ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އައު ވޭރިއަންޓް އޮމިކްރޯންގެ ސަބަބުން މާބޮޑަށް ހާސްވެ ކަންބޮޑުނުވުމަށް ޑަބްލިޔުއެޗްއޯގެ އެންމެ އިސް ސައިންޓިސްޓް ސޯމިޔާ ސްވާމިންތަން އިލްތިމާސްކުރައްވައިފިއެވެ.
ރޮއިޓަރސްގެ ނެކްސްޓް ކޮންފަރެންސް ގައި ވާހަކަދައްކަވަމުން ސޯމިޔާ ވިދާޅުވީ މިވޭރިއަންޓް މިހާރު އުފައްދާފައިވާ ވެކްސިންތަކަށް އަސަރުނުކުރާކަމަށް ނިންމުން އަދި މާއަވަސްކަމަށެވެ. އޮމިކްރޯން ވޭރިއަންޓާ ގުޅޭގޮތުން އަދި އެއްޗެއް ބުނަން އަވަސްކަމަށާއި ނަމަވެސް ކުރިޔަށް އޮތްތަނުގައި މިވޭރިއަންޓަކީ އެންމެ ބޮޑަށް މިހާތަނަށް ފެތުރިފައިވާ ވޭރިއަންޓް ކަމުގައިވާ ޑެލްޓާ ވޭރިއަންޓަށްވުރެ ބޮޑަށް ފެތުރޭނެ ވޭރިއެންޓެއްކަމަށް ބެލެވޭކަމަށް ސޯމިޔާ ވިދާޅުވިއެވެ. މުޅި ދުނިޔެއިން ފެނިފައިވާ ކޮވިޑްގެ ކޭސްތަކުގެ 99 އިންސައްތަ ކޭހަކީ ޑެލްޓާ ވޭރިއަންޓްގެ ކޭސްތަކެވެ.
އޮމިކްރޯން ވޭރިއަންޓް ފެނުމާއެކު ގިނަ ގައުމުތަކުން ވަނީ ދަތުރުކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިހާތަނަށް އައިއިރު މިވޭރިއަންޓް 38 ގައުމަކުން ވަނީ ފެނިފައެވެ. އަނެއްކޮޅުން މިހާތަނަށް އައިއިރު އޮމިކްރޯން ވޭރިއަންޓާ ގުޅޭގޮތުން އެނގިފައިވަނީވެސް މަދު މައުލޫމާތުތަކެވެ. ހަމައެކަނި އެނގެނީ މިވޭރިއަންޓް ފެތުރޭ މިންވަރު ހަލުވިކަމެވެ.
ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ ޑިރެކްޓަރ މައިކް ރިޔާން ވިދާޅުވީ މިހާރު އުފައްދާފައިވާ ވެކްސިންތަކަށް އޮމިކްރޯން ވޭރިއަންޓް މަސައްކަތްނުކުރާ ކަމުގެ ހެއްކެއް ލިބިފައިނުވާކަމަށެވެ. އަދި މިހާރު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކީ ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ދިނުމަށް ކަމަށް މައިކް ވިދާޅުވިއެވެ.
އައު ވޭރިއަންޓާއެކު ގިނަ ގައުމުތަކުން އަންނަނީ ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންތައް އަވަސްކުރަމުންނެވެ. ގިނަ ސައިންސްވެރިން ދެކޭގޮތުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކޮށް މިޕެންޑަމިކް ނިމުމަކަށް ގެނައުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ފަގީރު ގައުމުތަކަށްވެސް ވެކްސިން ފޯރުކޮށްދީ ވީހާވެސް ގިނަބަޔަކު ވެކްސިން ޖެހުމެވެ. ބޫސްޓަރ ޑޯޒް މުއްސަނދި ގައުމުތަކަށް ދިނުމެއް ނޫނެވެ.