ކ. މާލެ
|
2 ޑިސެންބަރ 2021 | ބުރާސްފަތި 03:54
ވަޓްފޯޑާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން
ވަޓްފޯޑާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޗެލްސީ، ސިޓީ އަދި ލިވަޕޫލަށްވެސް މޮޅެއް
 
ޗެލްސީ މޮޅުވީ ވަޓްފޯޑް އަތުން 2-1 ގެ ނަތީޖާއަކުން
 
ސިޓީ މޮޅުވީ ވިލާ އަތުން 2-1 ގެ ނަތީޖާއަކުން
 
ލިވަޕޫލް މޮޅުވީ އެވަޓަން އަތުން 4-1 ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ތާވަލުގެ ކުރީގައި އޮތް ތިން ޓީމު ކަމަށްވާ ޗެލްސީ އާއި، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަދި ލިވަޕޫލުވެސް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ ވަޓްފޯޑް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޗެލްސީންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ކައި ހަވާޓްޒް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މޭސަން މައުންޓެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަޓްފޯޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމަނުއެލް ޑެނިސްއެވެ. އެކަމަކު މެޗުުގެ ދެވަނަ ހާފުގައި ޗެލްސީން ވަނީ އަލުން ލީޑު ނަގާފައެވެ. މައުންޓް ދިން ޕާހަކުން މެޗުގެ 72 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަކީމް ޒިޔެކެވެ.

ވިލާ އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މި މެޗުން މޮޅުވެ ޗެލްސީން ތާވަލުގެ އެއްވަނަ މަގާމު ދެމެހެއްޓިއިރު، ދެވަނައިގައި އޮތް ސިޓީ މޮޅުވީ އެސްޓަން ވިލާ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ރުބެން ޑިއާސް ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ގަބްރިއެލް ޖެސޫސް ހުރަސްކޮށްދިން ބޯޅައަކުން ބެނާޑޯ ސިލްވާ ވަނީ ހިތްގައިމު ލަނޑެއް ކާމިޔާބުކޮށް، ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވިލާއިން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި ކޯނަރަކުން އޮލީ ވަޓްކިންސް ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މި މެޗު ނިމެން ގާތްވެފައި ވަނިކޮށް ސިޓީން ވަނީ ވިލާގެ ކުރީގހެ ކެޕްޓަން ޖެކް ގްރީލިޝް ކުލެން އަރުވާފައެވެ. މިއީ މި އަހަރުގެ ހޫނު މޫސުމުގައި ސިޓީއަށް ބަދަލުވި ފަހުން، ކުރީގެ ކުލަބާ ދެކޮޅަށް ގްރީލިޝް ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުން ސިޓީ އަތުން ވިލާ ބަލިވިއިރު، މި މެޗަކީ އައު ސްޓީވެން ޖެރާޑުގެ ކޯޗުކަމުގައި އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. ޖެރާޑުގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވިލާއިން ވަނީ ލީގުގައި ބްރައިޓަން އަދި ކްރިސްޓަލް ޕެލެސް ބަލިކޮށްފައެވެ.

އެވަޓަނާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ލީގުގެ ތިންވަނައިގައި އޮތް ލިވަޕޫލް މޮޅުވީ އެވަޓަން އަތުން ފަސޭހަކަމާއެކު 4-1 ނަތީޖާއަކުންނެވެ.

އެވަޓަނުގެ ދަނޑުގައި ކުޅުނު ޑާބީ މެޗުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި އެންޑީ ރޮބަޓްސަން ދިން ޕާހަކުން ކެޕްޓަން ޖޯޑަން ހެންޑަސަން ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ 10 މިނެޓު ފަހުން ލިވަޕޫލުގެ ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑެމަރާއި ގްރޭ އެވަޓަނަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، ދެވަނަ ހާފުގައި ސަލާހު ވަނީ އަލުން ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި ލިވަޕޫލުން ޖެހި ހަތަރުވަނަ ލަނޑު ރޮބަޓްސަންގެ އެހީތެރިކަމާއެކު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތީ ކުޅުނު 14 މެޗުން ލިބުނު 33 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސިޓީއަށް 14 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ތިންވަނައިގައި ލިވަޕޫލް އޮތީ 14 މެޗުން 31 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް