ކ. މާލެ
|
2 ޑިސެންބަރ 2021 | ބުރާސްފަތި 10:52
މަރްޔަމް ވިސާމް - ރެޖިސްޓްރާ އޮފް ކޮމްޕެނީސް
މަރްޔަމް ވިސާމް - ރެޖިސްޓްރާ އޮފް ކޮމްޕެނީސް
ރާއްޖެއެމްވީ
ފީ ނުދައްކާ ކުންފުނިތައް އުވާލުން
އަހަރީ ފީ ނުދައްކައިގެން ގިނަ އަދަދެއްގެ ކުންފުނިތަކެއް އުވާލަން ނިންމައިފި
 
ކުންފުންޏެއްގެ ރެކޯޑު ރަގަޅު ކުރުމަށްވެސް ޕޯޓަލް މެދުވެރިކޮށް އެދެންޖެހޭ
 
ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންނެއް ނުވަތަ ދައުވާއެއް އޮތްނަމަ އެކަން މިނިސްޓްރީއަށް އަންގަން ޖެހޭ
 
މިހާރުވެސް 18،000ށްވުރެ ގިނަ ކުންފުނި ވަނީ ރަޖިސްޓްރީ ކޮށްފައި

އަހަރީ ފީ ނުދައްކައިގެން ގިނަ އަދަދެއްގެ ކުންފުނިތަކެއް އުވާލަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، އަހަރީ ފީ ނުދައްކާ 3967 ކުންފުންޏެއް އުވާލުމަށް ނިންމާފައިވާ ކަމަށެވެ. އުވާލުމަށް ނިންމާފައިވާ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް ހިންގުމަށް ބޭނުންވާނަމަ އެކުންފުންޏަކުން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިލްތިމާޒްތަކެއް ފުރިހަމަ ކުރުމަށްފަހު އަންނަ އަހަރުގެ ޖެނުއަރީ 31ގެ ކުރިން އެކަން އަންގައިދޭ ލިޔެކިޔުންތަކާއެކު ކުންފުނި ހިންގަން ބޭނުންވާކަން އަންގައި އެ މިނިސްޓްރީގެ ބިޒްނަަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށްވެސް މިނިސްޓްރީން މިހާރުވަނީ އަންގާފައެވެ.

އުވާލުމަށް ނިންމާފައިވާ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންނެއް ނުވަތަ ދައުވާއެއް އޮތްނަމަ ނުވަތަ މިއިން އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ މިއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތްނަމަ، ކަމާގުޅޭ ތަފްސީލުތައް 31 ޖެނުއަރީ 2022 ގެ ކުރިން މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ. މި މުއްދަތުގެ ތެރޭގައި ތަފްސީލު ހުށަހަޅާފައިނުވާނަމަ، ދަރަންޏެއް ނުވަތަ ދައުވާއެއް ނެތްކަމުގައި ބަލާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި، ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއްގެ ރެކޯޑު ރަގަޅު ކުރުމަށް އެދޭނަމަ، ޕޯޓަލް މެދުވެރިކޮށް ތަފްސީލު ފޮނުވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

މިނިސްޓްރީގައި މިހާރުވެސް 18،000ށްވުރެ ގިނަ ކުންފުނި ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ދާދީ ފަހުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ގެނެވުނު އިސްލާހާއެކު ކުންފުނީގެ ރަޖިސްޓްރީ އައު ކުރުމަށްޓަކައި ވިޔަފާރި ކުރިއަށްގެންދަން ބޭނުންވާ ފަރާތުން ރަޖިސްޓްރީ އައުކުރުމަށް، މުއްދަތު ހަމަވުމުގެ އެއް އަހަރުގެ ކުރިން ހުށަހަޅަން ޖެހެއެވެ. އަދި ހަމަ މިއާއެކު ބިދޭސީން ނިވައިފަތްގަނޑަކަށްވެގެން ވިޔަަފާރިކުރާނަމަ އެ ވިޔަފާރިއެއް ބާތިލް ކުރުމުގެ ބާރުވެސް ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލިބިގެންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް