކުގައި ފުށުއަރާ ކަންތައްތަކެއް ހުރިކަން އެނގުނެވެ.
ނަމަވެސް އެހިސާބުންވެސް އިތުރަށް ދަސްކޮށް ދިރާސާ ކުރަން ފެށީމެވެ. އަދި ބައިބަލްގެ އެންމެ ތެދު ވާޝަން ކަމަށް ބުނާ ފޮތްވެސް ކިޔަވަން ފެށީމެވެ. އެންމެ ރަނގަޅަށް އެ ދީން އެނގޭނެ ޗާޗްތައް ކަމަށް މީހުން ބުނާ ތަންތަނަށް ދާން ފެށީމެވެ. ނަމަވެސް ހަމަ އަނެއްކާވެސް ދިމާވީ ކުރިން ދިމާވި މައްސަލައެވެ. އެއްބަޔަކު ކިޔާ އެއްޗަކާއި އަނެއް ބަޔަކު ކިޔާ އެއްޗަކާ ދިމާ ނުވިއެވެ. ބޮޑެތި ފުށުއެރުންތަކެއް ފެންނަން ފެށީއެވެ.
އެކަމާއި ގުޅިގެން ޗާޗް ތަކަށް ދިއުން ހުއްޓާލައި ނޫހަކުން އަހަރެން ވަޒީފާއެއް ހޯދީމެވެ. އެ ނޫހުގައި މަސައްކަތް ކުރަމުން ދަނިކޮށް އެތަނުގައި މަސައްކަތް ކުރާ މުސްލިމުންތަކެއް އުޅޭ ގޮތް އަހަންނަށް ކަމުދާން ފެށި އެވެ. އެމީހުންގެ އުޅޭ މަޑުމައިތިރި ގޮތާއި ހިތްތިރިކަން އަހަންނަށް ކަމުދިޔައީއެވެ.
އެހެން ހުއްޓައި އެއް ދުވަހަކު ފޮތެއް ގަންނަން ބުކް ޝޮޕަކަށް ދިޔައިރު ގުރުއާނުގެ ތަރުޖަމާއެއް އަހަންނަށް ފެނުނެވެ. އަހަރެން އެ ގަނެގެން ގެއަށް ގޮސް ކިޔަވަން ފެށީމެވެ. ހަތަރު ހަފްތާ ވަންދެން ކޮންމެ ދުވަހަކު ހެން އަހަރެން ގުރުއާން ކިޔެވީމެވެ. އެއާއެކު އިސްލާމްދީން އަހަންނަށް ކަމުގޮސްފިއެވެ. އަދި އެ ދީނަށް ވަންނަން ބޭނުންވިއެވެ. ބަންގީގެ އަޑުން އެ ދީނަކަށް ޝައުގުވެރިވި ދީނުގެ އަސާސްތައް ދެނެގަންނަން ބޭނުންވި އެވެ. ނަމަވެސް މީހުންނަށް އެނގިއްޖެ ނަމަ ހިތަށް އަރާނީ ކީކޭތޯ އަހަރެން ނަފްސާއި ސުވާލުކުރަން ފެށީމެވެ.
އަހަރެން އިސްލާމްދީނަށް ބަދަލުވުމުގެ ހުރިހާ ކަމެއް ކުރީ އޮންލައިން ވެބްސައިޓެއް މެދުވެރިކޮށެވެ. ސައުދީ އަރަބިއާގެ ޖަމިއްޔާ އަކުން ހިންގާ ސައިޓް ހިންގާ މީހުންނަށް އަހަރެން އިސްލާމްދީނަށް ވަންނަން ބޭނުންވާކަން ހާމަކުރުމުން އަހަންނަށް ވަރަށް ގިނަ ފޮތް ފޮނުވިއެވެ. އެ ފޮތްތައް މެދުވެރިކޮށް އަހަރެން އިސްލާމް ދީން ދަސްކުރީމެވެ. އަދި އިސްލާމްދީނާއި ގުޅޭ ސުވާލުތައް އޮފީހުގައި އުޅޭ މުސްލިމުންނާ ކޮށް ރަނގަޅަށް ސުވާލުތަކަށް ޖަވާބު ހޯދީމެވެ.
އަހަންނަށް އެނގުނީ ގުރުއާނަށް އެތައް ހާސް އަހަރެއް ވެފައިވާއިރުވެސް އެ ބަދަލުވެފައި ނުވާ ކަމެވެ. އަދި އިސްލާމްދީނުގައިވެސް އަގީދާގެ ގޮތުން ފުށުއެރުންތަކެއް ނުވާކެމެވެ. ކްރިސްޓިއަން ދީނާއި އިސްލާމްދީން އަޅުވައި ނުކިޔޭނެ ކަމެވެ. އީސާގެފާނާއި ބެހޭ ހަގީގަތްތަކެވެ. އިސްލާމްވުމުން އަހަރެންގެ ދިރިއުޅުން އިސްލާހުވެ ބާއްޖަވެރިވެގެންދާނެ މިންވަރެވެ. މަރުވުމަށްފަހުވެސް ލިބެން އޮތީ ހަމަޖެހުން ކަމެވެ.
އަހަރެން އިސްލާމްވާން ނިންމައި ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔަން ފެށީމެވެ. ޝަހާދަތް ކިޔަން ފެށުމާއެކު އަހަންނަށް ރޮވެން ފެށުނެވެ. އަހަންނަށް ކުރެވިފައި ހުރި ފާފަތައް މަތިން ހަނދާންވިއެވެ. އަދި މުޅި ދިރިއުޅުން އިސްލާހުވަނީ ކަން ހިތަށް އަރައި ހަމަ ގަދައަށް ރޯން ފެށުނެވެ. ގިސްލަމުން ޝަހާދަތް ކިޔައި އަހަރެން މުސްލިމްވީމެވެ. އެވަގުތު އަހަންނަށް ހީވީ އަހަރެން އަލުން ދުނިޔެއަށް އައި ހެންނެވެ. ހުރިހާ ފާފަތަކެއް ފޮހެވި އަހަރެން ތާހިރުވެގެން ދިޔަ ކަމުގެ އިހުސާސެވެ.