ކ. މާލެ
|
1 ޑިސެންބަރ 2021 | ބުދަ 15:10
ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ އަޙްމަދު ޝިމާއު
ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ އަޙްމަދު ޝިމާއު
އަތޫފް އާތިފް
އަޙްމަދު ޝިމާއު
ޝިމާއު - ރަން މެޑެއްޔެއް ހޯދަން ކެތްމަދުވެފައި
 
އެންމެ ބޮޑު ކާމިޔާބީއަކީ 2017 ގެ އިންޓަ ރިސޯޓު މުބާރާތް
 
ސެންޓްރަލް ޒޯން މުބާރާތަށް ނުކުންނާނީ ރަން މެޑަލް ހޯދުމަށް

އައްޑޫ ސިޓީ ހިތަދޫއަށް އުފަން ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ އަޙްމަދު ޝިމާއު އަކީ ގައުމީ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިއެކެވެ. އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުން ވޮލީބޯޅައަށް ހިތްޖެހި، ވޮލީބޯޅައިން ކުރިއަށްދާން ކުރި އުއްމީދުތަކުގައި ޝިމާއު ކުލަ ޖެއްސީ މުބާރާތަކަށްފަހު މުބާރާތެއްގައި އޭނާގެ ކުޅުން އިތުރަށް ވަރުގަދަކޮށްގެންނެވެ.

މީގެ ކުރިން ޒުވާން ގައުމީ ޓީމުތަކުގައިވެސް ހިމެނުނު ޝިމާއު އެންމެ ފުރަތަމަ ގައުމީ ޒުވާން ޓީމުގައި ހިމެނުނީ 2007 ވަނަ އަހަރު 17 އަހަރުން ދަށުގެ ޓީމުގައެވެ. ގައުމީ ޓީމާއެކު ޝިމާއު ކުރި ފުރަތަމަ ތަޖުރިބާއަކީ އެ އަހަރު އީރާނުގައި ބޭއްވި 17 އަހަރުން ދަށުގެ މުބާރާތެވެ.

ރާއްޖެޓީވީއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ޝިމާއު ބުނީ އެ މުބާރާތް އަދިވެސް ހަނދާން ހުންނަ ކަމަށާއި، އެ މުބާރާތަށް ނުކުތްއިރު ބައިނަލްއަގުވާމީ މުބާރާތްތަކުގެ އެއްވެސް ތަޖުރިބާއެއް ނެތުމުން ކުޅުންތެރިން ތިބީ ވަރަށް އާވެފައި ކަމަށެވެ.

އެހާ ޒުވާންއިރު އިންޓަނޭޝަނަލް މުބާރާތެއްގެ ތަޖުރިބާނެތި ދިޔުމުން ވަރަށް އާވެފައި އެންމެންވެސް ތިބީ. ދެންހަމަ ވަރަށް ބިރުން ތިބީ.
ވޮލީ ކުޅުންތެރިޔާ އަޙްމަދު ޝިމާއު

ޝިމާއު ބުނީ އޭނާގެ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2017 ވަނަ އަހަރު ސޮނެވާ ފުށީގައި އޮތް އިންޓަ ރިސޯޓު ވޮލީބޯޅަ މުބާރާތް ކަމަށެވެ. އަދި އެ މުބާރާތް އެންމެ ކާމިޔާބު މުބާރާތަކަށްވީ ސޮނެވާއަށް ފުރަތަމަ ފަހަރަށް ރިސޯޓު މުބާރާތް ކާމިޔާބުކޮށްދިނުމުގައި އޭނާގެ ހިއްސާ އޮތުމުން ކަމަށްވެސް ބުންޏެވެ. އަދި ކެރިއަރުގައި އެންމެ ހިތްދަތިވީ 2019 ވަނަ އަހަރު ބޭއްވި އިންޓަ ރިސޯޓު ވޮލީ މުބާރާތް ސޮނެވާއާއެކު ކާމިޔާބު ނުކުރެވުމުން ކަމަށްވެސް ވަނީ ބުނެފައެވެ.

އެންމެ ބޮޑު ކާމިޔާބީއަކީ ސޮނެވާއަށް ފުރަތަމަ ފަހަރަށް ރިސޯޓު މުބާރާތް ކާމިޔާބު ކޮށްދެވުމުން. އޭގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އަޅުގަނޑާއި ހުޒާމުގެ. އަދި އެންމެ ހިތްދަތިވީ ސޮނެވާއަށް ތަށި މިލްކުކުރަން ލިބި އެކަން ނުވުމުން.
ވޮލީ ކުޅުންތެރިޔާ އަޙްމަދު ޝިމާއު

ޝިމާއު އިތުރަށް ބުނީ ގައުމީ ޓީމަށް ކުޅެން ލިބުމަކީ ކޮންމެ ކުޅުންތެރިއަކަށްވެސް ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށާއި، ގައުމީ ޓީމުގައި ހިމެނުމުން އެކަމާ ވަރަށް އުފާކުރި ކަމަށެވެ. އަދި މި މަހު ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން މުބާރާތަށް ނުކުންނާނީ އެއް އަޒުމެއްގައި ގައުމަށް ރަން މެޑަލް ހޯދައިދިނުމަށް ކަމަށްވެސް ބުންޏެވެ.

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބާއްވާއިރު، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިހާރު ވަނީ 15 ކުޅުންތެރިންގެ ސްކޮޑެއް ފައިނަލް ކޮށްފައެވެ. ޝިމާއުއަކީ އެ ސްކޮޑުގައި ހިމެނޭ މުހިންމު ކުޅުންތެރިއެކެވެ.

ސެންޓްރަލް ޒޯން މުބާރާތަށް 12 ކުޅުންތެރިންގެ ސްކޮޑެއް ދާއިރު، މުބާރާތަށް ތައްޔާރުވާން ބަހްރޭނުގައި ކުރާ ކޭމްޕުގައި ބައިވެރިވާނީ މި ފަހަރު އެކުލަވާލި 15 ކުޅުންތެރިންގެ ސްކޮޑެވެ. އެހެންކަމުން މިހާރު އެކުލަވާލި ސްކޮޑުން އަދި ތިން ކުޅުންތެރިއަކު ބާކީވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް