ކ. މާލެ
|
9 ޑިސެންބަރ 2021 | ބުރާސްފަތި 10:38
ބަޔާނާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން
ބަޔާނާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ބަޔާން އަތުން ބަލިވެ ބާސާ ޔޫރޮޕާ ލީގަށް
 
ބަޔާން އަތުން ބާސާ ބަލިވީ 3-0 ގެ ނަތީޖާއަކުން
 
ތިންވަނައިގައި އޮތް ބާސާއަށް ލިބުނީ ހަތް ޕޮއިންޓް

ޔުއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަޔާން މިއުނިކް އަތުން ބަލިވެ މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ވާދަކުރަން ބާސެލޯނާއަށް ޖެހިއްޖެއެވެ.

ބަޔާނުގެ ދަނޑުގައި ކުޅުނު މެޗުން ބާސާ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ބާސާ ވާދަކުރަން ޖެހޭއިރު، އެ ޓީމު އެންމެ ފަހުން ޔޫރޮޕާ ލީގުގައި ކުޅެފައިވަނީ 2003-2004 ވަނަ އަހަރުގެ ސީޒަނުގައެވެ. އެ ފަހަރު ބާސާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެއް ނުވެއެވެ. އަދި އެންމެ ފަހުން ބާސާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުން ކަޓައި، ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހުނީ 2000-2001 ވަނަ އަހަރުގެ ސީޒަނުގައެވެ. އެ ދެ ސީޒަނުގައިވެސް ބާސާގެ މިހާރުގެ ކޯޗު ޒަވީ ހެނާންޑޭސް ވަނީ އެ ޓީމަށް ކުޅެފައެވެ.

ޖަރުމަނުގައި ކޮވިޑް-19 ފެތުރޭތީ ބުދަ ދުވަހުގެރޭގެ މެޗު ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ދެ ލަނޑުގެ ލީޑެއް ނެގިއިރު، މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާ އާއި ލެރޯއި ސާނޭއެވެ. އަދި ދެވަނަ ހާފުގައި ބަޔާނުގެ ތިންވަނަ ލަނޑު ޖަހައިދިނީ ޖަމާލް މުސިއާލާއެވެ.

މި މޮޅާއެކު ގްރޫޕް އީގެ އެއްވަނަ ބަޔާނުން ހޯދާފައިވަނީ ކުޅުނު ހަ މެޗުންވެސް މޮޅުވެ 18 ޕޮއިންޓާއެކުއެވެ. މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 ގެ ޖާގައެއް ހޯދީ ބެންފީކާއިންނެވެ. އެ ޓީމު ވަނީ ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ޑީނަމޯ ކިއޭވް ބަލިކޮށް އަށް ޕޮއިންޓް ހޯދާފައެވެ. އަދި ތިންވަނައިގައި އޮތް ބާސާއަށް ހަތް ޕޮއިންޓް ލިބުނުއިރު، ފުލަށް ދިޔަ ކިއޭވަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
50%
0%
0%
0%
ކޮމެންޓް