ކުރިޔަށް އޮތް ތަނުގައި އޮމިކްރޯން ވޭރިއަންޓް ވެގެންދާނީ އެންމެ ބޮޑަށް ފެތުރޭ ވޭރިއަންޓް ކަމުގައި ކަމަށާއި އެއީ އެ ވޭރިއަންޓަކީ ހަލުވިކަމާއެކު ފެތުރޭ ވޭރިއަންޓަކަށްވާތީ ކަމަށް ޑަބްލިޔުއެޗްއޯގެ އެންމެ އިސް ސައިންޓިސްޓް ސޯމިޔާ ސްވާމިންތަން ވިދާޅުވެއްޖެއެވެ.
ރޮއިޓަރސްގެ ނެކްސްޓް ކޮންފަރެންސް ގައި ވާހަކަދައްކަވަމުން ސޯމިޔާ ވިދާޅުވީ އެ ވޭރިއަންޓަށް އެހެން ވެކްސިނެއް ބޭނުންވާނެ ކަމަށް ނުބެލެވޭކަމަށެވެ. ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށް ވުރެ އޮމިކްރޯން ވޭރިއަންޓުން ކުރާ އަސަރު ކުޑަކަމަށް އަދި ނިންމަން މާއަވަސްކަމަށް ސޯމިޔާ ވިދާޅުވިއެވެ. އަދި މިވޭރިއަންޓް އުފެދިފައިވާ ތަނަކީ ދެކުނު އެފްރިކާ ކަމަށް ނިންމުމަކީވެސް އަދި ޔަގީނާ ގާތަށް އެނގޭކަމެއް ނޫންކަމަށެވެ.
އޮމިކްރޯން ވޭރިއަންޓާ ގުޅޭގޮތުން އަދި އެއްޗެއް ބުނަން އަވަސްކަމަށާއި ނަމަވެސް ކުރިޔަށް އޮތްތަނުގައި މިވޭރިއަންޓަކީ އެންމެ ބޮޑަށް މިހާތަނަށް ފެތުރިފައިވާ ވޭރިއަންޓް ކަމުގައިވާ ޑެލްޓާ ވޭރިއަންޓަށްވުރެ ބޮޑަށް ފެތުރޭނެ ވޭރިއެންޓެއްކަމަށް ބެލެވޭކަމަށް ސޯމިޔާ ވިދާޅުވިއެވެ. މުޅި ދުނިޔެއިން ފެނިފައިވާ ކޮވިޑްގެ ކޭސްތަކުގެ 99 އިންސައްތަ ކޭހަކީ ޑެލްޓާ ވޭރިއަންޓްގެ ކޭސްތަކެވެ.
ޔޫރަޕިއަން ޔޫނިއަން އާއި އޮސްޓްރޭލިޔާގެ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ކުރިޔަށް އޮތް މަސްތަކުގެ ތެރޭގައި ޑެލްޓާ ވޭރިއަންޓަށްވުރެ ބޮޑަށް އޮމިކްރޯން ވޭރިއަންޓް ފެތުރޭނެއެވެ.
ސޯމިޔާ ވިދާޅުވީ ދެކުނު އެފްރިކާއިން ފެންނަމުންދާ ކޭސްތަކުގެ ޑާޓާތަކަށް ބަލާއިރު އޮމިކްރޯން ވޭރިއަންޓް ފާހަގަވަނީ ވަރަށް އަވަހަށް ފެތުރޭ ވޭރިއަންޓެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ދެކުނު އެފްރިކާއިން ދުވާލެއްގެ މައްޗަށް ފެންނަމުންދާ ކޭސްތައް އަންނަނީ މިހާރު ދެގުނަވަމުންކަން ސޯމިޔާ ފާހަގަކުރެއްވިއެވެ.
މިވޭރިއަންޓާ ގުޅިގެން ބިރުގަނެ ކަންބޮޑުވުމުގެ ބަދަލުގައި މިކަމުން ރައްކާތެރިވުމަށް ސަމާލުކަން ދިނުން މުހިންމުކަމަށް ސޯމިޔާ ވިދާޅުވިއެވެ. ކުރިން ފެތުރިފައިވާ ވޭރިއަންޓްތަކާއެކު ވައިރަސްޖެހި ގުދުރަތީ ގޮތުން ލިބިފައިވާ އިމިޔުނިޓީ ކޮންމެވެސް ވަރަކަށް އޮމިކްރޯން ވޭރިއަންޓުން ކުޑަކޮށްދޭކަން ފާހަގަވާކަމަށް ސޯމިޔާ ވިދާޅުވިއެވެ. އަދި އޮމިކްރޯން ވޭރިއަންޓް ޖެހިގެން މާބޮޑަށް މީހާގެ ހާލަތު ދަށްނުދާކަމަށާއި އެހެންކަމުން އެނގޭ ކަމަކީ ވެކްސިންގެ އަސަރުކުރާކަން ކަމަށް ސޯމިޔާ ވިދާޅުވިއެވެ.
ވެކްސިނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސޯމިޔާ ވިދާޅުވީ މިހާރު އުފައްދާފައި ހުރި ވެކްސިންތަކުގެ އަސަރު މިވޭރިއަންޓަށް ކުރާކަމަށެވެ. އަދި ބޫސްޓަރ ޑޯޒް ޖަހައިގެން މިވޭރިއަންޓް ފެތުރުން ކޮންޓްރޯލް ކުރެވިދާނެކަމަށް ސޯމިޔާ ގަބޫލުކުރައްވައެވެ.
އައު ވެކްސިނެއް އޮމިކްރޯން ވޭރިއަންޓަށް ބޭނުންވޭތޯ ބެލުމުގެ މަސައްކަތް ޑަބްލިޔުއެޗްއޯގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ކުރަމުން އަންނަކަމަށްވެސް ސޯމިޔާ ވިދާޅުވިއެވެ.