މަސްނޫއީ އަތަކަށް ވެކްސިން ޖަހަން އުޅުނު މީހަކަށް މަކަރާއި ހީލަތް ހަދަން އުޅުނު ކަމުގެ އަދަބު ދޭން ނިންމައިފިއެވެ.
މަސްނޫއީ އަތަކަށް ވެކްސިން ޖެހުމަށް މަސައްކަތްކޮށްފައިވަނީ އިޓަލީގެ ރައްޔިތެކެވެ. އިޓަލީގައި އަންނަނީ ވެކްސިން ޖެހުމަށްފަހު ދޫކުރާ ކާރޑް ނެތްނަމަ ބައެއް ޚިދުމަތްތައް ދިނުން މަނާ ކުރަމުންނެވެ. މި ގަވާއިދާއެކު ވެކްސިން ޖެހުމާ ދެކޮޅު މީހަކުވަނީ ސިލިކަން އަތެއް ބޭނުންކޮށްގެން ވެކްސިން ޖެހުމަށް މަސައްކަތް ކޮށްފައެވެ.
މިކަން ހިނގާފައިވަނީ، އިޓަލީގެ އުތުރު ސަރަހައްދުގެ ޓައުނެއްގައި ހުރި ވެކްސިން ސެންޓަރެއްގައެވެ.
ވެކްސިން ޖެހުމަށް ހުރިހާ ކަމެއް ފުރިހަމަކޮށް ލިޔެކިޔުންތަކުގައި ސޮއި ކުރުމަށްފަހު އުމުރުން 50 އަހަރުގެ މި ފިރިހެން މީހާ ވެކްސިން ޖެހުމަށްޓަކައި ތައްޔާރުވުމުން ހެލްތް ވޯކަރުގެ އެދުމުގެ މަތިން ގަމީހުގެ އަތް އޮޅައި އަތް ދެއްކިއެވެ. ފުރަތަމަ އެއީ މަސްނޫއީ އަތެއްކަން ފާހަގަނުވި ކަމަށް އޭނާއާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ. އެއްވެސް ތަފާތު ކަމެއް ފާހަގަނުވި ނަމަވެސް ޝައްކު އުފެދުނީ އަތުގެ ނާރުތައް ނުފެނުނު ހިސާބުންނެވެ. އެއާއެކު އެމީހާގެ ގަމީހުގެ ވާތު އަތް އެއްކޮށް ބޭލުމަށް އެމީހާ ގާތު އެދުނު ކަމަށެވެ. އޭނާ ބުނި ގޮތުގައި އެއީ ސިލިކަންއިން ވަރަށް ކޮލިޓީކޮށް ހަދާފައިވާ އަތެއް ނަމަވެސް އެ ފިރިހެން މީހާގެ ހަންގަނޑުގެ ކުލައާ ދިމާނުވާ ކަމަށް ހެލްތް ވޯކަރާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.