ހ.އ ދިއްދޫ
|
3 ޑިސެންބަރ 2021 | ހުކުރު 14:27
މަރިޔަމް ރިޔާޝާ މަޖީދް
މަރިޔަމް ރިޔާޝާ މަޖީދް
މަލީހާ ރަޝީދު
ނުކުޅެދުންތެރިކަން
ނުކުޅެދުންތެރިކަމާއެކު ތާރީޚުގެ ތެރެއަށް
 
ޚާއްސަ އެހީއަށް ބޭނުންވާ ކުދީންގެ ހައްގުގައި އަންނަނީ މަސައްކަތް ކުރަމުން
 
މެދުނުކެނޑި ޓިއުޝަނުގެ ޚިދުމަތް ދެމުން އަންނަތާ 26 އަހަރު

ޚާއްސަ އެހީއަށް ބޭނުންވާ މީހެކޭ ބުނާ އަޑު އިވިއްޖެނަމަ، ގިނަ ބަޔަކަށް އެންމެ ފުރަތަމަ ވެސް ހިތަށް ގެނެވޭނީ މީހެއްގެ އެހީތެރިކަމާއިއެކީ ގިނަ ކަންތައްތަކެއް ކޮށްދޭންޖެހިފައިވާ މީހެއްގެ ގޮތުގައެވެ. ނުވަތަ މުޖުތަމައަށް ބޭނުމެއް ނުހިފޭ މީހެއްގެ ގޮތުގައެވެ. ނަމަވެސް މީހުން ދެކޭގޮތް މިއަދު މިވަނީ ބަދަލުވެފައެވެ. މުޖުތަމައުގައި ހަރުދަނާ ޖީލެއް ބިނާކުރުމުގައި މިފަރާތްތަކުގެ ދައުރު ވަރަށް ބޮޑެވެ. މިއަދު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދުވަސް ފާހަގަ ކުރަމުން ދާއިރު ނުކުޅެދުންތެރިކަން ހުރިނަމަވެސް މުޖްތަމައަށް ޚިދުމަތް ކޮށްދީފައިވާ މިފަދަ ފަރާތްތަކުގެ ވާހަކަ ގެނެސްނުދިނުމަކީ އެ ފަރާތްތަކަށް ވެވޭ ބޭއިންސާފަކަށް ނޫނީ ނުވާނެއެވެ.

ހއ.ދިއްދޫ ފިނިފެންމާގެއަށް އުފަން އުމުރުން 41 އަހަރުގެ މަރިޔަމް ރިޔާޝާ މަޖީދު، އާންމު ނަމުން ނަމަ ޓިއުޝަން މަރިއްތައަކީ ނުކުޅެދުންތެރިކަން ހުރި ނަމަވެސް ދިރިއުޅުމުގައި ކާމިޔާބު ފަރާތެކެވެ. މަރިއްތަ ވަނީ މަރިއްތަގެ ދިރިއުޅުމުގެ އިތުރުން ދިއްދޫގެ އެތައް ކުދިންނެއްގެ މުސްތަގުބަލު އުޖާލާކޮށްދީފައެވެ.

މަރިއްތައަކީ ހިނގުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެކެވެ. މަރިއްތަ ބުނާ ގޮތުގައި މަރިއްތައަށް މީހެއްގެ ނުވަތަ އެއްޗެއްގެ އެހީއާއި ނުލާއި ހިނގުނު ދުވަހެއް ހަނދާނުގައިވެސް ނެތެވެ. އެންމެ ކުޑަ ދުވަހުން ފެށިގެން މަރިއްތަ އަންނަނީ ހިނގުމުގެ ދަތިތަކާއި ކުރިމަތިލަމުންނެވެ. ނަމަވެސް މިއަދު މަރިއްތައަކީ ހުރި ނުކުޅެދުންތެރިކަމަކަށް ނުބަލައި ދިރިއުޅުމުގައި ފައިތިލަ ސާބިތުކޮށްފައިވާ ފަރާތެކެވެ. މިއަދު އެއީ ދިރިއުޅުމުގައި ކާމިޔާބު ކަނބަލެކެވެ. މުޅި އާއިލާ ފަޚުރުވެރިވާ ދަރިއެއް، އަންބެއް އަދި މަންމައެކެވެ.

މަރީއްތައަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތައް ފުރުސަތު ތަކެއް ހޯދައިދީ އެފަރާތްތަކުގެ ހައްގުގައި ވަކާލާތު ކުރަމުން އަންނަ ހިތްވަރުގަދަ ކަނބަލެކެވެ. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގަމުން އަންނަ މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާރސަންސް ވިތު ޑިސްއެބިލިޓީ (އެމްއޭޕީޑީ) ގެ ދިއްދޫ ގޮފީގެ ކޯޑިނޭޓަރެވެ. އަދި މަރިއްތަ އިސްނަގައިގެން ވަނީ "ކުލުނު" ކިޔާ ޖަމިއްޔާއެއްވެސް އުފައްދާފައެވެ. މަރިއްތަ ބުނާ ގޮތުގައި މިފަދަ ޖަމިއްޔާތަކުގެ ސަބަބުން ކުދިންނަށް އެތައް ފުރުސަތު ތަކެއް ފަހިވެގެންގޮސްފިއެވެ. އެގޮތުން  ޖަމިއްޔާ ފަށައިގެން ހަފުތާއެއްގެ ތެރޭގައި ރިވެލި މައުރަޒުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދީން ބައިވެރިވެފައިވާ ކަން އުފަލާއެކީ މަރިއްތަ ފާހަގަ ކުރިއެވެ. "ޖަމިއްޔާ ފަށައިގަތްތާ ހަފުތާއެއްގެ ތެރޭގައި ރިވެލި މައުރަޒު ބޭއްވުނު. ފުރަތަމަ އޭގައި ޚާއްސަ އެހީއަށް ބޭނުންވާ 6 ކުދީން ބައިވެރިވި. ދެން ޖެހިގެން އައި ރިވެލި މައުރަޒުގައި ގިނަ ކުދީންތަކެއް ތަމްރީނުކޮށް ވަނީ ބައިވެރިކުރެވިފައި" މަރިއްތަ ކިޔާދިނެވެ.

މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ކުދީންނަށް ހުޅުވާލައިގެން ކޭކު ކޯހެއް ކުރިއަށް ގެންދަން ނިންމާފައިވީނަމެވެސް ކޮވިޑް އާއި ގުޅިގެން ކޭކު ކޯސް ކުރިއަށް ނުގެންދެވިފައިވާ ކަމަށް މަރިއްތަ ހާމަކުރިއެވެ. ޚާއްސަ އެހީއަށް ބޭނުންވާ ކުދީންނަށް އަމާޒުކޮށްގެން ތަފާތު އެކި ހަރަކާތްތައް ކުރިއަށް އޮތް ތަނުގައި ހިންގުމަށް ރާވަމުންދާ ކަމަށްވެސް މަރިއްތަ ފާހަގަކުރިއެވެ.

ދިއްދޫގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ކުދީން ކައިރިއަށް ގޮސް އެކުދީންގެ ހާލު އެންމެ ގާތުން މަރިއްތަ އޮޅުން ފިލުވަމުންދާ ދިއުމަކީ މިފަދަ ކުދީންނާއި މެދު މަރިއްތަގެ ހިތުގައި ނިމުމެއްނުވާ ލޯބި އޮންނަކަން ދޭހަވާ އަލިގަދަ ހެއްކެކެވެ.

"ގޭގެ އަށް ހަމަ ޕާރސަނަލީ ގޮސް ކުދީންގެ ހާލު އޮޅުންފިލުވާފަ ހުންނާނީ. އަދި މިހެން ދާއިރުގައި އަމިއްލައަށް ހިނގާ ބިނގާ އުޅޭވޭ ކުދީންވެސް ގޮވައިގެން ދަނީ" މަރިއްތަ ބުންޏެވެ.

ދިއްދޫގައި ބާއްވާ ހަފްލާއެއް ނުވަތަ ކުޅިވަރު މުބާރާތެއްގެ ޝަރަފްވެރި މެހެމާނަކަށް މަރިއްތަ ގެންދާކަމީ ދިއްދޫ ރައްޔިތުންގެ މެދުގައި މަރިއްތަ އަށް އޮތް ލޯބި ހާމަ ވެގެންދާ ކަމެކެވެ. އެގޮތުން 2017 ވަނަ އަހަރުގެ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ހއ.ދިއްދޫގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރެވިގެން ދިޔައިރު އެދުވަހުގެ ޝަރަފުވެރި މެހެމާނަކީ މަރިއްތައެވެ. މަރިއްތަ ބުނާ ގޮތުގައި އެއީ މަރިއްތަ އެންމެ ފުރަތަމަ ޝަރަފްވެރި ކޮށްދިން ޖަލްސާއެވެ. އޭގެ ފަހުން ރަށުގައި ބާއްވާ އެކިއެކި ޖަލްސާތަކާއި މުބާރާތްތަކުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި މަރިއްތަ އަންނަނީ ބައިވެރިވަމުންނެވެ.

