ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ސްޕްރީމް ކޯޓުން ކުރި ހުކުމުން ތަހުގީގުކުރެވުނު ގޮތާއި ދައުވާ އުފުލޭ ގޮތާއި މިހުރިހާ ކަމަކަށް ވިސްނަންޖެހޭކަން އެނގިގެން ހިނގައްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާސްކް ސްޕީކާރ ޕްރޮގްރާމްގައި މީހެއްގެ ހައްގު ގެއްލިފައިވަނީ ކުށްވެރިޔާ ހަނުހުރުމުގެ ސަބަބުންކަމަށްވާތީ ހަނުހުރުމުގެ ހައްގު ބާތިލުކުރުމަށް ހުށަހެޅުމަށް އެދި އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އިއުތިރާފް ބަޔާން ނަގައިގެން އެބަޔާނުގެ މައްޗަށް ޝަރީޢަތް ހިންގުން ނުވަތަ ދައުވާ އުފުލުން އެއީ އެންމެ ރަނގަޅަށް އިންސާފު ލިބެވޭ ގޮތްކަމަށް ދެކެވަޑައިގަންނަވަން އުނދަގޫކަމަށެވެ. އިއުތިރާފް ނޫންގޮތަށް ހެއްކާއި ގަރީނާއިންވެސް އެކަން ފެންނަން ހުންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަބަދުވެސް ބުރަވެވެނީ އިއުތިރާފަށް ބުރަނުވެ ފެންނަން ހުރި ހެއްކާއި ގަރީނާ މެދުވެރިކޮށް މައްސަލަތައް ނިންމޭނެ ގޮތްވުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މުޅި ޝަރުޢީ ނިޒާމާ ގުޅިފައިވާ ހުރިހާ ކަމެއްވެސް ބަދަލުވާންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސްޕްރީމް ކޯޓުގެ ގަޒިއްޔާ ގައިވެސް ތަހުގީގު ކުރެވުނު ގޮތާއި އުފުލުނު ދައުވާ އާއި މިހުރިހާ ކަމެއް ވިސްނަންޖެހޭ. ޝަރުޢީ ނިޒާމު އެކަނި އިސްލާހު ވެގެން އަދި މިއެދޭ ނަތީޖާ ނުނިކުންނާނެ. ފުލުހުންގެ ތަހުގީގުތައްވެސް އިސްލާހުވާންޖެހޭ އިންވެސްޓިގޭޝަން ކަންތައްވެސް އަދި މާބޮޑަށް ބަދަލުވާންޖެހޭ. ހަމައެއާއެކު ޕްރޮސެކިޔުޝަންކަންތައް ދައުވާ އުފުލޭ ގޮތް ވެސް މާބޮޑަށް ބަދަލުވާންޖެހޭ.ރައީސް މުހައްމަދު ނަޝީދު/ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައީސް ޔާމީނަށް އިއްވި ހުކުމާއި ގުޅޭގޮތުން ވިދާޅުވަނީ ކީކޭތޯ އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހުކުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ކުރީގެ ވެރިއަކު ދޫކޮށްލުމަށް، މިނިވަން ކުރުމަށް ރާއްޖޭގެ ފަނޑިޔާރު ގެއަކުން ހުކުމްކުރި ފުރަތަމަ ފަހަރުކަމަށެވެ. ރާއްޖޭގެ 2000 އަހަރަށްވުރެ ދިގު ވެރިކަމުގެ ތާރީޚުގައި އެމީހެއްގެ ވެރިކަމުން ބޭރުގައި އެބާވަތުގެ ކަމެއްވީ ފުރަތަމަ ފަހަރުކަމަށް ނަޝީދު ވިދާޅުވިއެވެ. ގިނަ ފަހަރު ރާއްޖޭގެ ކުރީގެ ވެރިންނަށް އަލުން ވެރިކަމަށް ނާދެވި މަރާލެވި ނުވަތަ ހައްޔަރުގައި ވަނީ ނިމިގޮސްފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑަށް ފެންނަ ގޮތުގައި ދެކޭ ގޮތުގައި ޝަރީޢަތެއް ރަނގަޅަށް ކުރެވިގެން ގަޒިއްޔާއެއް ރަނގަޅަށް ނިންމޭކަމީ އެއީ ދިވެހި ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދެކެނީ. ޝަރުޢީ ނިޒާމު މިނިވަންވެ އިސްލާހުވެގެން އަންނަކަމީ ދިވެހިން އުފާވާނެކަމެއްގެ ގޮތުގައި ދެކެނީ. ދިވެހިން އެދޭކަމެއްގެ ގޮތުގައި ދެކެނީރައީސް މުހައްމަދު ނަޝީދު/ރައްޔިތުންގެ މަޖިލީހުގެ ރައީސް
ޖުޑީޝަރީ އިސްލާހުކުރުމުގެ ވައުދަކީ އެމްޑީޕީގެ ވައުދެއްކަމަށާއި އެމަސައްކަތުގެ ދަށުން މިހާތަަނަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ޝަރުއީ ނިޒާމު އިސްލާހުކުރެވިފައިވާ މިންވަރަކީ ވާދަވެރިންވެސް ފާހަގަކުރާކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ގަޒިއްޔާ ނިމުނު ގޮތުން ކޯޓުތައް އިސްލާހުވަމުން އަންނަކަމަށް ގިނަ ބަޔަކު ދެކޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެޖެންޑާ 19ގެ ދަށުން ޝަރުޢީ ނިޒާމު އިސްލާހުކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ފެންނަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޝަރުޢީ ނިޒާމު އިސްލާހުކުރުމަށް ހިންގުނުހާ މަސައްކަތް 2019 ވަނަ އަހަރުގެ ފުރަތަމަ ގަރާރާއި ސްޕްރީމް ކޯޓުން އިއްވާފައި ހުރި ހުކުމްތަކާއި ގުޅޭގޮތުން ޖޭއެސްސީން ހެދުނު ރިޕޯޓާއި އެރިޕޯޓް ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތާއި އެރިޕޯޓްގެ ނިންމުނު ނިންމާއި ގުޅިގެން ދެން ހުރި ލަފާތަކާއި އަދި ގާނޫނުތަކަށް ގެނެވުނު ބަދަލތަކާއި އަދި ޖޭއެސްއެސީގެ ގާނޫނަށް ގެނެވުނު ބަދަލާއި މިއެންމެހާ ކަންކަމުގެ ނަތީޖާއަކަށް ވެގެންމިދަނީ ވާދަވެރިންވެސް ޖުޑީޝަރީ ރަނގަޅުކަމަށް މިހާރު ބުނަން ފެށުން. އެއީ ލިބޭ ވަރަށް ބޮޑު އުފަލެއްރައީސް މުހައްމަދު ނަޝީދު/ރައްޔިތުންގެ މަޖިލީހުގެ ރައީސް
ޖުޑީޝަރީ އިސްލާހުކުރުމަށް އެޖެންޑާ 19ގެ ދަށުން ގިނަ މަސައްކަތްތެއް ވަނީ ކޮށްފައެވެ. އެގޮތުން ގާނޫނުތަކަށް ބަދަލު ގެނެސް ޖުޑީޝަރީ މިނިވަންކުރުމުގެ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.