ކ. މާލެ
|
8 ޑިސެންބަރ 2021 | ބުދަ 09:30
ޕީއެސްޖީ އާއި ބްރޫޖް ބައްދަލުކުރި މެޗުގެ ތެރެއިން
ޕީއެސްޖީ އާއި ބްރޫޖް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޕީއެސްޖީ މޮޅުވިއިރު، ރެއާލަށް އެއްވަނަ
 
ޕީއެސްޖީ މޮޅުވީ ބްރޫޖް އަތުން 4-1 ގެ ނަތީޖާއަކުން
 
ރެއާލް މޮޅުވީ އިންޓަ އަތުން 2-0 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ކުލަބު ބްރޫޖް އަތުން ޕީއެެސްޖީ މޮޅުވިއިރު، އިންޓަ މިލާން ބަލިކޮށް ގްރޫޕް ޑީގެ އެއްވަނަ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

ގްރޫޕް އޭގައި ހިމެނޭ ޕީއެސްޖީ މޮޅުވީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބްރޫޖް އަތުން 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗާ ކުރިމަތިލިއިރުވެސް ޕީއެސްޖީ ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ހަތް މިނެޓު ތެރޭ ޒުވާން ތަރި ކީލިއަން އެމްބާޕޭ ވަނީ އެ ޓީމަށް ދެ ލަނޑު ޖަހައިދީފައެވެ. މި ދެ ލަނޑާއެކު އުމުރުން 22 އަހަރުގެ އެމްބާޕޭ ޗެމްޕިއަންސް ލީގުގައި 31 ލަނޑު ހަމަކުރިއިރު، އޭނާ މިހާރު ވެފައިވަނީ ޗެމްޕިއަންސް ލީގުގައި 30 ލަނޑު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ދެން މި މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި އަނެއް ދެ ލަނޑު ޖަހައިދިނީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއެވެ. އޭނާގެ ފުރަތަމަ ލަނޑު އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މި މެޗުގައި ބްރޫޖުން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޓް ރިޓްސްއެވެ.

މި މެޗުން ޕީއެސްޖީ މޮޅުވިއިރު، މި ގްރޫޕުގެ އެއްވަނަ ހޯދި މެންޗެސްޓާ ސިޓީ ވަނީ އަންގާރަ ދުވަހުގެރޭ އާރްބީ ލައިޕްޒީގް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. މި ނަތީޖާތަކާއެކު ސިޓީއަށް 12 ޕޮއިންޓް ލިބުނުއިރު، ދެވަނައިގައި އޮތް ޕީއެސްޖީއަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ލައިޕްޒީގަށް ހަތް ޕޮއިންޓް ލިބުނުއިރު، ފުލުގައި އޮތް ބްރޫޖަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ރެއާލާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް ޑީގައި ހިމެނޭ ރެއާލް މޮޅުވީ އިންޓަ އަތުން 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ނުކުތްއިރުވެސް އިންޓަ އާއި ރެއާލަށް އޮތީ ގަދަ 16 ގެ ޖާގައެއް ޔަގީންވެފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރެއާލުން ލީޑު ނަގާފައިވަނީ މެޗުގެ 17 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓޯނީ ކްރޫސްއެވެ. އޭގެ ފަހުން މި މެޗުގެ ދެވަނަ ހާފުގައި އިންޓައަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ އެ ޓީމުގެ ނިކޯލޯ ބަރެއްލާއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު މެޗުގެ 79 ވަނަ މިނެޓުގައި މާކޯ އަސެންސިއޯ ވަނީ ލަނޑެއް ޖަހައި، ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ރެއާލުން ގްރޫޕް ޑީގެ އެއްވަނަ ކަށަވަރުކުރީ 15 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އިންޓައަށް 10 ޕޮއިންޓް ލިބުނުއިރު، ތިންވަނައިގައި އޮތް ޝެރިފަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ފުލުގައި އޮތް ޝަޚްތާރު ޑޮނިއެސްކަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕުގެ ފަހު މެޗުގައި ޝެރިފް އާއި ޝަޚްތާރު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް