ކުރިޔަށް އޮތް މަސްދުވަސްތެރޭގައި ޔޫރަޕް ސަރަހައްދުން ފެންނަމުންދާ ކޮވިޑް-19ގެ ކޭސްތަކުގެ ދެބައިކުޅަ އެއްބައަށްވުރެ ބޮޑު ބަޔެއް ހިއްސާކުރާނީ އޮމިކްރޯން ވޭރިއަންޓްކަމަށް ޔޫރަޕިއަން ޔޫނިއަން ޕަބްލިކް ހެލްތު އެޖެންސީން ބުނެފިއެވެ.
އެއެޖެންސީން ބުނީ މިހާތަނަށް ޔޫރަޕް ސަރަހައްދުން ފެނިފައިވާ ކޭސްތަކަށް ބަލާއިރު، އަދި ކޮވިޑްގެ ނުރައްކާތެރި ހިސާބަށްގޮސްފައިވާ ކޭހެއް ފެނިފައިނުވާކަމަށެވެ. ޑެލްޓާ ވޭރިއަންޓަށްވުރެވެސް ހަލުވިމިނުގައި އޮމިކްރޯން ވޭރިއަންޓް ފެތުރޭކަމަށް މިހާތަނަށް ވަނީ ބެލެވިފައެވެ.
ޔޫރަޕިއަން ސެންޓަރ ފޮރ ޑިޒީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ)ން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިހާތަނަށް އެ ސެންޓަރުން ކުރިޔަށް ގެންގޮސްފައިވާ ދިރާސާ މޮޑެލްތަކަށް ބަލާއިރު، ކުރިޔަށް އޮތް މަސްތަކުގެ ތެރޭގައި ޔޫރަޕުން ފެންނަ އެންމެ ގިނަ ކޮވިޑްގެ ވޭރިއަންޓަކަށް ވާނީ އޮމިކްރޯން ވޭރިއަންޓްކަމަށެވެ.
އީޔޫއާއި ޔޫރަޕިއަން އިކޮނޮމިމް އޭރިއާގެ ތެރޭގައި އީޔޫގެ 27 މެމްބަރު ގައުމެއް ހިމެނޭއިރު، އޭގެތެރޭގައި އައިސްލޭންޑް އަދި ނޯވޭވެސް ހިމެނެއެވެ.
އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދާ ހަލުވި މިން ދެނެގަނެވޭވަރުގެ ޑާޓާތަކެއް އަދި މިހާތަަނަށް ލިބިފައެއްނުވެއެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން އަންދާޒާކުރާ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި އެކަން ދެނެގަނެވޭވަރުގެ ޑާޓާތައް ލިބޭނެއެވެ.
ފްރާންސް ސަރުކާރަށް ލަފާދޭ އެންމެ އިސް ސައިންޓިސްޓްކަމުގައިވާ ޖޭން ފްރާންކޮއިސް ވިދާޅުވީ ޖެނުއަރީ މަސް ނިމޭ ހިސާބުގައި، ޑެލްޓާ ވޭރިއަންޓް ފެތުރިފައިވާ މިންވަރަށްވުރެވެސް އިތުރަށް އޮމިކްރޯން ވޭރިއަންޓް ފެތުރޭނެކަމަށް ބެލެވޭކަމަށެވެ.
ޔޫރަޕުން މިހާތަނަށް އައިއިރު އޮމިކްރޯން ވޭރިއަންޓްގެ 79 ކޭސް ވަނީ ފެނިފައެވެ. އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ. ނަމަވެސް މާހިރުން ގަބޫލުކުރާ ގޮތުގައި އެވޭރިއަންޓް ދެނެގަނެވުނު އިރުވެސް ވާނީ ދުނިޔޭގެ އެކި ހިސާބުތަކަށް ވޭރިއަންޓް ފެތުރިފައެވެ.
މިހާތަަނަށް އައިއިރު ފެނިފައިވާ އޮމިކްރޯން ވޭރިއަންޓްގެ ދެބައިކުޅަ އެއްބައި ކޭހަކީ ހަށިގަނޑުގައި ވައިރަސްގެ އަލާމާތެއް ހުރިކަން ނޭންގި ފެނިފައިވާ ކޭސްތަކެވެ. އަދި ބަލިޖެހުމުގެ ކުރިން އެހާބޮޑެތި އަލާމާތްތަކެއްވެސް ފެނިފައެއްނުވެއެވެ. މިހާތަނަށް އައިއިރު މިވޭރިއަންޓް ޖެހިގެން ބަލީގެ ހާލަތު ބޮޑުވަރުވެ ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުނު، އަދި މިވޭރިއަންޓް ޖެހިގެން މަރުވުމުގެ ކޭހެއް ރިކޯޑް ކުރެވިފައެއްނުވެއެވެ.
މިހާތަނަށް ލިބިފައިހުރި ޑާޓާތަކަށް ބަލާއިރު މިވޭރިއަންޓް ގިނައިން ޖެހިފައިވަނީ ޒުވާނުންނެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށެވެ.