ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރީގެ ހާލަތަށް ރުޖޫއަވުމަކީ މައިގަނޑު އަމާޒު ކަމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ. ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ދާއިރާ ފުޅާކޮށް ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެއަރލައިންތަކުގެ ހަރަކާތްތައް އިތުރު ކުރުމާއި އެއާޕޯޓްތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ހިމެނެއެވެ. އެގޮތުން އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ މިހާރުވާނީ ރާއްޖޭގެ 3 އެއާލައިނަކަށް ދެވިފައިކަމަށް ނަހުލާ ވިދާޅުވިއެވެ.
މަދަނީ ވައިގެ ދަތުރުފަތުގެ ދާއިރާ ކުރިއެރުވުމުގެ ބާބެއްގެ ގޮތުގައި ސިވިލް އޭވިއޭޝަންގެ ފަންނީ ގާބިލުކަން އިތުރު ކުރުމުގެ ހަރަކާތްތައް އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ކުރަމުން އަންނަ ކަމަށާއި، ހެލިކޮޕްޓަރު އޮޕަރޭޝަންތަކަށް ހުއްދަދިނުމަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއެކު ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރުވަނީ ފަށައިގަނެވިފައި ކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ފަންނީ އެހީތެރިކަމާއެކު ހިންގޭ ސަރަހައްދީ ޕްރޮގްރާމް "އީޔޫ – ސައުތު އޭޝިއާ ޕާޓްނާޝިޕް ޕްރޮޖެކްޓް"ގެ ދެވަނަ ޕްރޮޖެކްޓް މިއަހަރު ފެށިފައިވާކަން ނަހުލާ ފާހަގަކުރެއްވިއެވެ.
ކޯވިޑް ބަލިމަޑުކަން ރާއްޖޭގައި ކޮންޓްރޯލު ކުރުމާއެކު އޭވިއޭޝަން ދާއިރާއަށް ކުރިއެރުން ލިބި ދިވެހި އިޤުތިޞާދީ މައި ނާރަށް ދިރުން ލިބިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު ސަރުކާރުން ކުރިއަށް ނެރޭ ސިޔާސަތުތަކުގެ ސަބަބުން ކަމާމެދު އެއްވެސް ޝައްކެއް ނެތް.އައިޝަތު ނަހުލާ / މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މީގެއިތުރުން އައިކާއޯ ފްރޭމްވޯކުގެ ތެރޭގައި ހިމެނޭ "ކޮސްކެޕް-ސައުތް އޭޝިއާ"ގެ ދަށުން ކޮސްކެޕްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް 2021 ވަނަ އަހަރު ރާއްޖޭގައި ކޮސްކެޕްގެ އޮފީހެއް ގާއިމު ކުރެވިފައިވާކަން ނަހުލާ ފާހަގަކުރެއްވިއެވެ.