ޔޫރަޕްގެ ބައެއް ގައުމުތަކަށް ކޮވިޑް-19ގެ އައު ރާޅެއް އައިސްފައިވާއިރު ޔޫރަޕުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 75 މިލިއަނަށް އަރައިފިއެވެ.
ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުކުރު ދުވަހު ޔޫރަޕް ސަރަހައްދުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 75 މިލިއަނަށް އަރާފައެވެ. މިހާތަނަށް އައިއިރު ޔޫރަޕްގެ 15 ގައުމަކުން ވަނީ އައު ވޭރިއަންޓް އޮމިކްރޯން ފެނިފައެވެ. އަނެއްކޮޅުން ބުރާސްފަތި ދުވަހު ޔޫރަޕިއަން ޔޫނިއަންގެ ޕަބްލިކް ހެލްތު އެޖެންސީން ބުނެފައިވަނީ ކުރިޔަށް އޮތް މަސްތަކުގައި ޔޫރަޕުން ފެންނަ ކޭސްތަކުގެ ދެބައިކުޅަ އެއްބައި ކޭހަކީ އޮމިކްރޯން ވޭރިއަންޓް ކަމުގައި ވާނެކަމަށެވެ.
އައު ވޭރިއަންޓް ފެނުމުގެ ކުރިންވެސް ޔޫރަޕްގައި އައީ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންނެވެ. އެގޮތުން ދުވާލަކު ފެންނަ ކޮންމެ 100 ކޭހަކުން 66 ކޭސް ފެންނަމުންދިޔައީ ޔޫރަޕްގެ ގައުމުތަކުންނެވެ.
އިރުމަތީ ޔޫރަޕަކީ މުޅި ޔޫރަޕުން ފެންނަ ކޭސްތަކުގެ 33 އިންސައްތަ ހިއްސާކުރާ ސަރަހައްދެވެ. އަދި މުޅި ޔޫރަޕުން ކޮވިޑް-19 ޖެހިގެން މަރުވެގެން ރިޕޯޓްކުރަމުންދާ ކޭސްތަކުގެ 53 އިންސައްތަ ހިއްސާކުރަނީވެސް އިރުމަތީ ޔޫރަޕްގެ ގައުމުތަކެވެ. އެސަރަހައްދު ޔޫރަޕްގެ އާބާދީގެ 39 އިންސައްތަ ހިއްސާކުރެއެވެ.
ޔޫރަޕް ސަރަހައްދަށް ބަލާލާއިރު އެންމެ ގިނައިން ކޭސްތައް ރިޕޯޓްކުރަމުން އަންނަ ގައުމަކީ އިނގިރޭސިވިލާތެވެ. އެއަށްފަހު ރަޝިޔާ، ފްރާންސް އަދި ޖަރމަނުވިލާތެވެ.
ރޮއިޓަރސްގެ ޑާޓާތަކުން ހާމަވާގޮތުގައި 2021 ވަނަ އަހަރުގެ ފަހު ހަމަސްދުވަހު ޔޫރަޕްގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފަހު ހަމަސްދުވަހު ދުވާލެއްގެ މައްޗަށް އާންމުކޮށް 359،000 މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވަނީ 241،000 މީހުންނެވެ.
ޔޫރަޕް ސަރަހައްދުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 50 މިލިއަނުން 75 މިލިއަނަށް އެރުމަށް ނަގާފައިވަނީ 136 ދުވަހެވެ. ނަމަވެސް 25 މިލިއަނުން 50 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހެން ނަގާފައިވަނީ 194 ދުވަހެވެ. ޔޫރަޕް ސަރަހައްދުން 25 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހެން ނަގާފައިވަނީ 350 ދުވަހެވެ.
އަލަށް އައިސްގެން އުޅޭ ރާޅާއެކު ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ބައެއް ގައުމުތައް އެއްކޮށް ލޮކްޑައުން ކޮށްފައިވެސްވެއެވެ.