Advertisement
ކ. މާލެ
|
7 ޑިސެންބަރ 2021 | އަންގާރަ 16:13
ށ. ޅައިމަގުގައި މީހަކު މަސް ހިފައިގެން ދަނީ
ށ. ޅައިމަގުގައި މީހަކު މަސް ހިފައިގެން ދަނީ
މުހައްމަދު އަފްރާހް
މަސްވެރިންގެ ދުވަހުގެ ފޯރަމް
މަސްވެރިންގެ ދުވަހާ ގުޅިގެން، މަސްވެރިންގެ ފޯރަމެއް ބާއްވަނީ
މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ކ. ގާފަރުގައި

މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން މަސްވެރިންގެ ފޯރަމެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިމަހުގެ 10 ވަނަ ދުވަހު ކ. ގާފަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ 41 ވަނަ މަސްވެރިންގެ ދުވަހާ ގުޅުވައިގެން މަސްވެރިންގެ ފޯރަމެއް ބޭއްވުމުގެ ތައްޔާރީތައް މިހާރު އެރަށުގައި ކުރިއަށްދާކަމަށެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މި މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހު ކުރިއަށްގެންދާ މި ފޯރަމް ބޭއްވުމުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ސީދާ އެ ސިނާއަތުގައި ހަރާކާތްތެރިވާ ފަރާތްތަކުގެ ކިބައިން ދެނެގަނެ، އެކަންކަން ހައްލުކުމަށް މަސައްކަތްކުރުންކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement

މި ފޯރަމްގައި، މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި މަސްވެރިކަމުގެ އުޅަނދު ފަހަރަށް އަންނަމުންދާ ބަދަލު ތަކުގެ އިތުރުން، 5 ވަނަ ޖެނަރޭޝަންގެ މަސްވެރި އުޅަނދު ޑިޒައިންކުރުމުގެ މަސައްކަތާ ގުޅިގެން މަޝްވަރާ ކުރެވިގެންދާނެއެވެ. މީގެ އިތުރުން، ދިރޭ އެމުގެ މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތަކާއި މަސްވެރިކަމުގެ މައުލޫމާތު ފޮނުވުމުގައި ހުރި މައްސަލަތައް ދެނެގަނެ، މި ސަރުކާރުގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ "ނޫރާއްޖެ" ޕްރޮގްރާމްގެ ތައާރަފުވެސް މި ފޯރަމްގެ ތެރެއިން ދެވިގެންދާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކ. ގާފަރުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް