ކ. މާލެ
|
2 ޑިސެންބަރ 2021 | ބުރާސްފަތި 13:11
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ރައީސް ޔާމީނު ތިޔަ ދައްކަވަނީ މުޅިންވެސް ހޮޅިވާހަކައެވެ!
 
އަދުލުވެރިކަމާއި އިންސާފުގެ ވާހަކައިން ތިޔަ ކުރައްވަނީ މުޅި ގައުމަށް މަލާމާތެއް
 
ރައީސް ޔާމީނުގެ ދައުރުގައި ހިނގި ކަންކަން އެންމެންގެ ހަނދާނުގައިވެސް ހުރީ ހަރުލާފައި

ދުލެއް އޮތިއްޔާ އިންސާނަކަށް ކޮންމެ ވާހަކައެއްވެސް ދެއްކިދާނެއެވެ. އަޑުއަހާނެ އަދި އަތްތިލަބަޑި ޖަހާނެ ބަޔަކު ތިބިއްޔާ ހިތަށް އެރިހާ އަސަރުތަކެއް ހިމަނައިގެން ކުލަ ޖައްސައިގެން ޖުމްލަތަކެއް ގަތައި ބޭރުކޮށްލެވިދާނެއެވެ. އެޒާތަށް ކިތަންމެ ގިނައިން ވާހަކަ ދެއްކިއަސް އަދި ކިތަންމެ ގިނަ ބަޔަކު ތަރުހީބުދޭން ތިއްބަސް ހަގީގަތާ ޚިލާފު ކަމެއް ހަގީގަތަކަށް ނެހެދޭނެއެވެ. ކަޅުފޮއި ރޭގަނޑެއް ދުވާލަކަށް ނެހެދޭނެއެވެ. ހިލަގަނޑެއް ރަންގަނޑަކަށްވެސް ނެހެދޭނެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލުން ނުކުމެ ވަޑައިގެން މިހާރު އެދައްކަވާ ވާހަކަފުޅުތައްވެސް ހަމަ މިފަދައެވެ. އެމަނިކުފާނު ދުވަހަކުވެސް ކުށެއް ނުކުރައްވާ ކަހަލައެވެ. އެކަމަކު އެމަނިކުފާނު ކުރެއްވި ވެރިކަމެއް ކުރެއްވީ އިއްޔެއެވެ. އަދި ގިނަ ދުވަސްތަކެއް ނުވެއެވެ. ތާޒާކަންމަތީގައި ހަނދާނުގައި އެބަހުއްޓެވެ.

މުސްތަގްބަލް ދުއްވާލައި ދެތިން އަހަރު ޖަލުގައި ބޭއްވިއިރު އެމަނިކުފާނާ ދޭތެރޭ ހަމްދަރުދީ ނުވި މީހުން އެމަނިކުފާނުގެ އާއިލާއިން ތަހައްމަލްކުރީ ކޮންކަހަލަ ހިތާމަޔަކާއި ކެކުޅުމެއްތޯ ނުބަލަނީ ކީއްވެގެންތޯ ރައީސް ޔާމީނު ވަނީ ބުދަދުވަހު ސުވާލު ކުރައްވާފައެވެ. ވަރަށް އަސަރާއެކު މިވާހަކަތައް ދައްކަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަޖައިބު ހީވެއެވެ. ލަދުހަޔާތޭ ކިޔުނު އެއްޗެއްގެ ޒައްރެއްގެ މިންވަރުވެސް ލިބިގެންވާނަމަ ތިޔަ އިބާރާތުން ތިޔަ ވާހަކަ ދައްކަވަން ކެރިވަޑައިނުގަތީހެވެ. މަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގައި ހާދަހާ ގިނަ ބަޔަކު ޖަލަށް ލެވުނެވެ. ހާދަހާ ގިނަ އާއިލާއެއް ބިކަވެ ނިކަމެތިވިއެވެ. ހާދަހާ ގިނަ މައިންނާއި ދަރިންގެ ލޮލުން ކަރުނަ އޮހުނެވެ. އެކަންކަން މިއަދު ހަނދުމަފުޅު ނެތުނީތޯއެވެ. އެދުވަހު މަނިކުފާނާއި މަނިކުފާނުގެ އައުވާނުންގެ ހަމްދަރުދީ ކޮބައިތޯއެވެ. ހަމްދަރުދީ ހައްގުވަނީ ހަމައެކަނި މަނިކުފާނަށްތޯއެވެ.

ޗެކު ނަމްބަރެއް ދިމާނުވެގެން އިޖުރާތުގެ މައްސަލައެެއް ފާހަގަ ކުރެވިގެން ސްޕްރީމްކޯޓުގެ ތިން ފަނޑިޔާރަކު މަނިކުފާނުގެ ޖަލު ހުކުމް ބާތިލް ކުރެއްވިޔަސް މަނިކުފާނުގެ ރިކޯޑުތައް މީސްމީހުންގެ ސިކުނޑިން ދޮވެވި ސައުފުވެގެނެއް ނުދެއެވެ. މަނިކުފާނުގެ ވެރިކަމުގައި އަނިޔާ ލިބުނު އެތައް އާއިލާއެއްގެ ކެކުޅުންތަކާއި ހިތާމަތައް ފުހެވި އެކަންކަމަކީ ނުވާ ކަންކަމަކަށެއް ނުވެއެވެ. ސަރިޔަތަކީ ބޭރުފުށަށް ހިނގާ އެއްޗެކެވެ. އެކަން އެންމެ ރަގަޅަށްވެސް އެނގިވަޑައިގަންނަވާނީ ހަމަ މަނިކުފާނަށެވެ. އެހެންވީމާ މިއަދު ހަމްދަރުދީގެ ވާހަކަ ދައްކަވައި މައުސޫމިއްޔަތުގެ ކާޑު ކުޅުއްވަނީ ހަނދުމައިގެ މައްސަލަޔަކުން ކަމަށްވާނަމަ އަލުން ހަނދުމަ ކުރައްވާށެވެ. މި ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި މަނިކުފާނަށްވުރެ އަނިޔާވެރި ވެރިކަމެއް ކުރެއްވި އެހެން ބޭފުޅަކު ނުވެއެވެ. އެއީ ހަގީގަތެކެވެ. އެ ސަފުހާތަކަށް ކަޅު ކޮފީއެއް ނޭޅެއެވެ.

މަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގައި މަނިކުފާނު ރުހިވަޑައި ނުގަންނަވާ މީހުން ހިފައި ހައްޔަރުކޮށް ހުރަގެޔަށްލައި އަނިޔާކުރި ކުރުމަކީ މަނިކުފާނުގެ ވެރިކަމުގެ އެންމެ ބޮޑު ހޯލްމާކެވެ. ސިޔާސީ ޕާޓީތަކުގެ ލީޑަރުން ތިއްބެވީ ކޮންތާކުތޯއެވެ. ފަނޑިޔާރުންނާއި މަޖިލީސް މެންބަރުން ތިއްބެވީ ކޮންތާކުތޯއެވެ. އެމީހުންގެ ދަރީންނާއި އަނބީންނާއި އެއްބަނޑު މީހުންނާއި ޅިޔަނުންނަށް ދާންދެން ހައްޔަރުކޮށް ބަރިބަރިޔަށް ހުކުމް ޖަހައިގެން މަނިކުފާނު ހުންނެވި ހުންނެވުން ހަމަ ބަރާބަރެވެ. ހިތްޕުޅަށް އެރީމާ ހަމަ އެރިގޮތަކަށް މީސްމީހުން ފްރޭމްކޮށް ޑްރާމާ ކުޅުއްވުންވެސް ހަމަ ބަރާބަރެވެ. އެއީ އިންސާފެވެ. އޭރު އެމީހުންނަށް ހަމްދަރުދީވުމާއި ހެޔޮ ބަހެއް ބުނުންވެސް މަނިކުފާނު ސިފަކުރެއްވީ ކުށެއްގެ ގޮތުގައެވެ. އެހެންވީމާ މިއަދު ތިޔަ ދައްކަވާ ހަމްދަރުދީގެ ވާހަކަ ދެކޮޅެއް ނުޖެހެއެވެ. ތިޔަ ދައްކަވަނީ މުޅިންވެސް ހޮޅި ވާހަކައެވެ.

ވަޒީފާއާ ދޭތެރޭ ބިރުގަތުމަކީ އެހެން މީހުންގެ ހައްގަށް އަރައިގަތުމަށް ލިބޭ ޓިކެޓެއް ނޫނޭ އަޑުފުޅަށް ވަރަށް ބާރުލައްވައިފައި ވިދާޅުވެއްޖައީމުއެވެ. އެކަމަކު ނިކަން ފުންކޮށް ވިސްނާ ވަޑައިގަންނަވާށެވެ. އެއީ ޓިކެޓެއްކަމަށް ހެއްދެވީވެސް ހަމަ މަނިކުފާނުގެ ވެރިކަމުގައި މަނިކުފާނު ނޫންތޯއެވެ. ފަނޑިޔާރުންނަށް ބިރު ދައްކަވައިގެން ނެރުއްވީ ކިތައް ހުކުމްތޯއެވެ. ކިތައް މީހުންގެ ވަޒީފާ ގެއްލުވައިލެއްވިންތޯއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތު މީހުންނާއި ޓީޗަރުންނާއި ސިވިލް ސާވިސްގެ ހުރިހާ ދިމާލަކުންނާއި ފަނޑިޔާރުގެއިންނާއި މިހެންގޮސް ހަމަ ހުރިހައި ދިމާލަކުން ސައްޕު ޖަހައި ބޭރުކޮށްލެވުނީ ކިތައް މީހުންތޯއެވެ. ފުލުހުންގެ މުއައްސަސާއަށް އުނދުޅި ބާނުއްވައިގެން ހަތުރުންގެ މައްޗަށް ހިންގެވީ ކިތައް ތަހުގީގުތޯއެވެ. ކިތައް ގޮދަޑިދަށަށް ފައިސާގެ ފުނިވަރުތައް ލައްވައިގެން ކިތައް ކޮޓަރިޔަށް ފިސްތޯލަ ވައްދަވައިގެން މީސްމީހުން ފްރޭމްކުރުމަށްޓަކައި ކިތައް ޑްރާމާ ކުޅުއްވިންތޯއެވެ. އެއީ ހަމަ ވަޒީފާގެ ބިރެއްނެތި އިންސާފުން ކުރެވުނު ކަންތަކެއްތޯއެވެ.

އަންނަ ނުފޫޒަށް ކަންކަން ނިންމާ ބަޔަކަށް ވެގެން ނުވާނެކަމަށާއި އަދުލު އިންސާފުގެ ތެރެއިން ނޫންގޮތަކަށް ކަންކަން ނިންމުމަކީ އަދުލުވެރި ގޮތެއް ނޫންކަމަށް ވިދާޅުވެ ރައީސް ޔާމީން މިއަދު ތިޔަ ދައްކަވާ ވާހަކަފުޅަކީ ހަނދުމަ ނެތުމުގެ މައްސަލައެކޭ ހީކުރާ ހިތެއް ނެތެވެ. މަނިކުފާނަކީ ކަންކަން ހަނދުމަ ނެތިކުރައްވާ ބޭފުޅެއް ނޫނެވެ. މީހަކާ މުޑިއަރައިފިތަ، އެއީ މުޅި އުމުރުދުވަހަށް ދެމިގެންދާ ހަސަދަޔެކެވެ. އެކަން މުޅި ގައުމު ދަނެއެވެ. އެހެންވީމާ މުޅިން ތަފާތު ވާހަކަފުޅުތަކަކުން ދިވެހި ގައުމާ މަނިކުފާނު ތިޔަ ކުރައްވަނީ ސަމާސާއެކެވެ. ތިޔަ ކުރައްވަނީ މަލާމާތެކެވެ. ދެއްވަމުން ތިޔަ ގެންދަވަނީ ޒާތެއްގެ އިންޒާރެއްވެސްމެއެވެ. މަނިކުފާނުގެ ވެރިކަން ވޯޓަކުން ދިވެހި ރައްޔިތުން 2018 ގައި ބަދަލުކުރި ކުރުމަކީ ވެސް މަނިކުފާނަށް ހަނދުމަ ނެތި ކުރެއްވޭނޭ ކަމެއް ނޫނެވެ. ފުރުސަތެއް ލިބިވަޑައިގެންފިނަމަ އެކަމުގެ ބަދަލު މުޅި ގައުމުގެ ކިބައިންވެސް ހިފާނެއެވެ. އެއީ މަނިކުފާނުގެ ތޮބީއަތެވެ. ގަތްދެވި ފިލިޔަސް ވީފަރިތައެއް ނުފިލައޭ ބުނެވޭ އުސޫލުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
7%
36%
0%
21%
14%
21%
ކޮމެންޓް
5 ޑިސެންބަރ 2021 | އާދީއްތަ 23:13
އެފް 12
މުޅި ުމުރުގައިވެސް އެންމެ ފުރިހަމަ އާރޓިކަލް.
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރުން މާދަމާ
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު