ކ. މާލެ
|
1 ޑިސެންބަރ 2021 | ބުދަ 13:43
ސަލެނިޓާނާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
ސަލެނިޓާނާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ފުލުގައި އޮތް ސަލެނިޓާނާ އަތުން ޔުވެންޓަސްއަށް މޮޅެއް
 
ޔުވެންޓަސް މޮޅުވީ ސަލެނިޓާނާ އަތުން 2-0 ގެ ނަތީޖާއަކުން
 
ތާވަލުގެ ހަތްވަނައިގައި ޔުވެންޓަސް އޮތީ 24 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ތާވަލުގެ ފުލުގައި އޮތް ސަލެނިޓާނާ އަތުން ޔުވެންޓަސް މުހިންމު މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ ސަލެނިޓާނާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޔުވެންޓަސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ޑެޔާން ކުލުސެވްސްކީގެ އެހީތެރިކަމާއެކު އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާއެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ޔުވެންޓަސްގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ ލަނޑެއް ޖެހި ނަމަވެސް، އެ ޓީމުގެ މޮއިސް ކީން އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ނަތީޖާ އެއްވަރުކުރަން ސަލެނިޓާނާގެ ލޫކާ ރަނިއޭރީއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެއާއެކު މެޗުގެ 70 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ފެޑެރީކޯ ބެނަޑެސްކީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.

އަދި އިތުރު ލަނޑެއް ޖަހަން މެޗުގެ އިތުރު ވަގުތުގައި ޔުވެންޓަސްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ޑިބާލާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. މިއީ އޭރިއާ ތެރެއިން ޔުވެންޓަސްގެ މޮރާޓާއަށް ސަލެނިޓާނާގެ ނޯބާޓް ޖޮމްބާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުން ޔުވެންޓަސް މޮޅުވި ނަމަވެސް، މި ފަހަރު ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުގެ ތެރެއިން ފަސް މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. އެއާއެކު ޔުވެންޓަސް އޮތީ ތާވަލުގެ ހަތްވަނައިގައި ކުޅުނު 15 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަވަނައިގައި އޮތް ފިއޮރެންޓީނާއަށްވެސް 15 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ރޯމާއަށް 14 މެޗުން ވަނީ 25 ޕޮއިންޓް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް