ލީބިޔާގެ ކުރީގެ ލީޑަރު މުޢައްމަރުލް ޤައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަލްޤައްޒާފީއަށް ޑިސެމްބަރ މަހު ލީބިޔާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެކަމަށް އެގައުމުގެ ކޯޓުން ހުކުމްކޮށްފައިވާކަމަށް ސައިފުލް އިސްލާމްގެ ވަކީލު ވިދާޅުވެއްޖެއެވެ.
2019 ވަނަ އަހަރުން ފެށިގެން ލީބިޔާގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް މަސައްކަތްކުރަމުންދާއިރު މިހާރު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް އިންތިޚާބު ކައިރިވަމުން އަންނަވަރަކަށް ލީބިޔާގެ މަސްރަހު އަންނަނީ ހޫނުވަމުންނެވެ. ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ނުބޭއްވުމާއި ދެކޮޅަށް ސައިފުލް އިސްލާމު ކޯޓަށް ހުށަހަޅާފައިވާ މައްސަލަވެސް ކުރިޔަށް ގެންދެވޭ ގޮތެއް ނުވެއެވެ. އެއީ ހަނގުރާމަވެރިން ކޯޓު ހިމެނޭ ސަރަހައްދު ހިސާރުކޮށްފައިވާތީއެވެ.
މިއާއެކު ލީބިޔާގެ އިންތިޚާބާއި ދިމާކޮށް އެތައް ބަޔަކު ހައްޔަރުކުރާނެކަމަށް ވަނީ މިހާރުވެސް ބެލެވިފައެވެ. މީގެއިތުރުން ލީބިޔާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ލީބިޔާގެ ހުޅަނގު ސަރަހައްދުގައިވާ އިލެކްޝަންގެ ފަސް ސެންޓަރަކަށް ހަތިޔާރު އެޅި ހަނގުރާމަވެރިން ވަދެ ވޯޓު ކަރުދާސްތައް ވަގަށް ނަގާފައިވާކަމަށެވެ.
މިއާއެކު މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ލީބިޔާގައި ސުލްހަވެރި އިންތިޚާބެއް ބާއްވާ އެންމެން ގުޅިގެން އުފައްދާ ސަރުކާރެއް އުފެއްދިދާނެކަމާމެދު ސުވާލު އުފައްދަމުންނެވެ. ވަކިން ޚާއްސަކޮށް ލީބިޔާގެ ހުޅަނގާއި އިރުމަތީގައި އުފެދިފައިވާ ފެކްޝަންތަކުގެ މެދުގައި ހުރި ނުތަނަވަސްކަމުގެ ސަބަބުން އިންސާފުވެރި ދެފުށް ފެންނަ އިންތިޚާބެއް ބޭއްވިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް 98 މީހުން ރަޖިސްޓްރީކުރިއިރު ލީބިޔާގެ އިލެކްޝަން ކޮމިޝަނުން ވަނީ 25 މީހުންގެ ނަން ޑިސްކޮލިފައިކޮށްފައެވެ. އަދި މިހާތަނަށް އައިއިރުވެސް ލީބިޔާގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައެއްނުވެއެވެ.
ބައްޕާފުޅު ޤައްޒާފީގެ ވެރިކަން ދިފާއުކުރެއްވުމަށް ހިންގެވި ޖަރީމާތަކާއި ގުޅިގެން ސައިފުލްއިސްލާމުގެ ޣައިރު ހާޒިރުގައި 2015 ވަނަ އަހަރު ވަނީ އޭނާ މެރުމަށް ޓްރިޕޮލީގެ ކޯޓަކުން ހުކުމްކޮށްފައެވެ. ލީބިޔާގެ ކުރީގެ ސަރުކާރަށް ތާއީދުކުރާ މީހުންގެ މެދުގައި އެންމެ އިސް މީހެއްގެ ގޮތުގައި ދެކެމުން އަންނަ މީހަކީ ސައިފުލް އިސްލާމެވެ. އެހެންކަމުން އިންތިޚާބުގައި ސައިފުލް އިސްލާމަށް ވާދަކުރެވޭނެކަމަށް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އޭނާގެ ސަޕޯޓަރުން ވަނީ އުފާފާޅުކޮށްފައެވެ.
އެހެންނަމަވެސް ލީބިޔާގައި ހަރަކާތްތެރިވާ އަސްކަރީ ގްރޫޕްތަކާއި އެހެންވެސް ބާރުތައް ހަމަހަމަކަމާއެކު ދެމެހެއްޓެންޖެހޭކަމަށް ގަބޫލުކުރާ މީހުން ދެކޭ ގޮތުގައި ސައިފުލް އިސްލާމުގެ ނަން ވޯޓު ކަރުދާހުގައި އޮތުމަކީ ގަބޫލުކުރެވޭ ކަމެއް ނޫނެވެ. ވަކިން ޚާއްސަކޮށް ބައްޕާފުޅު ޤައްޒާފީގެ ލޭއޮހޮރުވުން ބޮޑު ވެރިކަމަށް ފަހު އޭނާގެ ދަރިކަލުންނަށް ވެރިކަމަށް އާދެވުމުގެ ފުރުސަތު ލިބިގެންނުވާނެކަމަށް އަންނަނީ ދެކެވެމުންނެވެ.
އިރުމަތީގައި ހަރަކާތްތެރިވާ ކޮމާންޑަރ ޚަލީފާ ހަފްތާރުގެ ބެލުމުގެ ދަށުން ސެބާގެ ކޯޓު ބަންދުކޮށްފައި ހަނގުރާމަވެރިން ބެހެއްޓުމަކީ އިދިކޮޅު ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ހިންގާ ކަންތައްތަކެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ލީބިޔާގެ ދެކުނާއި އިރުމަތީގެ ބޮޑު ބަޔެއް ކޮންޓްރޯލްކުރަމުން އަންނަ ލީބިއަން ނޭޝަނަލް އާރމީގެ ކޮމާންޑަރ ހަފްތާރަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއްވެސްމެއެވެ. ލީބިޔަން ނޭޝަނަލް އަރމީ ބުނަމުން އަންނަނީ ކޯޓުތައް ބްލޮކް ކުރަނީ ނޫންކަމަށާއި އެތަން ހިމާޔަތްކުރަނީކަމަށެވެ.