ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ރެއާލް ސޮސިއެޑާޑް ބަލިކޮށް ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑުން އަށް ޕޮއިންޓުގެ ލީޑެއް ނެގިއިރު، ރެއާލް ބެޓިސް އަތުން ބާސެލޯނާ ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ ސޮސިއެޑާޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން 16 ވަނަ މިނެޓުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ރެއާލުގެ އިތުބާރު ފޯވާޑް ކަރިމް ބެންޒެމާ ބަދަލުކުރަން ޖެހުނެވެ. އޭނާގެ ބަދަލުގައި ލޫކާ ޔޮވިޗް ކުޅެން އެރިއިރު، ރެއާލުން ޖެހި ދެ ލަނޑުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ޔޮވިޗް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިނީޝިއުސް ޖޫނިއާއެވެ. އަދި އޭގެ 10 މިނެޓު ފަހުން ކަސެމީރޯގެ އެހީތެރިކަމާއެކު ޔޮވިޗް ވަނީ ލަނޑެއް ޖަހައި، ރެއާލުގެ ލީޑު ފުޅާކޮށްދީފައެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ރެއާލުން އަށް ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 16 މެޗުން 39 ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ ދެވަނައިގައި އޮތް ސެވިއްޔާއަށް 15 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ.
މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބާސާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ބާސާ ކޯޗުގެ މަގާމާ ޒަވީ ހެނާންޑޭޒް ހަވާލުވިފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ލަނޑެއް ޖަހަން ބާސާއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބެޓިސްއިން ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށެވެ. ކައުންޓަ އެޓޭކެއްގައި ޓެލޯ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުއާންމީއެވެ.
އޭގެ ފަހުން މި މެޗުގައި ބާސާއަށް ނަތީޖާ އެއްވަރުކޮށްދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެ ޓީމުގެ އަބްދޭ އެޒަލްޒޫލީއަށެވެ. އެކަމަކު އޭރިއާ ތެރެއިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ މާ މަތިިންނެވެ.
މި ނަތީޖާއާއެކު ތާވަލުގެ ހަތްވަނައިގައި ބާސާ އޮތީ 15 މެޗުން 23 ޕޮއިންޓާއެކުއެވެ. އެއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލާ ބާސާއާ ދެމެދު 16 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަދި ބާސާ ބަލިކުރި ބެޓިސް އޮތީ ތާވަލުގެ ތިންވަނައިގައި 16 މެޗުން 30 ޕޮއިންޓާއެކުއެވެ.