މަރިއްތައަކީ ހަމައެކަނި ޚާއްސަ އެހީއަށް ބޭނުންވާ ކުދީންނަށް އެކުދީންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެއްނޫނެވެ. އެއީ ފާއިތުވެދިޔާ 26 އަހަރު ދުވަހު ދިއްދޫގައި ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ހީވަގި ކެރޭ އެދުރެކެވެ. އެގޮތުން މެދުނުކެނޑި ފާއިތުވި 26 އަހަރުދުވަހު ޓިއުޝަނުގެ ޚިދުމަތް ދިއްދޫ އާއި ދިއްދޫ އަށް ތައުލީމް ހާސިލް ކުރަން އަންނަ ކުދިންނަށް ދީ އަދި މިހާރުވެސް އެ ޚިދުމަތް ދިނުމުގައި ދެމި ހުރި ފަރާތެކެވެ.

މަރިއްތަ ބުނާ ގޮތުގައި ކޮންމެ ކުއްޖަކަށްވެސް އެ ލިބޭ ކާމިޔާބަކީ މަރިއްތައަށް ލިބޭ ވަރަށް ބޮޑު ކާމިޔާބެކެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީއަކީ ދިއްދޫގައި ހުންނަ އަމާންވެށީގައި ތިބި ދެ ކުދިންނަށް ޖީސީއީން ލިބުނު ކާމިޔާބީއެވެ. "ތިން އަހަރުދުވަހު ކުރަން ޖެހޭ މަސައްކަތް ދޮޅު މަސްދުވަހުގެ ތެރޭގައި ކުރަން ޖެހުން. އެދުވަސް ތަކުގައި އެ ކުދީން ހިތްހަމަ ޖެހޭ ގޮތަށް ކިޔަވައިދިނީ. އެޑިޔުކޭޝަނުން ވެސް ވަނީ އެ ކުދިންގެ ނަތީޖާ ފާހަގަ ކޮށްފައި. މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދީންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅީ މި ދެކުދިން ކަމަށް އެޑިޔުކޭޝަނުން ވެސް ފާހަގަ ކުރި. އެއީ މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ" މަރިއްތަ ކިޔައިދިނެވެ.

މީގެ އިތުރުން އެހެން ކާމިޔާބީ އެއްވެސް ވަނީ ހިއްސާ ކޮށްފައެވެ. އަޑުއިވުމުން މަހުރޫމްވެފައި ހުރި ކުއްޖަކަށް ކިޔަވާއިދޭން އެކުއްޖާގެ ބެލެނިވެރިޔާ އެދުނުއިރު އެއްވެސް ވަރަކަށް ސައިންލެޓް ލެންގުއޭޖެއް ނޭނގެއެވެ. ދެން އާ ތަޖުރިބާއެއް ކޮށްލަން ބޭނުންވުމާއެކީ އެކުއްޖާއަށް ކިޔަވައިދިނީއެވެ. އިނގިރޭސީން ލިޔެގެން ކިޔަވައިދިނީއެވެ. އެކުއްޖާވެސް އިމްތިހާނުން ފާސްވިއެވެ. އެއީވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ޓިއުޝަން ދިނުމުގެ ޚިދުމަތް ދޭންފަށާފައިވަނީ 1995ވަނަ އަހަރު ގުރޭޑް ނުވައެއްގައި ތައުލީމް ހާސިލް ކުރި ދުވަސްވަރުކަމަށް މަރީއްތަ ބުނެއެވެ. ޓިއުޝަން ދިނުމަކީ މަރީއްތަގެ ދިރިއުޅުމުގެ އެއްބައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ގުރޭޑް 9ގައި އުޅުނު އިރު އެންމެ ފުރަތަމަ ޓިއުޝަން ދިނީ އެއްވެސް ކަމެއް ނުކޮށް ހުރީމައި ކޮއްކޮމެންނަށް ކިޔަވާއިދޭން މަންމަ އެދުމުންނެވެ. ދެން ކޮއްކޮމެންނާއި އަވަށްޓެރި ކުދީންނަށް އެންމެ ފުރަތަމަ ޓިއުޝަން ދޭންފެށީއެވެ. ޓިއުޝަން ދޭން ފަށައިގަތް ހިސާބަކީ އެއީއެވެ.

މަރިއްތަ ވަނީ ދިއްދޫ ކުދީންގެ އިތުރުން ދިއްދޫއަށް ތައުލީމް ހާސިލް ކުރުމަށް ރަށުން ބޭރުން އަންނަ ހުރިހާ ކުދިންނަށް ކަހަލަ ގޮތަކަށް ޓިއުޝަނުގެ ޚިދުމަތް ދީފައެވެ. މަރިއްތަ ބުނާ ގޮތުންނަމަ މިހާރު 1000 އަށް ވުރެން ގިނަ ކުދީންނަށް މަރިއްތަ ވަނީ ޓިއުޝަން ދީފައެވެ. އަދި މިވަގުތުވެސް 100ށް ވުރެ ގިނަ ކުދީން އަންނަނީ މަރީއްތަ ކައިރީން ޓިއުޝަން ހޯދަމުންނެވެ.

މަރިއްތަ ބުނާ ގޮތުގައި ކުރިއާއި އަޅާއި ބަލާއިރު މިހާރު ވަރަށް ބޮޑުތަނުން ވަނީ މީހުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މެދު ހޭލުން ތެރިވެފައެވެ. ކުރީގައި އެއްވެސް ކަހަލަ ހަރަކާތެއްގައި އެ ފަރާތްތަކަށް ބައިވެރރިނުވެވުނަސް މިހާރު ގިނަ ފުރުސަތު ތަކެއް ފަހިވެފައިވެއެވެ.

ނިންމާލަމުން މަރިއްތަ ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ލިބިއްޖެނަމަ އެއީ ބަދުނަސީބު ކަމަށް ނުބަލައި އެއީ ލިބުނު ނަސީބެއް ކަމުގައި ބެލުމަށް އެކުދީންގެ ބެލެނިވެރީނަށް ގޮވާލާފައެވެ. މަރިއްތަ މިހާރު ހުރީ ޚާއްސަ އެހީއަށް ބޭނުންވާ ކުދީންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް އުފުލަން ޖެހޭ ކޮންމެ ބުރައެއް ވެސް އުފަލަން ތައްޔާރަށެވެ. ނުކުޅެދުންތެރިކަމާއެކު މަރިއްތަ ވަނީ ތާރީޚުގެ ތެރެއަށް ވަދެފައެވެ. 

ޖަމިއްޔާ ފަށައިގަތްތާ ހަފްތާއެއްގެ ތެރޭގައި ރިވެލި މައުރަޒު ބޭއްވުނު. ފުރަތަމަ އޭގައި ޚާއްސަ އެހީއަށް ބޭނުންވާ 6 ކުދީން ބައިވެރިވި. ދެން ޖެހިގެން އައި ރިވެލި މައުރަޒުގައި ގިނަ ކުދީންތަކެއް ތަމްރީން ކޮށް ވަނީ ބައިވެރިކުރެވިފައި
މަރްޔަމް ރިޔާޝާ މަޖީދު
ގޭގެ އަށް ހަމަ ފާރސަނަލީ ގޮސް ކުދީންގެ ހާލު އޮޅުންފިލުވާފަ ހުންނާނީ. އަދި މިހެން ދާއިރުގައި އަމިއްލައަށް ހިނގާ ބިނގާ އުޅޭވޭ ކުދީންވެސް ގޮވައިގެން ދަނީ
މަރްޔަމް ރިޔާޝާ މަޖީދު
ތިން އަހަރުދުވަހު ކުރަން ޖެހޭ މަސައްކަތް ދޮޅު މަސްދުވަސް ތެރޭގައި ކުރަން ޖެހުން. އެ ދުވަސް ތަކުގައި އެ ކުދީން ހިތްހަމަ ޖެހޭ ގޮތަށް ކިޔަވައިދިނީ. އެޑިޔުކޭޝަން އިންވެސް ވަނީ އެ ކުދިންގެ ނަތީޖާ ފާހަގަ ކޮށްފައި. މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދީންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅީ މި ދެކުދިން ކަމަށް އެޑިޔުކޭޝަން އިން ވެސް ފާހަގަ ކުރި. އެއީ މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ
މަރްޔަމް ރިޔާޝާ މަޖީދު
އަޑުއިވުމުން މަޙުރޫމްވެފައި ހުރި ކުއަޖަކަށް ކިޔަވާއިދޭން އެކުއްޖާގެ ބެލެނިވެރިޔާ އެދުންު އެކަމަކު އެއްވެސް ވަރަކަށް ސައިންލެޓްލެންގުއޭޖް އެއް ނޭނގޭ. އެ ވާހަކަ ބެލެނިވެރިޔާ ކައިރީގައި ބުނީމަ ބުނި ކުއްޖާ އަށް އިނގިރޭސީ އިނގޭނޭ. ދެން އާ ތަޖުރިބާ އެއް ކޮށްލަން ބޭނުންވުމާއި އެކީ އެކުއްޖާ އަށް ކިޔަވާއިދިނީ. ހަމަ އިނގެރޭސީން ލިޔެގެން ކިޔަވައިދިނީ. ރަށުން އޭގަ ކުދިންނަށް ޖީސީއީ އިމްތިހާން ނުހެދޭތީން މާލެ ދިޔައީ. އެކުއްޖާ އަށް ކިޔަވާއިދިން ޓީޗަރުވެސް ބުނިކަމަށް ވަނީ ވަރަށް ރަނގަޅަށޭ ކިޔަވައިދިފައި މިހިރީ. އެކުއްޖާވެސް އިމްތިހާނުން ފާސްވި. އެއީވެސް ލިބުން ވަރަށް ބޮޑު ކާމިޔާބީއެއް
މަރްޔަމް ރިޔާޝާ މަޖީދު
ގުރޭޑް 9ގައި އުޅުނު އިރު އެންމެ ފުރަތަމަ ޓިއުޝަން ދިނީ. އޭރު އެއްވެސް ކަމެއް ނުކޮށް ހުރީމައ މަންމަމެން ބުނޭ ކޮއްކޮމެންނަށް ކިޔަވާއިދޭން. އިންޓަރެސްޓެއް ހުރި ކަމެއްވެސް ނޫން މިއީ ފަށައިގަތް އިރަކު. ދެން ކޮއްކޮމެންނާއި އަވަށްޓެރި ކުދީންނަށް އެންމެ ފުރަތަމަ ޓިއުޝަން ދޭންފެށީ. އެއީ ޓިއުޝަން ދޭން ފަށައިގަތް ހިސާބަކީ
މަރްޔަމް ރިޔާޝާ މަޖީދު
ޙާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ލިބިއްޖެނަމަ އެކުއްޖަކީ ލިބުނު ބަދުނަސީބެއް ކަމުގައި ނުބަލައި ތިމާ އަށް މާތްﷲ ދެއްވި ނަސީބެއް ކަމުގައި ބަލާ. އެކަހަލަ ކުއްޖަކު މުޖްތަމައުގެ ތެރެއަށް ނެރެގެން މުޖްތަމައު ބަލައިގަންނަ ކަހަލަ ކުއްޖަކަށް ހެދުމަށް މަސައްކަތް ކުރަން ވާނެ. އޭގެ މިސާލެއް އަޅުގަނޑަކީ. ދުވަހަކުވެސް މައިންބަފައިން އަޅުގަނޑާ އެހެން ކުދީންނާ ތަފާތެއް ނުކުރޭ. ބައެއް ކުދީން ގާތުގައި ސްކޫލަށް ނުދަނީ ކީއްވެހޭ އަހާލީމަ އެބަ ބުނޭ ކުދިން ދިމާކޮށް މަލާމާތް ކުރަނީއޭ. ކުރީގައި އަޅުގަނޑަށް ވެސް ކުދީން މަލާމާތް ކުރި. ހިތް ކުދިކުދި ވާ ކަހަލަ ކަންތަށް ވެސް ދިމާވި. އެކަމަކު މައިންބަފައިން އެދިން ހިތްވަރުގެ ސަބަބުން އެދުވަހު ފަހަތަށް ނުޖެހި ކާމޔާބު ކަމާއިއެކީ މިއަދު މިހިސާބަށް އައިސް މިހިރީ. އެހެންވީމަ ބެލެނިވެރިން ވެސް އެކުދީނަށް ހިތްވަރުދޭށޭ ކުރިއަށް ދާން
މަރްޔަމް ރިޔާޝާ މަޖީދު
މަރިޔަމް ރިޔާޝާ މަޖީދް އޭނާގެ އާއިލާއާ އެކު - މަލީހާ ރަޝީދު
މަރިޔަމް ރިޔާޝާ މަޖީދް އޭނާގެ އާއިލާއާ އެކު - މަލީހާ ރަޝީދު
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
13%
88%
0%
0%
0%
0%
ކޮމެންޓް